މަޑުއްވަރީ ރައްޔިތުން ބޭނުންވި ގޮތަށް މަޑުއްވަރީގެ ދެކުނު ފަރާތުގައި އާ ބަނދަރެއް ހަދަނީ

މަޑުއްވަރީއަށް ދިމާވެފައިވާ ބަނދަރުގެ ދަތިކަން ހައްލުކުރުމުގެ ގޮތުން މަޑުއްވަރީ ރައްޔިތުން ބޭނުންވި ގޮތަށް މަޑުއްވަރީގެ ދެކުނު ފަރާތުގައި އާ ބަނދަރެއް ހަދާގޮތަށް ސަރުކާރުން ނިންމާ އެކަން އިޢުލާންކުރައްވައިފިއެވެ.
 
މަޖިލިސް އިންޠިހާބުގައި ރ. އަތޮޅުގެ ފަސް ދާއިރާއަށް ވާދަކުރައްވާ ކެންޑިޑޭޓުންގެ ކެމްޕެއިނަށް ރޭ ރ. އަލިފުށީގައި ކުރިއަށްދިޔަ ޖަލްސާއެއްގައި މިކަން އިޢުލާންކުރެއްވީ ރައީސް އިބްރާޙިމް މުހައްމަދު ޞާލިހުގެ ވާހަކަފުޅުގައެވެ. އެމަނިކުފާނު ވިދާޅުވީ މަޑުއްވަރީ ރައްޔިތުން ބޭނުންވި ގޮތަށް މަޑުއްވަރީގެ ބަނދަރު ހެދުމަށް ޕްލޭން ކުރުމުގެ މަސައްކަތް މިފެށޭ ހަފްތާގެ ތެރޭގައި ފެށިގެންދާނެކަމަށާއި މިއަހަރުގެ ތެރޭގައި އަމަލީ މަސައްކަތްވެސް ފެށިގެންދާނެކަމަށެވެ.
 
މަޑުއްވަރީގެ ބަނދަރުގެ ރިކޮންސްޓްރަކްޝަނަށް މިއަހަރުގެ ބަޖެޓުގައި ފައިސާ ހިމަނާފައިވީ ނަމަވެސް މަޑުއްވަރީ ރައްޔިތުން ބޭނުންވަނީ މަޑުއްވަރީގެ ދެކުނު ފަރާތުގައި ރަނގަޅު ބަނދަރެއް ހަދަންކަމަށް އޭރުގައިވެސް މަޑުއްވަރީ ރައްޔިތުން އައީ ބުނަމުންނެވެ.
 
ރޭގެ ޖަލްސާގައި ރައީސްވަނީ ރ. އަތޮޅުގެ އެހެނިހެން ރަށްތަކަށް މިއަހަރުގެ ތެރޭގައި ހިންގުމަށް ހަމަޖެހިފައިވާ ތަރައްޤީގެ މަޝްރޫޢުތަކާއި ގުޅޭ ގޮތުން ވާހަކަދައްކަވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ