ނަޝީދުގެ ސަރުކާރު ވެއްޓުމުގައި އަޅުގަނޑުގެ އަތެއް ނޯންނާނެ: މައުމޫން

ރާއްޖޭގެ އާ ސަރުކާރަކީ ގާނޫނާއި ގަވާއިދާ އެއްގޮތަށް އުފެދިފައިވާ ސަރުކާރެއް ކަމަށާއި ސަރުކާރު ވައްޓާލުމުގައި އެމަނިކުފާނުގެ އެއްވެސް އަތެއް ނޯންނާނެ ކަމަށް ކުރީގެ ރައީސުލްޖުމްހޫރިއްޔާ މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.
މައުމޫން އޭއެފްޕީ އަށް ދެއްވި އިންޓަވިއު އެއްގައި ވިދާޅުވެފައި ވަނީ އާ ރައީސް މުހައްމަދު ވަހީދުގެ ސަރުކާރަކީ ޑިމޮކްރަސީ އާއި ރާއްޖޭގެ ގާނޫނާއި ގަވާއިދާ އެއްގޮތައް އުފެދިފައިވާ ސަރުކާރެއް ކަމަށެވެ. އަދި އެމަނިކުފާނަށް މަރުހަބާ ވިދާޅުވާ ކަމަށް ވެސް މައުމޫން ވިދާޅުވެފައިވެ އެވެ.
"ސަރުކާރު ވެއްޓުމުގައި އަޅުގަނޑުގެ އެއްވެސް އަތެއް ނޯނާނެ. ރައީސް ނަޝީދުގެ އަމިއްލައަށް އިސްތިއުފާ ދެއްވީ،" މައުމޫން ވިދާޅުވި އެވެ.
އަނބިކަބަލުންގެ ބޭސްފަރުވާ އަށް ވަޑައިގެން މެލޭޝިއާގައި ހުންނަވަމުން މައުމޫން ފޯނުން ދެއްވި އިންޓަވިއުގައި ވިދާޅުވީ އަލުން އިންތިހާބެއް ބާއްވަން ނަޝީދު ވިދާޅުވި ކަމުގައިވީ ނަމަވެސް 2013 އައުމުގެ ކުރިން އިންތިހާބެއް ބާއްވަން ނުޖެހޭ ކަމަށެވެ.
އިންތިހާބެއްގައި ވާދަކުރެއްވުމާ ބެހޭ ގޮތުން މައުމޫން ވިދާޅުވީ އަދި ވަކި ގޮތެއް ނުނިއްމަވާ ކަމަށެވެ.
"ބުނެވިދާނެ އަޅުގަނޑު ނިންމާނެ ގޮތެއް ވަނީ ހުޅުވާލެވިފައޭ ވެސް. އަޅުނގަޑަކަށް ހިޔެއްނުވޭ އަޅުނގަޑު ކުރިމަތިލާނެ ހެނެއް. އަޅުގަނޑު އަދި ގޮތެއް ނުނިންމަން، އެކަން ނިންމާނީ ވަގުތާއި ތަނާއި ހާލަތު" މައުމޫން ވިދާޅުވި އެވެ.
ޑރ. ވަހީދުގެ ސަރުކާރަކީ ގާނޫނީ ސަރުކާރެއް ކަމަށް ވިދާޅުވަމުން މައުމޫނު ވިދާޅުވީ އެކަމުގެ ސަބަބުން (ވެރިކަން ބަދަލުވުމުގެ ސަބަބުން) ޓޫރިޒަމް އިންޑަސްޓްރީއަށް ދެމިގެންވާ އަސަރެއް ނުކުރާނެ ކަމަށެވެ. އަދި ވިދާޅުވީ ރާއްޖެ އަންނަ ޓޫރިސްޓުންނަކީ ހިތްގައިމު މޫދާއި ގޮނޑުދޮށްތަކާއި ރިސޯޓުތައް ބަލާލުމަށް އަންނަ ބަޔަކަށް ވާތީ އެމީހުން އަންނާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ