ފެމިލީ ކޯޓުން ވީޑިޔޯ ކޮންފަރެންސްއިން ކައިވެނިކޮށްދޭން ފަށަނީ

ލޮކްޑައުންގެ ހާލަތާއި ގުޅިގެން ވީޑިޔޯ ކޮންފަރެންސިންގ މެދުވެރިކޮށް ކައިވެނިކޮށްދިނުމުގެ އިންތިޒާމް ފެމިލީ ކޯޓުން ހަމަޖައްސައިފިއެވެ.
މިކަމާއި ގުޅޭގޮތުން ފެމިލީ ކޯޓުން އާންމުކުރި އުސޫލުގައި ބުނީ މިފަދަ ކައިވެނިތަކުގައި ފުރިހަމަ ކުރަންޖެހޭނެ ކަންކަމާއި މަޖްލިސް ބާއްވާނެ ގޮތާއި ވަގުތު ކަނޑައަޅާނީ ކައިވެނީގެ ރަޖިސްޓްރާކަމަށެވެ. މި ކައިވެނިތައް ކުރެވޭނީ ކަނޑައެޅޭ އޮންލައިން ޕްލެޓްފޯމެއްގައެވެ.
މި ޕްލެޓްފޯމަށް ކައިވެންޏަށް ކަނޑައަޅާ ވަގުތުގެ ކުރިން ލޮގިން ވާންޖެހޭނެކަމަށް ވަނީ ބުނެފައެވެ.
ވީޑިޔޯ ކޮންފަރެންސްއިން ކައިވެނީގެ މަޖިލިސް ބޭއްވުމުގެ ކުރިން، ކައިވެނިކުރާ ދެ މީހުންނާއި ވަލީވެރިޔާ އަދި ހެކިވެރިން އިގުރާރުގައި ސޮއިކުރުމަށް ފަހު ކޯޓަށް ހުށަހަޅަންޖެހެއެވެ. އަދި ކައިވެނީގެ މަޖިލީހަށް ކޮންމެހެން ހާޒިރުވާންޖެހޭ މީހުން ހާޒިރުވެ ތިބިކަމާއި އެފަރާތްތަކުގެ އަޑާއި މަންޒަރު ސާފުކޮށް ލިބެމުންދާކަން ކަށަވަރު ކުރަން ޖެހޭނޭކަމަށްވެސް ބުންޏެވެ. 
މިގޮތަށް އަމަލުކުރި ނަމަވެސް ކައިވެނީގެ މަޖިލިސް ފަށާނީ އާންމު އުސޫލުންނެވެ. އެގޮތުން ކައިވެނީގެ ޚުތުބާ ކިޔައި، ކައިވެނީގެ އަގުދު ކޮށްދިނުމަށްފަހު "އަނބި ގަބޫލުކޮށްފީމޭ" ބުނާ އަޑު ކަށަވަރުކުރަން ޖެހެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ