ލަންކާގައި ދިން ބޮމުގެ ހަމަލާގައި މަރުވި މީހުންގެ އަދަދު 359އަށް އަރައިފި

މިދިޔަ އާދިއްތަ ދުވަހު އަވައްޓެރި ސްރީލަންކާގައި ދިން ބޮމުގެ ހަމަލާތަކުގައި މަރުވި މީހުންގެ އަދަދު 359 އަކަށް އަރާފައިވާ ކަމަށް އެ ގައުމުން ބުނެފިއެވެ.
އެތައް ބަޔަކު ޖަމާވެފައިވާ ތިން ފައްޅިއެއްގެ އިތުރުން ކޮލަމްބޯގެ މަޝްހޫރު ތިން ހޮޓަލަކަށް ދިން ބޮމުގެ ހަމަލާތަކުގައި މަރުވާ މީހުންގެ އަދަދު އަދި ވެސް އިތުރުވުން އެކަށީގެންވާ ކަމަށް ލަންކާގެ ކަމާބެހޭ ފަރާތްތަކުން ބުނެއެވެ. އެ ހަމަލާގައި 500 އަށް ވުރެ ގިނަ މީހުން ޒަހަމްވެފައިވާއިރު، އޭގެ ތެރޭގައި ގިނަ ބަޔެއްގެ ހާލު ސީރިއަސް އެވެ.
ފުލުހުންގެ ތަރުޖަމާން ރުވާން ގުނަސެކަރަ ވިދާޅުވީ ހަމަލާތަކާއި ގުޅިގެން އެންމެ ފަހުން ހައްޔަރުކުރި 18 މީހުންނާ އެކު މިހާތަނަށް ގާތްގަނޑަކަށް 60 މީހުން ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި މި މީހުން ހައްޔަރުކޮށްފައި ވަނީ މިހާރު އިއުލާންކޮށްފައިވާ ކުއްލި ހާލަތުގެ ދަށުން ސަލާމަތީ ބާރުތަކަށް ލިބިފައިވާ ބާރުގެ ދަށުން ހިންގި ސާޗް އޮޕަރޭޝަނެއްގައި ކަމަށް އޭނާ ވިދާޅުވިއެވެ.
"ލިބުނު މައުލޫމާތުގެ އަލީގައި ތިން ތަނެއް ބަލައި ފާސްކޮށް، ތުހުމަތު ކުރެވޭ 17 މީހުން ވަނީ ހައްޔަރުކޮށްފައި. އިތުރު މީހަކު ހައްޔަރުކޮށްފައި ވަނީ ހަތަރު ވަނަ ތަނެއް ބަލައި ފާސްކުރުމަށް ފަހު،" ގުނަސެކަރަ ވިދާޅުވިއެވެ.
ހަމަލާގައި ބައިވެރިވި ބައެއް މީހުން، ބޮން ގޮއްވުމުގެ ކުރިން އެ ގައުމުން ފުރާފައިވާ ކަމަށް ވެސް ބައެއް މީޑިއާ ރިޕޯޓްތައް ބުނެއެވެ. އަދި އެ މީހުން ހޯދައި ހައްޔަރު ކުރަން، ކުރަންޖެހޭ މަސައްކަތްތައް، އެހެން ގައުމުތަކާ ގުޅިގެން ލަންކާއިން ކުރަމުން އަންނަ ކަމަށް ވެސް ބައެއް މީޑިއާ ރިޕޯޓްތައް ބުނެއެވެ.
ލަންކާގެ ބޮޑު ވަޒީރު ރަނިލް ވިކްރަމަސިންހަ ވިދާޅުވެފައި ވަނީ ހަމަލާއާ ގުޅުން ހުރި ކަމަށް ބެލެވޭ އިތުރު މީހުން ފިލައިގެން އެބައުޅޭ ކަމަށާއި އަދިވެސް އިތުރު ހަމަލާއެއް ދިނުމުގެ ފުރުސަތު އެބައޮތް ކަމަށެވެ.
ލަންކާގައި ދިން ހަމަލާގެ ޒިންމާ އިއްޔެ، އިސްލާމިކް ސްޓޭޓް (އައިއެސް) އިން ނަގާފައިވާއިރު، ޖާނުންފިދާވެ ދިން އެ ހަމަލާތަކުގައި އަމަލީގޮތުން ބައިވެރިވި ކަމަށް ބުނާ ހަތް މީހަކު ބައިއަތު ހިފާ މަންޒަރު ފެންނަ ވީޑިއޯއެއް ވެސް އައިއެސް އިން ވަނީ އާންމު ކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ