ވެރިންނަށް ފާޑުކިޔުމަކީ އަބުރާބެހުން ނޫންކަމަށް އިންޑިޔާގެ ސުޕްރީމް ކޯޓުން ވިދާޅުވެއްޖެއެވެ.
އިންޑިޔާގެ ސުޕްރީމް ކޯޓުން އެހެން ވިދާޅުވީ ޓެމިލްނާޑޫގެ ޗީފް މިނިސްޓަރު ޖަޔަލަލީތާއަށް ފާޑުކިޔަމުން ދިޔުމުގެ ސަބަބުން އެ ސްޓޭޓްގެ ސިޔާސީ އެކްޓިވިސްޓެއް ކަމަށްވާ ވިޖަޔަކާންތު ހައްޔަރުކޮށް، އެ ސްޓޭޓްގެ ދަށު ކޯޓަކުން އޭނާގެ މައްސަލަ ބަލަން ފެށުމާއެކު ވިޖަޔަކާންތު އެ މައްސަލަ ސުޕްރީމް ކޯޓްގައި އިސްތިއުނާފްކުރުމުން އެކަމާމެދު ގޮތެއް ނިންމުމަށް ބޭއްވި އަޑުއެހުމެއްގައެވެ.
ސުޕްރީމް ކޯޓުން ވިދާޅުވީ ސަރުކާރު ފަސާދަވެފައިވާ ކަމަށް ބުނުމަކީ އަބުރާ ބެހުން ނޫންކަމަށާއި ހަމަ ކޮންމެ މީހަކަށްވެސް އެމީހެއްގެ ސިޔާސީ މިނިވަންކަމުގެ ހައްޤު ޤާނޫނު އަސާސީއިން ކަށަވަރުކޮށްދޭ ކަމަށެވެ. އެހެންކަމަށް ވުމާއެކު މިނިވަން ޚިޔާލަށް ހުރަސްއެޅޭ ފަދަ ގޮތަކަށް މީހުންގެ މައްޗަށް އަބުރުގެ ދައުވާ ނުކުރެވޭނެ ކަމަށް ސުޕްރީމް ކޯޓުން ވަނީ ވިދާޅުވެފައެވެ.
ވެރިންނަށާއި ސަރުކާރަށް ފާޑުކިޔުމަކީ އަބުރާބެހުން ނޫންކަމަށް އިންޑިޔާގެ ސުޕްރީމް ކޯޓުން ވިދާޅުވިއިރު، އެ ޤައުމުގެ ޤާނޫނުތަކުން ވަނީ ފާޑުކިޔުމާއި އަބުރާބެހުމުގެ ތަފާތު ވަރަށް ތަފްސީލުކޮށް ބަޔާންކޮށްދީފައެވެ. އެގޮތުން، އިންތިހާބީ ވެރިޔަކު އެމީހެއްގެ މަޤާމުގެ ހައިސިއްޔަތުން ކުރާ ކަމަކާބެހޭގޮތުން ފާޑުކިޔުމުގެ ފުރިހަމަ މިނިވަންކަން އިންޑިޔާގައި ދީފައިވާއިރު، އެފަދަ މީހަކާބެހޭގޮތުން ޒާތީއެއްވެސް ވާހަކައެއް ދައްކައިފި ނަމަ އިންޑިޔާގައި ނިކަން ހަރުކަށިކޮށް އެކަމެއް ނަގައެވެ. ސަބަބަކީ، ޤާނޫނު އަސާސީއިން ދީފައިވާ މިނިވަންކަން އޭގެ އެންމެ ފުރިހަމަ ގޮތުގައި ބޭނުންކުރުމުގެ ފުރުޞަތު ރައްޔިތުންނަށް ލިބިދެވޭކަން ކަށަވަރުކުރުމާއެކު، ތިމާގެ މިނިވަންކަމަކީ އަނެކާގެ ހައްޤަށް އަރައިގަތުމަށް އޮތް ބަހަނާއެއް ނޫންކަންވެސް ކަށަވަރު ކުރުމެވެ.
ވެރިންނަށް ފާޑުކިޔުމަކީ އަބުރާބެހުމެއް ނޫން، އެއީ ތަފާތު ދެކަމެއް - އިންޑިޔާގެ ސުޕްރީމް ކޯޓް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ