އިންތިޚާބުގެ ނަތީޖާއާއި މެދު ރައީސް މައުމޫން ސުވާލު އުފައްދަވާފައެއް ނުވޭ

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ނަތީޖާއާއި މެދު ކުރީގެ ރައީސް މައުމޫން އަބުދުލްގައްޔޫމް ސުވާލު އުފައްދަވާފައި ނުވާ ކަމަށް މޯލްޑިވުސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް) އިން ބުނެފި އެވެ.
އެމްއާރުއެމް އިން މިހެން ބުނީ މަޖިލިސް އިންތިޚާބުގައި ވާދަކުރެއްވި ރައީސް މައުމޫންގެ ކެންޑިޑޭޓުންނާއި ސަޕޯޓަރުންނާ އެކު ބޭއްވި ބައްދަލުވުމެއްގައި އިންތިޚާބުގެ ނަތީޖާ އާއި މެދު އެމަނިކުފާނު ސުވާލު އުފެއްދެވި ކަމަށް ބުނެ ބައެއް އޮންލައިންތަކުން ރިޕޯޓް ކުރުމާ ގުޅިގެންނެވެ.
އިންތިޚާބާއި ގުޅިގެން ރައީސް މައުމޫން ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ އެމްއާރުއެމްގެ ތާއީދާ އެކު ނިކުންނެވި ކެންޑިޑޭޓުންނަށް ނާކާމިޔާބީއާ ކުރިމަތިލާން ޖެހުނީ ނޭދެވޭ ނުފޫޒު ތަކަކާއި ހެދި ކަމަށެވެ. ރައީސް މައުމޫންގެ އެ ވާހަކަފުޅުތަކާއި ގުޅިގެން ބައެއް ނޫސްތަކުގައި ވަނީ އިންތިޚާބުގެ ނަތީޖާއާއި މެދު އެމަނިކުފާނު ސުވާލު އުފެއްދެވި ކަމަށް ވިދާޅުވެ ރިޕޯޓްކޮށްފަ އެވެ.
ނަމަވެސް މިކަމާ ގުޅިގެން ކަންބޮޑުވުން ފާޅުކުރައްވައި އެމްއާރުއެމްގެ ސެކްރެޓަރީ ޖެނެރަލް އަބްދުލް އަލީމް ވިދާޅުވީ ރައީސް މައުމޫންގެ އެ ވާހަކަފުޅަކީ އެމްއާރުއެމް ޕާޓީއެއްގެ ގޮތުގައި ނެތުމާއި، ޕީޕީއެމް އެމަނިކުފާނަށް ނުލިބުން ފަދަ ކަންކަމުގެ ވާހަކަ ކަމަށެވެ. އަދި އެކަމުގެ ސަބަބުން އެމްއާރުއެމް އަށް ކެމްޕެއިން ނުކުރެވުމުން އެންމެ އެދެވޭ ނަތީޖާ ނުނެރެވުނު ވާހަކަފުޅު ކަމަށާއި، އިންތިޚާބުގެ ނަތީޖާ އާއި މެދު އެމަނިކުފާނު ސުވާލު އުފައްދަވާފައި ނުވާ ކަމުގައިވެސް އަލީމް ވިދާޅުވި އެވެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ