އިނގިރޭސިވިލާތުގައި ބާއްވާ އަވަސް އާންމު އިންތިޚާބުގައި އެގައުމުގެ ރައްޔިތުން މިއަދު ވޯޓްލަމުން އެބަގެންދެއެވެ.
އިހަށްދުވަހު ލަންޑަނަށް ދެވުނު ޓެރަރިސްޓް ހަމަލާތަކާ ގުޅިގެން އުފެދިފައިވާ ނުތަނަވަސްކަމުގެ ދަނޑިވަޅުގައި މިއަދު ނަގާ ވޯޓުން ވަރަށް މުހިންމު ކަންތައްތަކެއް ކަނޑައެޅިގެން ދާނެއެވެ.
އެންމެ މުހިންމު ކަމެއްގެގޮތުގައި ފާހަގަކުރެވެނީ، ޔޫރަޕްގެ އިއްތިހާދުން އިނގިރޭސިވިލާތް ވަކިވުމުގެ މަޝްވަރާތައް ލީޑްކުރައްވާނެ ބޭފުޅަކު މިއިންތިޚާބުގެ ނަތީޖާއިން ކަނޑައެޅިގެންދާނެ ކަމެވެ.
އިނގިރޭސިވިލާތް އީޔޫއިން ވަކިވުމުގެ މަޝްވަރާތައް ހިނގަމުންދާއިރު މިހާރުގެ ބޮޑުވަޒީރު ތެރީސާ މޭއަށް ޕާލަމެންޓްގެ ފުރިހަމަ އަޣުލަބިއްޔަތު އޮންނާން ޖެހޭކަމަށް ގަބޫލު ކުރައްވާތީ، އަވަސް އިންތިޚާބަކަށް އެކަމަނާ ގޮވާލެއްވީ މިއަހަރުގެ އޭޕްރީލްމަހުގެ 18 ވަނަ ދުވަހުއެވެ.
އިނގިރޭސި ބޮޑުވަޒީރުކަމަށް ތެރީސާ މޭ ވަޑައިގެންނެވީ، އީޔޫއިން ވަކިވުމަށް އިނގިރޭސިވިލާތުގެ ރައްޔިތުން ވޯޓްލުމާ ގުޅިގެން އުފެދުނު ސިޔާސީ އަރާރުންތަކުގެ ތެރޭގައި އޭރު ބޮޑުވަޒީރަކަށް ހުންނެވި ޑޭވިޑް ކެމަރަން މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.
2015 ވަނަ އަހަރުގެ އާންމު އިންތިޚާބަށްފަހު ވެރިކަންކުރާ ކޮންޒަރވޭޓިވް ޕާޓީއަށް އިނގިރޭސި ޕާލަމެންޓްގައި އޮންނަނީ ވަރަށް ހަނި އަޣުލަބިއްޔަތެކެވެ. މިގޮތަށް މިކަން އޮންނައިރު، އީޔޫއިން ވަކިވުމުގެ މަޝްވަރާގެ ތެރޭގައި ހަދާ ބައެއް ކަހަލަ ގާނޫނުތަކަށް ވޯޓް ނުދެއްވާނޭ ކަމަށް ޚުދު ވެރިކަންކުރާ ޕާޓީގެ ބައެއް މެމްބަރުންވެސް އިންޒާރު ދެއްވަމުން ގެންދަވާފައި ވެއެވެ.
އަވަސް އިންތިޚާބަކަށް ތެރީސާ މޭ ގޮވާލެއްވިއިރު، އެކަމަނާގެ ޕާޓީއަށް އޮތް ތާއީދު އިތުރުކަމަށް ޚިޔާލު ހޯދުންތަކުން ދެއްކި ނަމަވެސް، މަންޗެސްޓަރއަށާއި ލަންޑަނަށް ދެވުނުހަމަލާތަކާ ގުޅިގެން ބޮޑުވަޒީރަށް ބޮޑެތި އެތައް ފިއްތުންތަކެއް ކުރިމަތިވެފައި ވެއެވެ. އެންމެބޮޑު މައްސަލައަކަށް ވެފައިވަނީ، ބޮޑުވަޒީރުކަމަށް ވަޑައިގަތުމުގެކުރިން ހޯމް މިނިސްޓަރު ކަމުގައި ތެރީސާ މޭ ހޭދަކުރެއްވި 6 އަހަރުގެ ތެރޭގައި އަޅުއްވާފައިވާ ބައެއް ފިޔަވަޅުތަކެވެ. އެގޮތުން ފުލުހުންގެ އަދަދު މަދުކުރެއްވި މައްސަލަ ވަރަށް ހޫނުވެފައިވެސް ވެއެވެ.
އަވަސް އާންމު އިންތިޚާބުގައި އިނގިރޭސި ރައްޔިތުން ވޯޓްލާން ފަށައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ