މިއަދުވެސް ކަރަންޓު ކެނޑުނު، އަދިވެސް ކެނޑިދާނެ!

މާލޭގެ ބޮޑު ބަޔަކުން މިރޭވެސް ކަރަންޓު ކެނޑިފައިވާއިރު ކުރިއަށް އޮތް ތަނުގައިވެސް ކަރަންޓު ކެނޑޭނެ ކަމަށް ސްޓެލްކޯއިން ބުނެފިއެވެ.
މިރޭ އިރާކޮޅު މާލޭގެ ބޮޑު ބަޔަކުން ކަރަންޓު ކެނޑިފައިވާއިރު މިއަދު ހަވީރުވެސް މާލޭގެ އެކި ސަރަހައްދުތަކުން ކަރަންޓު ކެނޑުނެވެ.
ސްޓެލްކޯއިން ބުނީ ކަރަންޓު ކެނޑުނީ ސްޓެލްކޯއިން އަލަށް ބެހެއްޓި ޖަނަރޭޓަރު ޓެސްޓު ކުރުމުގެ މަސައްކަތް ކުރާތީ ކަމަށެވެ.
އާ ޖަނަރޭޓަރު ޓެސްޓު ކުރާތީ ކުރިއަށް އޮތް ހަފުތާގައިވެސް މާލޭގެ އެކި ސަރަހައްދުތަކުން ކަރަންޓު ކެނޑޭނެ ކަމަށް ސްޓެލްކޯއިން ބުނެއެވެ. އެކުންފުނިން ބުނީ ކަރަންޓު ކެނޑޭނެ ވަގުތުތައް ދުރާލައި އިއުލާންކުރާނެ ކަމަށެވެ.
ސްޓެލްކޯގެ ކެޕޭސިޓީ އިތުރުކޮށް މާލޭގެ ކަރަންޓަށް ދިމާވާ މައްސަލަތައް ހައްލުކުރުމަށް އަލަށް ބެހެއްޓި 8.9 މެގަވޮޓްގެ ޖަނަރޭޓަރުން މާލެއަށް ކަރަންޓު ދޭން ފެށީ މިމަހުގެ 21 ވަނަ ދުވަހުއެވެ.
ސްޓެލްކޯގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ ޖަނަރޭޓަރު މާލޭ ކަރަންޓު ވިއުގައާ ގުޅައި ކަރަންޓު ދީފައި ވީނަމަވެސް އަދިވެސް ކުރިއަށްދަނީ ޓެސްޓުތައް ކަމުގައެވެ.
އަދި ކުރިއަށް އޮތް ހަފުތާއެއްހާ ދުވަހު އެ ޓެސްޓްތައް ކުރެވޭނެ ކަމަށާއި ދާއިމީ ގޮތެއްގައި އެ ޖަނަރޭޓަރު ބޭނުންކުރަން ފަށާނީ އޭގެ ފަހުން ކަމަށް ވެސް ވިދާޅުވިއެވެ.
ސްޓެލްކޯއިން މިބެހެއްޓި 8.9 މެގަވޯޓުގެ ޖަނަރޭޓަރާއެކު މާލެއަށް ކަރަންޓު ފޯރުކޮށްދިނުމަށް މިހާރު 27 ޖަނަރޭޓަރު ބޭނުންކުރެއެވެ.
ސްޓެލްކޯއިން ބުނީ މިހާރުވެސް 8.9 މެގަވޯޓުގެ ދެ ޖަނަރޭޓަރު ހިންގަމުންދާއިރު އަަލަށް މިބެހެއްޓުނު ޖަނަރޭޓަރުގެ ސަބަބުން ކަރަންޓު ކެނޑުމުގެ މައްސަަލައަށް ހައްލެއް އަންނާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ