ދިފާޢީ ވަކީލަށް ފުރުސަތު ނުދީ ކޯޓުން ޖެހި ބަންދުގެ މުއްދަތު، ހައި ކޯޓުން ބާތިލު ކޮށްފި

ދިފާއީ ވަކީލަށް ވާހަކަ ދެއްކުމަށް ފުރުސަތު ނުދީ، ކްރިމިނަލް ކޯޓުން މީހަކު ބަންދުގައި ބެހެއްޓުމަށް ހުކުމް ކޮށްފައި ވަނިކޮށް، ހައި ކޯޓުން އެ ހުކުމް ބާތިލު ކޮށްފިއެވެ.
މި މަހުގެ ކުރީކޮޅު، 13 އަހަރުގެ ކުޑަކުއްޖަކާ ގަދަކަމުން ޖިންސީ ގޯނާ ކުރިކަމުގެ މައްސަލައަކާ ގުޅިގެން ޑިސެމްބަރު ނުވަ ވަނަ ދުވަހުން ފެށިގެން 10 ދުވަސް ވަންދެން، ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރީ ޑިސެމްބަރު އަށްވަނަ ދުވަހުއެވެ.
އެހެން ނަމަވެސް، ބަންދު ކުރެވުނު މީހާގެ ފަރާތުން މި ހުކުމް ހައި ކޯޓުގައި އިސްތިއުނާފު ކުރީ، އޭނާގެ ދިފާޢުގައި، ދިފާޢީ ވަކީލު ވާހަކަ ދެއްކުމަށް ފުރުސަތު ކޯޓުން ދީފައި ނުވާތީއެވެ. މި މައްސަލައިގައި ބަންދު ކުރެވުނު ފަރާތް ކޯޓަށް ހާޒިރު ކުރި އިރު އޭނާ ވަކީލަކު އައްޔަނު ކޮށްފައި ވީ ނަމަވެސް، އޭނާގެ ބަންދުގެ މުއްދަތު ޖަހާފައި ވަނީ ވަކީލުގެ ޣައިރު ހާޒިރުގައެވެ.
ހައި ކޯޓުން އިއްޔެ ކުރި ހުކުމެއްގައި ބުނެފައިވަނީ މީހަކު ހައްޔަރު ކުރެވުނު ނުވަތަ ބަންދު ކުރެވުނު މައްސަލައެއް ނިމެންދެން ޤާނޫނީ ވަކީލެއްގެ އެހީތެރިކަން ދެމެހެއްޓުމުގެ ފުރުސަތު އެމީހަކަށް ފަހިކޮށްދެވިފައި އޮތުމަކީ، ހައްޔަރު ކުރެވޭ ނުވަތަ ބަންދު ކުރެވޭ ކޮންމެ މީހަކަށް ލިބިގެންވާ ހައްޤެއް ކަމަށް ޤާނޫނު އަސާސީގެ 48 ވަނަ މާއްދާގައި ބުނެފައިވާ އިރު، އެގޮތަށް ކަންތައް ކުރެވިފައި ނުވާ ކަމަށެވެ.
އަދި، ބަންދުގައި ހުންނަ މީހަކު ކޯޓަށް ހާޒިރު ކުރުމާއި، އެމީހަކު ވަކީލަކު އައްޔަނު ކޮށްފައިވާ ނަމަ އޭނާ ކޯޓަށް ހާޒިރު ކުރާ ވަގުތު ފަދަ މަޢުލޫމާތު ވަކީލާއި ހިއްސާ ކުރާނީ ފުލުހުން ކަމަށް ވާ އިރު، މި މައްސަލައިގައި ބަންދު ކުރެވިފައިވާ ފަރާތުގެ ވަކީލަށް އެމަޢުލޫމާތު އަންގާފައި ނުވާކަން ފުލުހުން ކޯޓުގައި ދެއްކި ވާހަކަތަކުން އެނގޭ ކަމަށް ވެސް ހައި ކޯޓުން ބުނެފައިވެއެވެ.
އެހެންކަމުން، ހައި ކޯޓުން އަމުރު ކޮށްފައިވަނީ ކްރިމިނަލް ކޯޓުން ޖެހި މުއްދަތުގެ އަމުރަކީ ބާތިލު އަމުރެއް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ