ދިވެހިރާއްޖޭގެ ދުސްތޫރު ބުނާގޮތުން ދިވެހިރާއްޖެއަކީ މިނިވަން މުސްތަގިއްލު ގައުމެކެވެ. ދުސްތޫރީ ހަމަތަކުގައި މިނިވަންކަމާއި މުސްތަގިއްލުކަން ހާމަކޮށްފައިވަނީ ދިވެހީން ހިތްހަމަޖައްސާލަދޭ ބަސްތަކެއްގެ ގޮތަކު ނޫނެވެ. މިނިވަން ގައުމެއްގައި ރައްޔިތުންނަށް މިނިވަންކަން އިހުސާސްކޮށްދިނުމަކީ ދައުލަތުގެ ކަމެކެވެ. މިކަން ކުރުމަށް ސަރުކާރުތައް ހޮވައެވެ. ސަރުކާރަށް ވެރީން ހޮވައެވެ.
މިނިވަންކަމަކީ ޖުލައި 26 ވަނަދުވަހު އަސްކަރިއްޔާ ނިކުމެ ދިދަ ނެގުމުން ފުއްދޭ ވަރަށް ވުރެ ބޮޑު ޒިންމާއެކެވެ. ގައުމެއްގެ މިނިވަންކަން ސިފަވަނީ ދުސްތޫރީ މިނިވަންކަމާއި، އިގްތިސާދީ މިނިވަންކަމާއި، ހާރިޖީ މިނިވަންކަމާއިވެސް ގުޅުވާފައެވެ. ދުސްތޫރުގައިވާ މިނިވަންކަން ދިވެހިރާއްޖޭގައި އެބައޮތެވެ. އެ މިނިވަންކަން އޮތީ ސަރުކާރާއި ސަރުކާރުގެ ހަރަދުގައި ދިރިއުޅޭ ބައެއްގެ ކިބައިގައެވެ.
އިގްތިސާދީ މިނިވަންކަން ދިވެހިރާއްޖޭގައި އޮތްތޯ ކޮށްލަން ޖެހެނީ ސުވާލެކެވެ. މިނިވަންކަމާއި އެކު ވިޔަފާރި ކުރުމުގެ ހައްގު އޮތްނެތް މިންވަރެއް ބަލާލަން ޖެހެއެވެ. ދައުލަތުގެ ޖުމްލަ އާމްދަނީއަށް ވުރެ އިތުރަށް ހަދަރު ކުރެވެމުން ދިޔުމުގެ ނަތީޖާއިން ފެންނަނީ ދުވަހުން ދުވަހަށް ގައުމު އިގްތިސާދީ ގޮތުން އަޅުވެތިވާތަނެވެ. ލޯނު ތަކެއްގެ ދަންތުރައަކަށް ގައުމު ގަރަގުވާ މަންޒަރެވެ. ދަރަނީގެ ޝިކާރައަކަށް ގައުމާއި ރައްޔިތުން ހުށަހެޅިގެންދާ ތަނެވެ.
ދަރަނި ނެގުމަކީ އެކަމުގެ ޒާތުގައި ރަގަޅު ކަމެކޭ ނޫނެވެ. އަދި ގޯސް ކަމެކޭވެސް ނޫނެވެ. ނަމަވެސް ދައުލަތުން ދުވަހުން ދުވަހަށް ކުރަންޖެހޭ ހަރަދުތައް ފޫބެއްދުމަށް ދަރަނި ނެގުމަކީ ދައުލަތުގެ ލަގަން އަތުން ދޫވެދާނެ ކަމެކެވެ. ލޯނުން ދުރު ރާސްތާއަށް އަމާޒުކޮށްގެން މަޝްރޫއުތައް ހިންގުމަކީ ގައުމާއި ހަވާލުވާ ހަވާލްދާރުންގެ ޒިންމާއެވެ. ދިވެހިރާއްޖޭ ކަހަލަ ބޭރު ގައުމުތަކަށް ބަރޯސާވާ، ރައްޔިތުންނަށް ބޭނުންވާ ހުރިހާ ތަކެއްޗެއް ބޭރުން އެތެރެކުރާ ބަޔަކަށް، ދަރަންޏަކީ ރަގަޅުގޮތުގައި ބެލެހެއްޓި މެނޭޖް ކުރަން ޖެހޭނެ އެއްޗެކެވެ. އެ ގާބިލުކަން ނެތްނަމަ ރައްޔިތުންނަށް އެވެރީން މިނިވަން ގައުމެއްގައި ކާން އެދެނީ ޒަހަރެވެ.
ހާރިޖީގޮތުން އޮންނަން ޖެހޭ މިނިވަންކަމަކީ ދިވެހިރާއްޖެ ކަހަލަ ގައުމަކަށް އެންމެ މުހިންމު އެއް ބަހާއެވެ. އަމިއްލަ ބާރު ދެމެހެއްޓުމުގައި ގެންގުޅެން ޖެހޭ ހަމަތަކެއް ވާނެއެވެ. ބޭރު ދުނިޔެއާއި ހަމަހަމަ އުސޫލެއް ގެންގުޅުމުގެ ސަގާފަތަކީ ދިވެހީން ޒަމާނުންސުރެ ގަބޫލުކުރަމުން އައިސްފައިވާ ހަމައެވެ. އެއީ ދިވެހިރާއްޖެއާއި ދިވެހީންގެ އަމިއްލަ ވަންތަކަމަށް އިހުތިރާމް ކުރާނަމަ ތަފާތުކުރުމެއް ނެތި ދަމަހައްޓަމުން އައިސްފައިވާ މަގުޗާޓެވެ.
ދިވެހިރާއްޖޭގައި ދިވެހީންނަށް ހާއްސަކޮށް ދިވެހީންގެ ސަލާމަތީ ބާރުތަކަށް ނޭރޭނެ ތަނެއް ، ނުވަދެވޭނެ ތަނެއް ހުރެގެން ނުވާނެއެވެ. ސުވާލަކީ އެފަދަ ތަންތަން ދިވެހިރާއްޖޭގައި ހުރިތޯއެވެ. މިފަދަ ސަބަބުތައް ނައްތާލުމަކީ ވެރިންގެ އެންމެ އަސާސީ ޒިންމާއެވެ.
ދިވެހިރާއްޖެ ގައުމެއްގެ ގޮތުގައި އޮންނަތާ ޒަމާންތަކެއް ވެއްޖެއެވެ. ދިވެހިރާއްޖޭގެ ދުސްތޫރު އެންމެ ފުރަތަމަ ލިޔުނު މީހުން މިއަދަކު ނެތެވެ. އަމަލު ކުރަމުންދާ ދުސްތޫރު ލިޔުނު މީހުންގެ ތެރެއިން ބަޔަކު މިއަދުވެސް އުޅޭނެއެވެ. ހަމައެފަދައިން ދިވެހިރާއްޖެ ގައުމެއްގެ ގޮތުގައި އެންމެ ފުރަތަމަ ބިނާ ކުރުމުގެ ތަސައްވަރު ދުށް މީހުން މިއަދަކު ނެތެވެ. އެހެންނަމަވެސް އެ މީހުންނަށް ފަހު ގައުމާއި އެކި މަރުހަލާތަކުގައި ހަވާލުވެ ގައުމު މިއަދުގެ ޖީލާއި ހަމައަށް މިނިވަންކަންމަތީ ގެނެސް ދިން މީހުން ހަވާލު ކޮށްދިން ގޮތަށް ވުރެ ފުރިހަމަކޮށް ގައުމު އަންނަން އޮތް ޖީލްތަކާއި ހަމައަށް ފޯރު ކޮށް ދިނުމަކީ މިއަދުގެ ޖީލްގެ އެންމެ އަސާސީ ޒިންމާއެވެ.
މިއަދުގެ ޖީލަށް އެ ޔަގީންކަން އޮންނަން ޖެހޭނެއެވެ. އެ މަގު ތަނަވަސް ކޮށްދޭން ޖެހޭނެއެވެ. ދައުލަތަކީ ވެރީންގެ މިލްކިއްޔާތެއް ނޫނެވެ. ދިވެހިރާއްޖެއަކީ ދިވެހީންގެ ތަނެކެވެ. ދިވެހިރާއްޖެ ހަގީގީ މިނިވަންކަމުގެ މަތީ ލަހައްޓަވާށި. އާމީން!
ދައުލަތަކީ ވެރީންގެ މިލްކިއްޔާތެއް ނޫން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ