މަގުސަދަކީ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަކީ އަމާންކަމާއި އޮމާންކަމާއެކީގައި ސުލްހަވެރިކަމާއެކު ކުރިއަށްދާ އަދި ރައްޔިތުން ގަބޫލުކުރާ އިންތިޚާބަކަށް ހެދުންކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ މަސައްކަތްތަކާ ގުޅޭގޮތުން ފުލުހުންނަށް މައުލޫމާތު ދިނުމަށް ބާއްވާ ސެޝަން ފެށުމުގެ ގޮތުން މިއަދު އިންތިޚާބާ ބެހޭ މަރުކަޒުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޝަރީފް ވިދާޅުވީ ފުލުހުންނާއި ގުޅިގެން މަސައްކަތް ކުރައްވަނީ އެ މަގުސަދު ހާސިލްކުރެއްވުމަށް ކަމަށެވެ.
ޝަރީފް ވިދާޅުވީ މާލޭގައި ވޯޓު ފޮށި ބަހައްޓާ ސެންޓަރުތަކުން އެއް ވޯޓު ފޮއްޓަށްވުރެ ގިނަ ވޯޓު ފޮށި ބަހައްޓާ ސެންޓަރުތަކުގައި ފުލުހުންގެ އެއްބާރުލުން މިފަހަރު އެހެން އަހަރުތަކަށްވުރެ ބޮަޑަށް ބޭނުންވާ ކަމަށެވެ. ސަބަބެއް ކަމަށް ޝަރީފް ވިދާޅުވީ ވޯޓުލާ ސެންޓަރުތަކުގައި ވޯޓުލުމަށް ފިޔަވައި އިތުރުކަމެއް ކުރުމަށް މިފަހަރުގެ އިންތިޚާބުގައި ފުރުސަތު ދޭން އިލެކްޝަންސް ކޮމިޝަނުން ބޭނުންނުވުން ކަމަށެވެ. މިކަމަކީ ފާއިތުވެގެން ދިޔަ ރިޔާސީ އިންތިޚާބުގައި އުނދަގޫކަމެއްގެ ގޮތުގައި ފާހަގަވެފައިވާ ކަމެއް ކަމަށާއި އެހެންކަމުން މިފަހަރުގެ އިންތިޚާބުގައި އެކަން ރަނގަޅުކުރަން ބޭނުންވާ ކަމަށްވެސް ވިދާޅުވި އެވެ.
"އޭގެ މާނައަކީ ސްކޫލެއްގެ ގޭޓުން އެތެރެއަށް ވަދެވޭނީ ވޯޓުލާން. ވޯޓުލުމަށްފަހުގައި އެތާންގައި ގޮނޑިއަޅައިގެން މޭޒު ޖަހައިގެން ލިސްޓު ހިފައިގެން އަންނަ މީހުން ފާހަގަކުރަން، ނާންނަ މީހުން ފާހަގަކުރަން ތިބުމުގެ ފުރުސަތެއް މިފަހަރު އަޅުގަނޑުމެން ދޭކަށެއް ބޭނުމެއް ނުވޭ. ވޯޓުލާ ނިމުމާއެކީގައި ސްކޫލްގެ ބައުންޑަރީން ނުވަތަ ވޯޓުލާ މަރުކަޒެއްގެ ބައުންޑަރީން ނިކުންނަން ޖެހޭނެ. މިކަމުގައި ކޮންމެ މަރުކަޒެއްގައި މަޑުކުރައްވާ ފުލުހުންގެ އެހީތެރިކަން އަޅުގަނޑުމެން ވަރަށް ބޮޑަށް ބޭނުންވޭ،" ޝަރީފް ވިދާޅުވި އެވެ.
ޝަރީފް އިތުރަށް ވިދާޅުވީ ވޯޓުލާ ތަނުގެ ތެރެއަށް ފުލުހުންނަށް ވަދެވޭނީ ދެ ސަބަބަކާ ގުޅިގެން ކަމަށެވެ. ފުރަތަމަ ސަބަބަކީ ފޮށީގެ ވެރިޔާ ފުލުހުންގެ އެހީތެރިކަމަށް އެދުން ކަމަށާއި ދެވަނަ ސަބަބަކީ ފުލުހުން ހުރަސް އަޅަންޖެހޭވަރުގެ ޖިނާއީ ކަމެއް ވޯޓުލާ ތަނުގެ ތެރޭގައި ހިނގަމުން ދިޔުން ކަމަށްވެސް ޝަރީފް ވިދާޅުވި އެވެ. އެހެންނަމަވެސް އެކަން ވާނީ ފޮށީގެ ވެރިޔާ ހުއްދަ ދިނުމުން ކަމަށާއި ފޮށީގެ ވެރިޔާ ހުއްދަ ދިނުމުން ނޫނީ ކޮމިޝަންގެ މީހަކަށްވެސް ވޯޓުލާ ތަނަށް ނުވަދެވޭނެ ކަމަށް ޝަރީފް ވިދާޅުވި އެވެ. މިކަންކަމަށް ފުލުހުން ސަމާލުކަން ދެއްވުމަށްވެސް ޝަރީފް އެދިވަޑައިގެންނެވި އެވެ. އަދި މިއަދު ކުރިއަށް މިދާ ޓްރެއިނިންގެ ތެރޭގައި މިފަދަ ކަންކަމާ ގުޅޭ މައުލޫމާތު ބައިވެރިންނަށް ދޭނެ ކަމަށްވެސް ޝަރީފް ވިދާޅުވި އެވެ.
މިރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ކޮމިޝަނާ އޮފް ޕޮލިސް އަހްމަދު ހަމީދު ވިދާޅުވީ ވެފައިވާ އެއްބަސްވުމެއްގެ ތެރެއިން މީގެކުރިންވެސް އިންތިޚާބުތަކުގައި ފުލުހުންގެ އެއްބާރުލުން އިލެކްޝަންސް ކޮމިޝަނަށް ދީފައިވާނެ ކަމަށެވެ. އަދި ކުރިއަށް އޮތް އިންތިޚާބަށް ފުލުހުން މިހާރު ތައްޔާރުވަމުންދާ ކަމަށާއި 500 ވަރަކަށް ފުލުހުން އިންތިޚާބުގެ ކަންކަމުގައި ހަރަކާތްތެރިވާނެ ކަމަށްވެސް ވިދާޅުވި އެވެ. އަދި އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ކެމްޕޭންކުރާ ޖަގަހަތަކަށާއި ތަކެއްޗަށް ގެއްލުންދޭކަމުގެ ޝަކުވާ ލިބެމުންދާ ކަމަށާއި އެކަންކަމަށް އެކަށީގެންވާ ފިޔަވަޅު އެޅުމަށް ތައްޔާރުވަމުންދާ ކަމަށްވެސް ވިދާޅުވި އެވެ. ހަމީދު ވިދާޅުވީ ކުރިއަށް އޮތް އިންތިޚާބަކީ އަމާން ސުލްހަވެރި އިންތިޚާބަކަށް ހެދުމަށް ކަމާގުޅޭ ފަރާތްތަކާއެކު ގުޅިގެން ފުލުހުން މަސައްކަތް ކުރާނެ ކަމަށެވެ.
އޭޕްރީލް މަހުގެ ހަވަނަ ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި މަސައްކަތްކުރާ ފުލުހުންނަށް މައުލޫމާތު ދިނުމަށް ބާއްވާ މިސެޝަންގައި 66 ފުލުހުން ބައިވެރިވެފައިވެ އެވެ.
މަަގުސަދަކީ ރައްޔިތުން ގަބޫލުކުރާ އިންތިޚާބަކަށް ކުރިއަށް އޮތް އިންތިޚާބު ހެދުން: ޝަރީފް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ