ޝަރީއަތް ނިމެންދެން ޖަލުގައި ބަންދުކޮށްފައިވާ ކުރީގެ ރައީސް މައުމޫނު އަބުދުލް ޤައްޔޫމުގެ ބަންދަށް ލުޔެއް ދެއްވައި މިރޯދަމަހު ގެއަށް ބަދަލުކޮށްދެއްވުމަށް ރައީސް މައުމޫނުގެ އަނބިކަނބަލުން މެޑަމް ނަސްރީނާ އިބުރާހިމް ކުރިމިނަލް ކޯޓާއި ޕީޖީ އޮފީހުގައި އެދިވަޑައިގެންފިއެވެ.
މެޑަމް ނަސްރީނާ އިބުރާހިމް މިކަމަށް އެދިވަޑައިގަތީ ކޯޓަށާއި ޕީޖީއަށް ވަކިވަކިން ފޮނުއްވެވި ސިޓީއެއް ގައެވެ. ކުރިމިނަލް ކޯޓުގެ އިސް ގާޟީ އާދަމް އާރިފަށާއި ޕްރެސެކިއުޓަރ ޖެނެރަލް އައިޝަތު ބިޝާމަށް އެޑްރެސް ކުރައްވައި މެޑަމް ނަސްރީނާ މިސިޓީ ފޮނުއްވާފައި ވަނީ ރޯދަމަސް ފެށުމުގެ ކުރިންނެވެ.
ރައީސް މައުމޫނަކީ، ބެނައިން ޕެރޮކްސިމަލް ޕޮޒިޝަނަލް ވަރޓިގޯ، އަނބުރައިގަންނަ ގޮތް ވުމުގެ އާލާސްކަންފުޅުގައި އުޅުއްވާ ބޭފުޅަކަށް ވުމާއި އެކު އަބަދުވެސް އަރިހުގައި މީހަކު ހުންނެވުމަށް ޑޮކްޓަރުން ލަފާދެއްވާފައިވާ ކަމާއި، އުމުރުފުޅުން 80 އަހަރު ފުޅަށް ވުރެ މައްޗަށް ގޮސްފައި ވާއިރު މިހާރުވެސް އެމަނިކުފާނު ޖަލުގައި 3 މަސް ދުވަސް ހޭދަ ކުރައްވާފައި ވާކަން މެޑަމް ނަސްރީނާ އިބުރާހިމްގެ ސިޓީފުޅުގައި ވަނީ ފާހަގަ ކުރައްވާފައެވެ.
މެޑަމް ނަސްރީނާގެ ސިޓީގައި ވިދާޅުވެފައި ވަނީ، ރައީސް މައުމޫނުގެ ސިއްހީ ހާލުކޮޅު ހުރި ގޮތުން ޟަރޫރީ ކަންކަންވެސް އެކަނި ނުކުރެއްވޭ ހާލަތަކަށް ގޮސްފައި ވާއިރު މި ރަމަޟާންމަހު އެމަނިކުފާނު އާއިލާ އާއި ދުރުގައި ޖަލުގައި ހުންނަވަން ޖެހިވަޑައިގަތުމަކީ، އެމަނިކުފާނުގެ ހާލުކޮޅު އިތުރަށް ގޯސް ވެދާނެ ކަމެއް ކަމަށެވެ. މިގޮތުން ރޯދަފުޅު ހިއްޕެވުމާއި ރޯދަމަހަށް ހާއްސަ އަޅުކަންތައް ކުރައްވައި ހެއްދެވުމަކީ، އެފަދަ ހާލުކޮޅެއްގައި ގިނިކަންޔާ ހުންނަވައިގެން ކުރެއްވުމަށް ވަރަށް ދަތިފުޅުވާނޭ ކަންކަން ކަމުގައި މެޑަމް ނަސްރީނާ ވަނީ ބަޔާން ކުރައްވާފައެވެ.
މީގެ ކުރިންވެސް ރައީސް މައުމޫނުގެ ސިއްޙީ ހާލަތަށް ރިޢާޔަތްކުރައްވައި، އެމަނިކުފާނު ގެއަށް ބަދަލުކޮށްދެއްވުމަށް މެޑަމް ނަސްރީނާ އިބުރާހިމް ކޯޓާއި ދައުލަތުގެ އެކި މުއައްސަސާތަކުގައި އެދިވަޑައިގެންފައިވެއެވެ.
މިގޮތުން ރައީސް މައުމޫން ޖަލު ބަންދުން ގޭ ބަންދަށް ބަދަލުކޮށްދެއްވަން ކެރިވަޑައިނުގަންނަވާނަމަ ރައީސް މައުމޫން އަރިހުގައި ޖަލުގައި ބަންދުކޮށްދެއްވުމަށް ޕޮލިސް ކޮމިޝަނަރު ޢަބުދުﷲ ނަވާޒަށް ފޮނުއްވެވި ސިޓީފުޅެއްގައި މެޑަމް ނަސްރީނާ އެދިވަޑައިގެންފައި ވެއެވެ.
ރައީސް މައުމޫނު ގެއަށް ބަދަލުކޮށް ދެއްވުމަށް އެދި އާއިލާއިން ކުރަމުންދާ އާދޭސްތަކަށް ރައީސް ޔާމީނުގެ ސަރުކާރުން ދެމުން ގެންދަނީ ބީރު ކަންފަތެކެވެ.
ރައީސް މައުމޫނު ގެއަށް ބަދަލުކޮށްދެއްވުމަށް މެޑަމް ނަސްރީނާ އެދިވަޑައިގެންފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ