ފޮރިން މިނިސްޓަރު ކަމުގެ މަޤާމުން މިއަދު އިސްތިއުފާދެއްވި ދުންޔާ މައުމޫނާމެދު ފަޚުރުވެރިވެ ވަޑައިގަންނަވާ ކަމަށް ކުރީގެ ރައީސް މައުމޫން އަބުދުލް ޤައްޔޫމް ވިދާޅުވެއްޖެއެވެ.
ޕީޕީއެމްގެ އެތެރޭގެ ހަމަނުޖެހުން ބޮޑުވެ، ރައީސް މައުމޫންގެ ދަރިކަލުން ފާރިޝް މައުމޫން އެ ޕާޓީއިން ވަކިކުރަން އެ ޕާޓީގެ ސުލޫކީ ކޮމެޓީއިން ނިންމާފައިވަނިކޮށް ދުންޔާ މައުމޫން މިއަދު ފޮރިން މިނިސްޓަރު ކަމުގެ މަޤާމުން އިސްތިއުފާ ދެއްވިއިރު، ވަކި ސަބަބެއް ބަޔާންކުރައްވާފައެއް ނުވެއެވެ. އެހެންނަމަވެސް، ގިނައިރުތަކެއް ނުވެ، ދުންޔާ ނެރުއްވި ބަޔާނެއްގައި ވިދާޅުވީ ފޮރިން މިނިސްޓަރ ކަމުގެ މަޤާމުން އޭނާ އިސްތިއުފާދެއްވީ ރާއްޖޭގައި މަރުގެ ހުކުމް ތަންފީޒުކުރަން އުޅޭތީ އެކަމާ ހިޔާލުތަފާތުވެގެން ކަމަށެވެ.
އެޔަށްފަހު، ރައީސް މައުމޫން މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ފޮރިން މިނިސްޓަރުގެ ހައިސިއްޔަތުން ދުންޔާ ދިވެހިރާއްޖެއަށް ކޮށްދެއްވި ޚިދުމަތްތަކަށް ޝުކުރުވެރިވާ ކަމަށާއި، ދުންޔާ (ސަރުކާރުން) ދުރަށް ދިޔުމަކީ ލިބުނު ހިތާމައެއް ކަމަށެވެ. ހަމަ އެޖުމްލާގައި ރައީސް މައުމޫން ވިދާޅުވީ ދުންޔާ އާމެދު ފަޚުރުވެރިވެ ވަޑައިގަންނަވާ ކަމަށެވެ.
ފޮރިން މިނިސްޓަރުކަމުގެ މަޤާމުން ދުންޔާ އިސްތިއުފާ ދެއްވުމުން ސަރުކާރާ އިދިކޮޅު ފަރާތްތަކުން އޭނާއަށް މަރުޙަބާ ކިޔަމުން ގެންދަންފެށިތާ ގިނައިރުތަކެއް ނުވަނީސް، ދުންޔާ އިސްތިއުފާދެއްވީ މަރުގެ ހުކުމާ ދެކޮޅުހެއްދެވުމުގެ ގޮތުންކަން ހާމަކުރެއްވުމުން ގިނަބަޔަކު ވަނީ އޭނާއަށް ފާޑުކިޔުންތައް އަމާޒުކޮށްފައެވެ.
ނަމަވެސް، އޭނާގެ ނިންމެވުން ތަފްޞީލުކޮށްދެއްވާ ދުންޔާގެ ބަޔާނުގައި ހާމަކުރައްވާފައި ވާގޮތުގައި 60 އަހަރަށްވުރެ ގިނަ ދުވަސްވަންދެން މަރުގެ އަދަބު ތަންފީޒުނުކޮށް އޮތުމަށްފަހު ދާދި ކައިރި ކައިރިން މަރުގެ ދެ ހުކުމެއް ސުޕްރީމް ކޯޓުން ދަމަހައްޓާފައިވާއިރު މިކަމަކީ ގިނަ ބައެއްގެ ހިތުގައި ޝަރުއީ ނިޒާމާއިމެދު ސުވާލު އުފެދިދާނެކަމެއް ކަމަށެވެ.
ދުންޔާ ވިދާޅުވީ، ރާއްޖޭގެ ވެރިކަން ހިންގާ ނިޒާމަށާއި އަދުލު އިންސާފު ގާއިމުކުރުމުގެ ނިޒާމް އިތުރަށް ހަރުދަނާވެ ދިވެހިންގެ ބާރުވެރިކަން އިތުރުވުމަކީ އެކަމަނާގެ އުންމީދުކަމަށެވެ. އަދި ރާއްޖެއަކީ ބައިނަލްއަޤުވާމީ ޤައުމުތަކުން ބަލައިގަންނަ އިހުތިރާމް ލިބިފައިވާ ރީތި ޤައުމަކަށް ވުން އެކަމަނާ އަބަދުވެސް އެދޭ ކަމަށް ބަޔާނުގައި ވިދާޅުވެފައިވެއެވެ.
ދުންޔާ އާމެދު ފަޚުރުވެރިވަން - މައުމޫން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ