މައުމޫން ފައުންޑޭޝަންގެ އިހުޔާ ފޯރަމް ރަމަޟާން މަހުގެ 27 ވިލޭރޭ

ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ "މައުމޫން ފައުންޑޭޝަނުން" ކޮންމެ އަހަރެއްގެވެސް ރޯދަމަހު ބާއްވަމުން އަންނަ އިހުޔާ ޕްރޮގްރާމް މިއަހަރު ބޭއްވުމަށް ނިންމާފައިވާކަމަށް އެ ފައުންޑޭޝަނުން ބުނެފިއެވެ.
އެ ފައުންޑޭޝަނުން މިހެން ބުނެފައިވަނީ މި ޕްރޮގްރާމް މެދުނުކެނޑި ބާއްވާތާ 38 އަހަރު ވެފައިވާއިރު، މިރޯދަމަހު މި ޕްރޮގްރާމް ނުބޭއްވޭނެކަން ކުރިން ހާމަކޮށްފައިވަނިކޮށެވެ.
މައުމޫން ފައުންޑޭޝަނުން މިއަދު ބުނެފައިވަނީ އެފައުންޑޭޝަންގެ ރައީސް އަލްއުސްތާޒު މައުމޫން ޢަބްދުލްގައްޔޫމް ރާއްޖެއިން ބޭރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އެނބުރި މާލެވަޑައިގަތުމާގުޅިގެން، ރަމަޟާން މަހުގެ ރޭތައް އިހްޔާ ކުރުމުގެގޮތުން ފައުންޑޭޝަނުގެ ފަރާތުން ޖަލްސާއެއް ބާއްވަވާގޮތަށް ހަމަޖައްސަވާފައިވާކަމަށެވެ.
މި ޖަލްސާ އޮންނާނީ 26 ރަމަޟާން 1438 ވާ ބުދަ ދުވަހުގެރޭ (ރަމަޟާން މަހުގެ 27 ވިލޭރޭ) ޝީ ބިލްޑިންގެ އަސަރީ މާލަމުގައިކަމަށާ ޖަލްސާ ފެށުމަށް ހަމަޖެހިފައިވަނީ އެރޭ 10.00 ގައިކަމަށް މައުމޫން ފައުންޑޭޝަނުން ވަނީ ބުނެފައެވެ.
ގުރުއާން ކިޔެވުމާއި ދީނީ ނަސޭހަތް ދިނުމުުގެ މައްޗަށް ބިނާކޮށް، ކުރިއަށްގެންދާ އިހުޔާ ޕްރޮގްރާމަކީ ދީނަށް ހޭލުންތެރި ކުރުމުގެ ގޮތުން ރޯދަމަހަށް ޚާއްސަކޮށްގެން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ. މައުމޫން ފައުންޑޭޝަނުން ބާއްވާ އިހުޔާ ކުރުމުގެ ޕްރޮގްރާމްގައި ކޮންމެ އަހަރަކު ރައީސް މައުމޫންވެސް ވާހަކަފުޅު ދައްކަވައެވެ.
މި ޕްރޮގްރާމް މެދުނުކެނޑި ބާއްވާތާ 38 އަހަރު ވެފައިވާއިރު މިފޯރަމް މިއަހަރު ނުބޭއްވޭނެކަމަށް ކުރިން އެ ފައުންޑޭޝަނުން ބުނެފައިވާތީ ގިނަ ބަޔަކު ވަނީ ކަންބޮޑުވުން ފާޅުކޮށް އެކަމާއި ހިތާމަކުރާކަމަށް ބުނެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ