އިންތިހާބުގައި ޕީޕީއެމްއަށް ކާމިޔާބު ލިބިފައި ނުވާ ކަމަށް ނިހާން އެއްބަސްވެވަޑައިގެންފި

ލޯކަލް ކައުންސިލް އިންތިހާބުގައި ވެރިކަން ކުރާ ޕީޕީއެމްއަށް ކައުންސިލްތަކުގެ މެޖޯރިޓީ ލިބިފައި ނުވާ ކަމަށް ޕީޕީއެމްގެ ޕީޖީ ލީޑަރު އަހްމަދު ނިހާން ހުސައިން މަނިކު އެއްބަސްވެވަޑައިގެންފި އެވެ.
ނިހާން މިކަމަށް އެއްބަސްވެވަޑައިގެންފައި މިވަނީ މިއަދު އޭނާ ކުރައްވާފައިވާ ޓްވީޓްތަކެއްގަ އެވެ.
ނިހާން ކުރައްވާފައިވާ ޓްވީޓްތަކުގައި ވިދާޅުވީ ކައުންސިލް އިންތިހާބުގައި ޕީޕީއެމްއަށް ކައުންސިލް ގޮނޑިތަކުގެ މެޖޯރިޓީ ނުލިބި ސަބަބުތައް ދެނެގަނެ އެކަންކަން އިސްލާހުކޮށްލީމާ އެ ލިބެނީ ކާމިޔާބުކަން ޔަގީން ކަމަށެވެ.
ނިހާން ވިދާޅުވީ ކައުންސިލް އިންތިހާބު މިއީ ސެމީ ފައިނަލް ކަމަށެވެ. މިބުރުގެ ފައިނަލް މެޗް އޮތީ 2018 ވަނަ އަހަރު ކަން ފާހަގަކުރައްވަމުން ނިހާން ވިދާޅުވީ ފައިނަލަށް ދިޔައީ އެމްޑީޕީއާއި ޕީޕީއެމް ކަމަށެެވެ. އެހެންކަމުން ހެދުނު ގޯސްތައް ރަނގަޅުކޮށް ތައްޔާރުވުމަށްވެސް ނިހާން ވަނީ އެދިވަޑައިގެންފަ އެވެ.
ނިހާން އިތުރަށް ވިދާޅުވީ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރަން ބޭނުންވާ ހަކަތައާއި ހިތްވަރު ޕީޕީއެމްގެ މެންބަރުންގެ ކިބައިގައި ހުންާނެ ކަމަށެވެ.
"ﷲ އިރާދަކުރެއްވިއްޔާ [ރިޔާސީ އިންތިހާބު] ކާމިޔާބު ކުރާނީ ފުރަތަަމަ ބުރުން،" ނިހާން ވިދާޅުވެފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ