އިންޓަ ސްކޫލް ވޮލީބޯޅަ މުބާރާތް އަތޮޅު ތެރޭގައި ބޭއްވުމަށް މަސައްކަތް ފަށައިފި

އިންޓަރ ސްކޫލް ވޮލީބޯޅަ މުބާރާތް އަންނަ އަހަރު އަތޮޅު ތެރޭގައި ބޭއްވުމަށް މަސައްކަތް ކުރަމުންދާކަމަށް ވޮލީބޯޅަ އެސޯސިއޭޝަނުން ބުނެފި އެވެ.
މިއަހަރުގެ އިންޓަރ ސްކޫލް ވޮލީބޯޅަ މިމުބާރާތުގައި ވާދަކުރާ ސްކޫލްތަކުގެ ޓީމުތަކަށް ޖާޒީ ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވޮލީބޯޅަ އެސޯސިއޭޝަނުގެ ރައީސް މުހައްމަދު ލަތީފް ވިދާޅުވީ މިއަންނަ އަހަރުގެ މުބަރާތަށް އެދެވޭ ރނަގަޅު ބަދަލުތަކެއް ގެނައުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި އަންނަ އަހަރުގެ މުބާރާތް އަތޮޅު ތެރޭގައި ކުރިއަށް ގެންދެވޭތޯ މަސައްކަތް ކުރަމުންދާ ކަމަށާއި އަތޮޅު ތެރެއިން މި މުބާރާތަށް ބޮޑު ތަރުހީބެއް ލިބެމުންދާއިރު، އަތޮޅު ތެރޭގައި މި މުބަރާތް ބޭއްވުމަކީ ވެސް މުހިއްމު ކަމެއް ކަމަށް ލަތީފް ވިދާޅުވި އެވެ.
މިއަހަރުގެ މިމުބާރާތުގައި 17 ސްކޫލަކާއި، 5 ކޮލެޖުން ޖުމްލަ 44 ޓީމު ވާދަކުރާ ކަމަށެވެ. އެގޮތުން މުބާރާތުގައި ވާދަކުރާ 17 ސްކޫލްގެ ތެރޭގައި ޖުމްލަ 34 ޓީމު ވާދަކުރެއެވެ. އަދި ފަސް ކޮލެޖުން މިމުބާރާތުގައި 10 ޓީމު ވާދަކުރާ ކަމަށްވެސް ވީއޭއެމްއިން މައުލޫމާތުދެއެވެ. ވީއޭއެމްއިން ބުނީ، މުބާރާތުގައި ރާއްޖެ ތެރޭގެ ހަ ސުކޫލަކުން ޖުމްލަ ހަތް ޓީމު ވާދަކުރާ ކަަމަށާއި އެގޮތުން މުބާރާތުގައި ވާދަކުރާ އަތޮޅުތަކުގެ ސްކޫލްތަކަކީ ބ. ގޮއިދޫ ސްކޫލުން ދެ ޓީމާއި ކ. މާފުށި ސްކޫލްގެ ޓީމަކާއި ތ. ވިލުފުށި ސްކޫލްގެ ޓީމަކާއި ފ. އަތޮޅު މަދަރުސާގެ ޓީމަކާއި ރ. އަލިފުށި ސްކޫލް ޓީމެއްގެ އިތުރުން މ. މަޑިފުށި ސްކޫލްގެ ޓީމެއް ކަމަށެވެ.
ވީއޭއެމްއިން ބުނީ، މިއަހަރުގެ މުބާރާތަކީ މިހާތަނަށް އެންމެ ގިނަ ކުޅުންތެރިން ވާދަކުރާ މުބާރާތް ކަމަށާއި އެގޮތުން މި އަހަރު ޖުމްލަ 408 ކުޅުންތެރިން މުބާރާތުގައި ފެނިގެންދާނެ ކަމަށެވެ. މިއަހަރުގެ މުބާރާތުގައި އެންމެ ގިނަ ޓީމު ބައިވެރިކޮށްފައިވާ ސްކޫލްތަކަކީ އިމާދުއްދީން ސްކޫލާއި ތާޖުއްދީން ސްކޫލް އަދި އަހުމަދިއްޔާ ސްކޫލް އެވެ. މި ތިން ސްކޫލުންވެސް ހަތަރު ޓީމު ބައިވެރިކޮށްފައިވާ ކަަމަށް ވީއޭއެމްއިން މައުލޫމާތުދެއެވެ.
މިއަހަރުގެ މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ މާދަމާ މެންދުރުފަހު އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ