މައުމޫން އޭސީސީއަށް ހާޒިރުކުރުމާއިމެދު މަޝްވަރާކުރަނީ

އޭސީސީން ތަހުގީގުކުރާ މައްސަލަތަކާއި ގުޅިގެން ކުރީގެ ރައީސްކަންކޮށްފައިވާ ބޭފުޅުން އެކޮމިޝަނަށް ހާޒިރުކުރުމަކީ އަމަލުކުރާ އުސޫލާއި ޚިލާފުކަމެއްކަމަށް އޭސީސީން ބުނެފިއެވެ.
އޭސީސީން މިހެންް ބުނެފައިވަނީ މައުމޫންގެ ވެރިކަމުގައި ތީމުގޭގެ އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންކަމާ ގުޅޭގޮތުން ކުރާ ތަހުގީގަކަށް ބައެއް ކަންކަން ސާފުކުރަން ބޭނުންވާނަމަ އޭސީސީއަށް ވަޑައިގަންނަވާނެކަމަށް ވިދާޅުވެ އޭސީސީއަށް ހާޒިރުވެވިދާނެ ތާރީޚުތަކެއް ރައީސް މައުމޫން އަންގަވައި ފޮނުއްވި ސިޓީއަށް އޭސީސީން ދީފައިވާ ޖަވާބުގައެވެ.
ވީނިއުސްއަށް ކޮޕީ ލިބިފައިވާ މި ސިޓީގައި ބުނެފައިވަނީ ކުރީގެ ރައީސްކަންކޮށްފައިވާ ބޭފުޅެއްގެ ބަޔާނެއް ނަގަންޖެހިއްޖެ ހާލަތެއްގައި، އެ ބޭފުޅެއް ކޮމިޝަނަށް ހާޒިރުކުރުމުގެ ބަދަލުގައި އެބޭފުޅެއް މަސައްކަތްކުރައްވާ އޮފީހަކަށް ނުވަތަ ދިރިއުޅުއްވާ ތަނަކަށް ކޮމިޝަންގެ ތަހުގީގް ޓީމުގޮސް ބަޔާން ނެގުމަކީ އެ ކޮމިޝަންގެ އާންމު ގަވާއިދުގައި ބަޔާންކޮށްފައިވާގޮތްކަމަށެވެ.
އެހެންކަމުން ރައީސް މައުމޫން އޭސީސީއަށް ހާޒިރުވުމަށް ބޭނުންފުޅުވާކަމަށް ވިދާޅުވެފައިވާތީ އެކަމަކީ ތަހުގީގު ކުރުމުގައި އަމަލުކުރާ އުސޫލާއި ޚިލާފުކަމެއްކަމަށް އެސީޓީގައި ވަނީ ބުނެފައެވެ.
އަދި ރައީސް މައުމޫން އެދިވަޑައިގެން އެދިވަޑައިގަތުމާއިމެދު މަޝްވަރާކުރުމަށްފަހު ނިންމާގޮތެއް އަންގާނެކަމަް އޭސީސީން ރައީސް މައުމޫނަށް އިއްޔެ ފޮނުއްވާފައިވާ ސިޓީގައި ވަނީ ބުނެފައެވެ.
އޭސީސީއަށް ހާޒިރުވެވިދާނެކަން އަންގާ ރައީސް މައުމޫން އެ ކޮމިޝަނަށް ފޮނުއްވި ސިޓީގައި ވިދާޅުވީ ރިޔާސީ ގަނޑުވަރު ތީމުގޭގެ 2007 ވަނަ އަހަރާއި 2008 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުގައި ހިމެނޭ މައްސަލަތަކުގެ ތެރެއިން 2 މައްސަލައެއް ބަލަމުން ގެންދާކަަމަށް އޭސީސިން ބުނެފައިވާތީ، އެކަމަށްޓަކައި އޭސީސީގެ ތަހުގީގު ޓީމެއް ރައީސް މައުމޫންގެ ގާތަށް ވަޑައިގަތުމަށްވުރެ އޭސީސީއަށް އެމަނިކުފާނު ހާޒިރުވުމަކީ ރަނގަޅުގޮތްކަމުގައި ދެކޭކަމަށެވެ.
މިގޮތުން އެންމެ ރަނގަޅުކަމުގައިވާނަމަ މި ޖުލައި މަހުގެ 4 ނުވަތަ 5 ވަނަ ދުވަހުން ކުރެ ދުވަހެއްގެ މެންދުރު 13:00 އަށް އޭސީސީއަށް ހާޒިރުވެވިދާނެ ވާހަކަ ދަންނަވާކަމަށް މައުމޫންގެ ސިޓީގައި ވަނީ ވިދާޅުވެފައެވެ.
އަދި އެމަނިކުފާނު އޭސީސީއަށް ވަޑައިގަންނަވާއިރު، އެމަނިކުފާނުގެ ގާނޫނީ ވަކީލެއްގެ ގޮތުގައި މަޝްހޫރު ގާނޫނީ ވަކީލު އަދި ރައީސް މައުމޫންގެ ކޮއްކޯފުޅު މައުމޫން ހަމީދުވެސް ވަޑައިގަންނަވާނެކަމަށް ވަނީ ވިދާޅުވެފައެވެ.
ތީމުގޭގެ އޮޑިޓް ރިޕޯޓުގެ މައްސަލައިގައި ރައީސް މައުމޫންގެ ދޮށީ ފިރިހެން ދަރިކަލުން އަދި ރައްޔިތންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫން ވެސް އޭސީސީއަށް ހާޒިރުކޮށް ވަނީ ސުވާލުކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ