ލީޑަރަށް ތާއީދުއޮތްކަން ހާމަކުރުމަށް އުތުރު ކޮރެއާގެ ރައްޔިތުން މަގުމައްޗަށް

އުތުރު ކޮރެއާގެ ލީޑަރ ކިމް ޖޮންގް-އުންއަށް ތާއީދު އޮތްކަން ހާމަކޮށް އުތުރު ކޮރެއާގެ އެތައްހާސް ރައްޔިތުން މަގުތަކަށް ނުކުމެ އަޑުއުފުލައިފިއެވެ.
ވެރިރަށް ޕިއޮންޔޮންގެ މަގުތަކަށް މީހުން ޖަމާވެފައިވަނީ ކިމް އިލް-ސަންގް މައިދާނަށެވެ. މި މައިދާނަށް ޖަމާވިމީހުންވަނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް ނުރުހުން ފާޅުކޮށްވެސް އަޑުއުފުލާފައެވެ.
ހުދު ގަމީސްލައި ރަތްކުލައިގެ ޓައީ އަޅައިގެންތިބި ކިޔަވާކުދިން މުޒާހަރާއަށް ނުކުތީ އުތުރު ކޮރެއާގައި ވެރިކަންކުރާ ވޯރކާރސް ޕާޓީގެ ރަތްކުލައިގެ ދިދަ ހިފައިގެންނެވެ.
މައިދާނުގެ އެއްފަރާތުގައި ބަހައްޓާފައިވާ މާސިންގާ ބިޔަ ޕޯސްޓަރުގައިވަނީ އެމެރިކާގެ ވެރިރަށަށް އަމާޒުކޮށްފައިވާ ރަތްކުލައިގެ މިސައިލްތަކެއް ވަށާލާފައިވާ ތަނެވެ. އޭގައި ލިޔެފައިވަނީ "ކޮރެއާގެ ޖަވާބު" މިހެންނެވެ.
އުތުރު ކޮރެއާގައި މުޒާހަރާ ކުރެވެނީ ސަރުކާރުން ރާވައިގެންނެވެ. އުތުރު ކޮރެއާއާއި ބައިނަލްއަގްވާމީ މުޖުތަމައުގެ މަސްރަހް ހޫނުވެގެންދާ ގިނަ ދަނޑިވަޅުތަކުގައި ލީޑަރަށް ތާއީދުއޮތްކަން ދުނިޔެއަށް ދެއްކުމަށް މިފަދަ މުޒާހަރާތައް ބާއްވައެވެ.
މުޒާހަރާގައި ތަގްރީރުކުރި ފަރާތްތަކުންވަނީ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް ވަރަށް ބޮޑަށް އެއްޗެތި ކިއުއްވައި ކިމް ޖޮންގް-އުން އިއްޔެ އާންމުކުރެއްވި ބަޔާނުގައި ހިމެނޭ ވާހަކަތައް ތަކުރާރު ކޮށްފައެވެ. ކިމް ޖޮންގް-އުން އިއްޔެ ވިދާޅުވެފައިވަނި އެމެރިކާގެ ރައީސް ޓްރަމްޕަކީ ސިކުނޑި ހަމަނުޖެހޭ މޮޔައެއް ކަމަށެވެ.
އދގެ އާންމު މަޖިލީހުގައި އިހަށްދުވަހު ތަގްރީރު ކުރައްވަމުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، އުތުރު ކޮރެއާގެ ލީޑަރަށް މުޚާތަބު ކުރައްވާފައިވަނީ "ރޮކެޓް މޭން" ގެގޮތުގައެވެ. އަދި ވިދާޅުވެފައިވަނީ އުތުރު ކޮރެއާއިން އެމެރިކާއަށް ނުވަތަ އެމެރިކާގެ ބައިވެރިޔަކަށް ހަމަލާދިން ނަމަވެސް މުޅި އުތުރު ކޮރެއާ ފުނޑުފުނޑުކޮށްލައްވާނޭ ކަމަށެވެ.
ޓްރަމްޕަށް ރައްދު ދެއްވައި ކިމް ޖޮންގް-އުން އިއްޔެ ވިދާޅުވެފައިވަނީ "ބިރުގެންފައިވާ ކުއްތާ ބާރަށް ވައްވައް ޖަހާނެ" ކަމަށެވެ. އަދި ޓްރަމްޕް އޭނާއާ ބެހޭގޮތުން ދެއްކެވި ވާހަކަތަކުގެ އަގު އޭނާއަށް އަދާކުރައްވަން ޖެހޭނޭ ކަމަށްވެސް ކިމް ވިދާޅުވެފައި ވެއެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި، އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮންގް-އުންއާ ދެބޭފުޅުން އެއްބޭފުޅަކު އަނެއް ބޭފުޅަކަށް ބަހުގެ ހަމަލާތައް ދެއްވަމުންގޮސް މިހާރު ދެބޭފުޅުންވެސްވަނީ ޒާތީވެވަޑައިގެންފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ