ވާދަވެރި ކުޅުމަކަށްފަހު މިރޭގެ މެޗުން ވެސް ރާއްޖެ ބަލިވެއްޖެ

މި މަހު 18 ގައި ނޭޕާލުގައި ފަށާ ސެންޓްރަލް ޒޯން މެންސް ސީނިއާ ވޮލީބޯޅަ މުބާރާތަށް ތައްޔާރުވުމަށާއި ގެއްލިފައިވާ ވޮލީގެ ފޯރި އަލުން ދިރުވުމުގެ ބޭނުމުގައި ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފްގެ ދައުވަތަކަށް ސްރީ ލަންކާގެ ގައުމީ ޓީމު ރާއްޖެ އައިސް ކުޅުނު ތިންވަނަ މެޗުގައި 1-3 އިން އެ ޓީމު ރާއްޖެ ބަލިކޮށްފި އެވެ. މާލޭ ޔޫތް ސެންޓަރުގައި ރާއްޖެއާ ދެކޮޅަށް މިރޭ ލަންކާ ކުޅުނު އިރު އެ ޓީމުގައި މިދިޔަ އަހަރުގެ އޭޝިއަން ގޭމްސްގައި ވާދަކުރި ގިނަ ކުޅުންތެރިން ވަނީ ކުޅެފަ އެވެ. މި ދެ ޓީމުން ވޭތުވެ ދިޔަ ހަތަރު ދުވަސް ތެރޭ ތިން މެޗެއް ކުޅެފައިވާ އިރު ތިން މެޗުން ވެސް މޮޅުވީ ލަންކާ އެވެ. ނަމަވެސް މެޗަކަށް ފަހު މެޗެއްގައި ރާއްޖޭގެ ޓީމުން ވަނީ ބޮޑު ތަނުން ރަނގަޅުކޮށްފަ އެވެ. މިރޭ ސްރީ ލަންކާއާއިި ރާއްޖެ ބައްދަލު ކުރި މެޗުގެ ތެރެއިން: އެ މެޗު 1-3 އިން ކާމިޔާބު ކުރީ ލަންކާ އިން --- ސަން ފޮޓޯ/ އަހްމަދު އަވްޝަން އިލްޔާސް މިރޭގެ މެޗު ބައްލަވާލެއްވުމަށް ރާއްޖޭގެ ރައީސް ޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމާއި ޔޫތް މިނިސްޓަރ އަހްމަދު މަހްލޫފް ވަނީ ބައިވެރިވެ ވަޑައިގެންފަ އެވެ. އެ މެޗުގެ ފުރަތަމަ ސެޓު ވާދަވެރި ކުޅުމަކަށްފަހު ކާމިޔާބު ކުރީ ރާއްޖޭންނެވެ. އެ ސެޓު 22-25 އިން ރާއްޖެ ކާމިޔާބު ކުރި އިރު ލަންކާގެ ޓީމަށް އެ ސެޓުގައި ލީޑު ނެގުމުގެ ފުރުސަތެއް ވެސް ރާއްޖޭން ދީފައެއް ނުވެ އެވެ. ނަމަވެސް ޖެހިގެން އައި ސެޓުގައި ލަންކާ އިން ވަނީ ކުޅުން ރަނގަޅުކޮށް އެ ޓީމުގެ ކެޕްޓަން ދީޕްތީ ރޮމޭޝް ކުޅެން ނެރިފަ އެވެ. އެ ސެޓު އެ ޓީމުން ކާމިޔާބު ކުރީ 20-25 އިންނެވެ. މިރޭ ސްރީ ލަންކާއާއިި ރާއްޖެ ބައްދަލު ކުރި މެޗުގެ ތެރެއިން: އެ މެޗު 1-3 އިން ކާމިޔާބު ކުރީ ލަންކާ އިން --- ސަން ފޮޓޯ/ އަހްމަދު އަވްޝަން އިލްޔާސް ތިން ވަނަ ސެޓުގައި ރާއްޖެއިން ވަނީ ވާދަވެރި ކުޅުމެއް ދައްކާފަ އެވެ. އިދިކޮޅު ޓީމުން ޕޮއިންޓެއް ހޯދާއިރަށް ބަދަލުގައި ޕޮއިންޓެއް ހޯދަމުން އައިސް ރާއްޖެއަށް ސެޓު ގެއްލުނީ ކުޑަ ތަފާތަކުންނެވެ. އެ ސެޓުން ލަންކާ މޮޅުވީ 22-25 އިންނެވެ. ފަހު ސެޓުގައި ރާއްޖޭން ވަނީ ޓީމުގައި ހިމެނުނު ޒުވާން ކުޅުންތެރިންތަކަށް ފުރުސަތު ދީފަ އެވެ. ނަމަވެސް އިދިކޮޅު ޓީމުގައި ތިބި ތަޖުރިބާކާރު ކުޅުންތެރިން ވަނީ އެ ސެޓުގައި ވަރުގަދައަށް ކުޅެ ބޮޑު ތަފާތަކުން ރާއްޖެ ބަލިކޮށްފަ އެވެ. އެ ސެޓު އެ ޓީމުން ކާމިޔާބު ކުރީ 13-25 އިންނެވެ. ރާއްޖެއާ ލަންކާ ކުޅުނު ފުރަތަމަ މެޗުން ލަންކާ މޮޅުވީ 0-3 އިންނެވެ. ނަމަވެސް ރޭ ކުޅުނު މެޗުގައި ރާއްޖެ 1-3 އިން މޮޅުވުމުން ލަންކާ ޓީމުގެ ކޯޗު ބުނީ ރާއްޖޭގެ ޓީމަކީ ސަޕްރައިޒިން ކުޅުމެއް ކުޅޭ ޓީމެއް ކަމަށެވެ. ކެޕްޝަން.. މިރޭގެ އެ މެޗަކީ ޓީމުގައި މިވަގުތު ހުރި އެންމެ ތަޖުރިބާކާރު ކުޅުންތެރިޔާ ކަމަށްވާ އަހުމަދު އަބްދުލް ކަރީމް (ލޯންގޭ) ރާއްޖޭގެ ފަސްގަނޑުގައި ގައުމީ ޖާޒީ ލައިގެން ކުޅުނު ފަހު މެޗެވެ. ފަނަރަ އަހަރުގެ ދިގު ކެރިއަރަކަށް ފަހު އޭނާގެ ފަހު މުބާރާތަކީ ސެންޓްރަލް ޒޯނު މުބާރާތެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ