ބިލާ މެދުގައި ސުޕްރީމް ކޯޓުގެ ލަފައެއް ބޭނުމެއް ނުވޭ: އާޒިމް

ކައުންސިލަރުންގެ ގޮތުގައި މިހާރު ތިބި މެމްބަރުންގެ ދައުރު ލޯކަލް ކައުންސިލު އިންތިހާބު ބޭއްވުމާ ހަމައަށް ދިގު ދެންމޭނޭ ގޮތް ހެދުމަށް ރައްޔިތުންގެ މަޖިލިހަށް ހުށަހަޅާފައިވާ ބިލާ މެދުގައި ސުޕްރީމް ކޯޓުގެ ލަފައެއް ހޯދަން ޖެހޭ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް މަޖިލިހުގެ މެޖޯރިޓީ ލީޑަރު އަލީ އާޒިމް މިއަދު ވިދާޅުވެއްޖެއެވެ.
"ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުން ކަށަވަރުކުރުމުގެ ހާއްސަ ބިލު 2020" ގެ ނަމުގައި ހެންވޭރު ހުޅަނގު ދާއިރާގެ އެމްޑީޕީގެ މެމްބަރު ހަސަން ލަތީފް ހުށަހެޅުއްވި ބިލަކީ ގާނޫނުއަސާސީއާ ހިލާފު ބިލެއް ކަމަށް މަޖިލިހުގެ ބައެއް މެމްބަރުން ވަނީ ވިދާޅުވެފައެވެ. މެންބަރުން ވިދާޅުވާ ގޮތުގައި ގާނޫނުއަސާސީގައި ކަނޑައަޅާފައިވާ އިންތިހާބީ މަގާމެއްގެ ދައުރެއް ގާނޫނަކުން ދިގެއް ނުކުރެވޭނެއެވެ. އަދި އެ ބިލަށް އަމަލު ކުރަން ލާޒިމް ނޫން ކަމަށް އެ މެމްބަރުން ދެކެވަޑައިގަންނަވައެވެ.
އެކަމަކު، ބިލް ހުށަހެޅުއްވި މެމްބަރުގެ ބިލް ވަރަށް ބޮޑަށް ދިފާއު ކުރައްވައި ހަސަން ލަތީފް ވިދާޅުވީ ގާނޫނުއަސާސީގައި އުފެދިފައި ނެތް ހާލަތެއް މެދުވެރިވެއްޖެނަމަ، އެ ހާލަތުގައި އަމަލު ކުރާނެ އުސޫލުތަކެއް ހިމަނައިގެން ވަގުތީ ގާނޫނުތައް ފާސް ކުރުމަކީ މަޖިލީސްތަކުން ކުރާ ކަމެއް ކަމަށެވެ. ނަމަވެސް ހަސަން ލަތީފްގެ ވާހަކަ ގަބޫލު ނުކުރައްވައި ބައެއް މެމްބަރުން އެދިވަޑައިގެންނެވީ ބިލަކީ ގާނޫނުއަސާސީއާ ހިލާފު ބިލެއްތޯ ނުވަތަ ނޫންތޯ ބެލުމަށް ސުޕްރީމް ކޯޓަށް ހުށަހެޅުމަށެވެ.
އެކަމަކު، މަޖިލިހުގެ ބަހުސް މަރުހަލާގައި އާޒިމް ވިދާޅުވީ މިއީ ސުޕްރީމް ކޯޓުގެ ލަފައަކަށް ދާން ޖެހޭ މައްސަލައެއް ނޫން ކަމަށެވެ. މަޖިލިހުން ނިންމާ ނިންމުން ގާނޫނުއަސާސީއާ ހިލާފު ކަމަށް ދެކޭ ނަމަ، ސުޕްރީމް ކޯޓަށް ދިއުމުގެ ފުރުސަތު އަބަދުވެސް އޮންނާނެ ކަމަށް އާޒިމް ވިދާޅުވިއެވެ.
"އަޅުގަނޑުމެން ކުރަން އުޅޭ މަސައްކަތަކީ ގާނޫނީ ހުސްކަމެއް އަޔަ ނުދިނުމަށް ކުރަން އުޅޭ މަސައްކަތެއް. އިންތިހާބެއް ބޭއްވޭކަށް ނެތް. އިންތިހާބުކޮށްފައި ތިބި ބަޔަކު މެނުވީ ލާމަރުކަޒީ އުސޫލުން ރާއްޖެ ހިންގުމަށް ގާނޫނުއަސާސީ ޖާގަދޭ ތަނެއް އަޅުގަނޑަކަށް ނުފެނޭ. އަދި އެއީކީ ގާނޫނުއަސާސީގެ ރޫހާ އެއްގޮތްވާ ކަމެއްގެ ގޮތުގައި އަޅުގަނޑު ނުދެކެން،" އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރުކަން ވެސް ކުރައްވާ އާޒިމް ވިދާޅުވިއެވެ.
ކޮވިޑް-19 އާ ގުޅިގެން ރާއްޖެ އަށް ނާޒުކު އަދި ދަތި ހާލަތެއް މެދުވެރިވެފައިވާ އިރު، ބަލަން ވާނީ ޑިމޮކްރަޓިކް ގައުމުތަކުގައި އަމަލު ކުރަމުން އަންނަ އުސޫލަށް ބަލައި އިންތިހާބުކޮށްފައި ތިބި މީހުންނަށް ފުރުސަތު ދީގެން ކަމަށް ވެސް އާޒިމް ވިދާޅުވިއެވެ.
އާޒިމް ވިދާޅުވި ގޮތުގައި މިހާރު އޮތް މަޖިލިހަކީ ކަންކަން ހައްލު ހޯދައިދޭ މަޖިލިހެކެވެ. އަދި "ވާން އޮތް އެއްޗެއް ވާން" ދޫކޮށްލައިގެން ނުތިއްބަވާނެ ކަމަށް އާޒިމް ވިދާޅުވިއެވެ.
"އިންތިހާބެއް ނުބޭއްވޭ ކޮންމެ ފަހަރަކު ގާނޫނުއަސާސީ ބަދަލުކުރުމަކީ އަޅުގަނޑުމެންނަށް ވާނެ ކަމެއް ނޫން. އެހެންވެ އަޅުގަނޑުމެންނަށް ދިމާވާ ކަންކަމުގައި އެހެން ގޮތްތަކެއް ހޯދަން ޖެހެނީ،" މަޖިލިހުގެ މެދުހެންވޭރު ދާއިރާގެ މެމްބަރު ކަން ވެސް ކުރައްވާ އާޒިމް ވިދާޅުވިއެވެ.
އާޒިމް ވިދާޅުވި ގޮތުގައި ކޮމިޓީ މަރުހަލާގައި މި ބިލަށް ބަދަލު ގެނައުމުގެ ފުރުސަތު އަދިވެސް އެބައޮތެވެ.
ހަސަން ލަތީފް ހުށަހެޅުއްވި ބިލްގައި ވަނީ ލޯކަލް ކައުންސިލް އިންތިހާބު ބާއްވާ އަލަށް ކައުންސިލަރުން އައްޔަން ކުރެވެންދެން މިހާރު ތިބި ހުރިހާ ރަށު ކައުންސިލަރުންނާއި އަތޮޅު ކައުންސިލަރުން މަގާމުގައި ދެމިތިބޭނެ ކަމަށެވެ. އެގޮތަށް ނިންމި ސަބަބެއްގެ ގޮތުގައި ވަނީ ކައުންސިލުތަކުގެ ދައުރު ހަމަވެ، ދިމާވެފައި އޮތް ހާލަތުގެ ސަބަބުން އިންތިހާބު ނުބޭއްވޭ ހާލަތު ކުރިމަތިވެއްޖެ ނަމަ ކައުންސިލުތައް ގާނޫނީ ހުސްކަމެއް ކުރިމަތިވެދާނެތީއެވެ.
އޭގައިވާ ގޮތުން މިހާރު ހިނގަމުންދާ ކައުންސިލްތަކަކީ ގާނޫނުއަސާސީ އާއި ގާނޫނުގައިވާ ގޮތުގެ މަތިން އިންތިހާބުކޮށްފައިވާ ކައުންސިލްތަކަށްވާ އިރު، ގާނޫނީ ހުސްކަމެއް ކުރިމަތިނުވެ، ގާނޫނުއަސާސީން ލާޒިމް ކުރާ ގޮތުގެ މަތިން ލާމަރުކަޒީ އުސޫލުން އިދާރީ ދާއިރާތައް ހިންގޭނީ ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ބޭއްވި، އާ ކައުންސިލްތައް އިންތިހާބުވުމާ ހަމައަށް މިހާރު ހިނގަމުންދާ ކައުންސިލްތައް ދެމިއޮވެގެން ކަމަށް ވެސް އެ ބިލްގައި ވަނީ ބުނެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ