އަލިފުށި ދާއިރާގެ ގޮނޑި ކާމިޔާބު ކުރުމަށް ވައްޑެ މަސައްކަތް ފަށައިފި

ރައްޔިތުންގެ މަޖިލީހުގެ އަލިފުށީ ދާއިރާގެ ގޮނޑި ހުސްވެފައިވާ ކަމަށް ގަބޫލުކުރެއްވޭ ކަމަށާއި ންމެ އަވަހަށް ބާއްވާ އިންތިހާބެއްގައި ވާދަކޮށް އެގޮނޑި ކާމިޔާބުކުރުމުގެ ގޮތުން ރައްޔިތުންގެ ތާއީދު ހޯދުމަށް މަސައްކަތްކުރަމުން އަންނަ ކަމަށް ޕީޕީއެމްގެ ކައުންސިލް މެމްބަރު އަދި ގާނޫނީ ވަކީލް މުހައްމަދު ވަހީދު އިބްރާހިމް (ވައްޑެ) ވިދާޅުވެއްޖެ އެވެ.
ޕީޕީއެމް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ސާބިތު ދަރަންޏަކަށް ކޯޓުން ކަނޑައަޅާފައިވާ ގޮތަށް ފައިސާ ދައްކަމުން ނުދާތީ އަލިފުށީ ދާއިރާގެ ޑީއާރުޕީގެ މެމްބަރު މުހައްމަދު ނާޝިޒު މަޖިލީހުގެ މެމްބަރުކަމުން ވަކިވެފައިވާ ކަމަށާއި އަދި އެކަން ވަރަށް އަވަހަށް ސްޕްރީމު ކޯޓުން ކަނޑައަޅާދޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.
އެންމެ ފަހުން ބޭއްވި ކާށިދޫ ދައިރާގެ ބައިއިލެކްޝަންގައި ވާދަ ކުރެއްވުމަށް ނިންމެވުމަށްފަހު ކޯލިޝަންގެ ތެރެއިން އަބުދުﷲ ޖާބިރަށް އިސްކަން ދިނުމަށް ނިންމުމާއި ގުޅިގެން ނަން އަނބުރާ ގެންދެވި ވައްޑެ ވިދާޅުވީ މިފަހަރު ދޫނުދެއްވާނެ ކަމަށާއި އޭނާއަކީ ރައްޔިތުންނަށް ހިޔާނާތްތެރިވާނެ މީހެއް ނޫންކަން ޔަގީންކޮށްދޭ ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމާއި އަލިފުށި ދާއިރާގެ މެމްބަރު މުހައްމަދު ނާޝިޒުގެ ގޮނޑި ހުސްވެފައިވާ ކަމަށް ކަނޑައަޅައިދޭން އެދި ސުޕްރީމް ކޯޓަށް މައްސަލަ ހުށައަޅާފައިވާއިރު ހުށަހެޅި މި ދައުވާގައި ބުނަނީ ގާނޫނު އަސާސީގެ 73 ވަނަ މާއްދާގެ (ނ) ގެ އެއް ވަނަ ނަމްބަރާ ހަވާލާދީ ގާނޫނު އަސާސީގެ 74 ވަނަ މާއްދާގެ ދަށުން ނާޝިޒާއި އާޒިމްގެ ގޮނޑި ގެއްލިފައިވާ ކަމަށް ކަނޑައަޅައި ދެއްވުމަށެވެ.
ފުނައްޑޫ ޓޫނާ ޕްރޮޑަކްޓްސްގެ ފަރާތުން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ނަގާފައިވާ 117 މިލިއަން ރުފިޔާގެ ލޯނުތަކަށް ހައި ކޯޓުން ވެސް ތާއީދުކޮށްފައި ވާއިރު އެ ފައިސާ ހުކުމާ އެއްގޮތަށް ދައްކާފައި ނުވާތީ ރަހުނުގެ ގޮތުގައި ދީފައި ހުރި ތަކެތި ވިއްކާލުމުގެ ހުއްދަ ސިވިލް ކޯޓުން ބީއެމްއެލް އަށް މިހާރު ވަނީ ދީފައެވެ.
އަދި ހުކުމާ އެއްގޮތަށް ފައިސާ ދައްކާފައި ނުވާ މައްސަލަ އާޒިމާއި ނާޝިޒަށް ރައްދުވާތީ މި ދެ ބޭފުޅުންގެ މެންބަރުކަމާ މެދު ވަނީ ސުވާލު އުފެދިފަ އެވެ. އެ ލޯނަން ގެރެންޓީ ދެއްވި ތިން ބޭފުޅުންގެ ތެރޭގައި އެ ދެ މެމްބަރުން ހިމެނިވަޑައިގަންނަވަ އެވެ.
ސިވިލް ކޯޓުން އެ ހުކުމް ކޮށްފައިވަނީ އެ ފައިސާ ދައްކާފައި ނުވާތީ ހުކުމް ތަންފީޒު ކުރުމަށް ބީއެމްއެލް އިން ސިވިލް ކޯޓަށް ވައްދާފައިވާ މައްސަލައާ ގުޅިގެންނެވެ. އެ ހުކުމް ރައްދުވާ މީހުންގެ ތެރޭގައި މ. ރަފީގުގޭ އަހްމަދު ރަޝީދާއި ރީތި ބީޗް ޕްރައިވެޓް ލިމިޓާއި ކަނބާލިފަރު އިންވެސްޓްމަންޓް ހިމެނެ އެވެ. ކޯޓުން ކުރި ހުކުމުގައި ބުނެފައިވާގޮތުން 15 ދުވަހުގެ ތެރޭގައި އެތަންތަން ބޭންކާ ހަވާލުކުރަން ޖެހޭނެއެވެ.
ފުނައްޑޫ އަށް ބީއެމްއެލް އިން ފަސް ލޯނެއް ދޫކޮށްފައިވެ އެވެ. އެއީ 35،980،000ރ. ގެ ޑިމާންޑް ލޯނަކާއި 3،500،000 ޑޮލަރުގެ ޑިމާންޑް ލޯނަކާއި 10،280،000ރ. ގެ އޯވަޑްރާފްޓް ފެސިލިޓީއަކާއި 12،000،000ރ. ގެ އޯވަޑްރާފްޓް ފެސިލިޓީއަކާއި 1،200،000 ޑޮލަރުގެ އޯވަޑްރާފްޓް ފެސިލިޓީއެކެވެ. ފުނައްޑޫގެ ނަމުގައި ނަގާފައިވާ ފަސްލޯނުގެ އަދަދު އިންޓަރެސްޓާ އެކު 206 މިލިއަން ރުފިޔާއަށް އަރައެވެ.
ގާނޫނު އަސާސީގެ 73 ވަނަ މާއްދާގެ (ނ) ގައި ބުނާ ގޮތުން އަދާކުރަން ޖެހޭ ސާބިތު ދަރަންޏެއް އޮތް މީހަކު އެ ހުކުމާ އެއްގޮތަށް އެ ދަރަނި އަދާކުރަމުން ނުދާ ނަމަ އެ މީހެއްގެ މެންބަރުކަން ގެއްލޭނެ އެވެ. އެގޮތުން ތިމަރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު މުސްތޮފާގެ ގޮނޑި ވެސް ވަނީ ގެއްލިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ