"ބަދަލު އައިސްފި، ސްޕީޑު ނިންމާނީ ރައްޔިތުން"

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމާ ހަވާލުވެވަޑައިގަތް ފަހުން ހެޔޮ ބަދަލުތަކެއް އައިސްފައިވާ ކަމަށާއި ނަމަވެސް ސަރުކާރު ހިނގާ ސްޕީޑާ މެދު ގޮތެއް ނިންމާނީ ރައްޔިތުން ކަމަށް އެ މަނިކުފާނުގެ ތަރުޖަމާނު އިބްރާހިމް ހޫދު ވިދާޅުވެއްޖެ އެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހޫދު ވިދާޅުވީ މީގެ ކުރިން ގައުމު އޮތީ ސިޔާސީ ގޮތުން ވަރަށް ބިރުވެރި ހާލަތެއްގައި ކަމަށެވެ. ނަމަވެސް ރައްޔިތުން ބަސް ބުނެ ސަރުކާރު ބަދަލުކޮށްފައިވާ އިރު އެ ދުވަސްވަރު ރައްޔިތުންގެ އޮތް ކަންބޮޑުވުންތައް މިހާރު ވަރަށް ބޮޑަށް ކުޑަ ކުރެވިފައިވާ ކަމަށެވެ.
އޭނާ ވިދާޅުވީ ރައީސް ސޯލިހުގެ ސަރުކާރާއެކު އެއީ އައި ވަރަށް ބޮޑު ބަދަލެއް ކަމަށާއި ނަމަވެސް ރައީސް ސޯލިހުގެ ސަރުކާރުގެ ސްޕީޑާ ގުޅޭ ގޮތުން އެއްޗެއް ބުނަން އެނގޭނީ ރައްޔިތުންނަށް ކަމަށެވެ.
"[ސަރުކާރުގެ] ސްޕީޑު ދަންނަވާކަށް [އަޅުގަނޑަކަށް] ނޭނގެ, ފާސްޓްތޯ ނުވަތަ ސްލޯ ތޯ ނުވަތަ 'ގޫގުލް' ތޯ އެ ނިންމަވާނީ ރައްޔިތުން. އެކަމަކު އަޅުގަނޑަށް އެނގޭ ކަމަކީ ބަދަލުތަކެއް އައިސްފިކަން. މިދިޔަ ހަ މަސްދުވަސް ތެރޭގައި ގައުމަށް ބޮޑު ބަދަލެއް އައިސްފި،" ހޫދު ވިދާޅުވި އެވެ.
މި ސަރުކާރުން ބޮޑެތި މަޝްރޫއުތައް ނުހިންގާ ކަމަށް ދެކެވޭ ވާހަކަތަކަށް ރައްދު ދެއްވަމުން ހޫދު ވިދާޅުވީ ވެރިކަމަށް އައި ފުރަތަމަ ހަ މަސް ދުވަހުގެ ތެރޭގައި ބޮޑެތި އިންފްރާސްޓްރަކްޗާ މަސައްކަތެއް މިދިޔަ 10 އަހަރުގެ ތެރޭގައި ވެރިކަން ކުރި އެއްވެސް ސަރުކާރަކުން ހިންގާފައި ނުވާ ކަމަށެވެ.
ނަމަވެސް މި ސަރުކާރުން މިހާރު ވެސް ގިނަ މަސައްކަތްތަކެއްކޮށްފައިވާ ކަމަށާއި އެގޮތުން ބަޖެޓުގައި ހިމަނާފައިވާ 186 ރަށެއްގައި ޕީއެސްއައިޕީގެ މަސައްކަތްތަކުގެ ތެރެއިން 117 ރަށެއްގައި ހިންގާ މަޝްރޫއުތަކުގެ ޓެންޑާ އާއި ޑިޒައިން މަރުހަލާ ފަށާފައިވާ ކަމަށެވެ. އަދި 40 ރަށެއްގައި އެ މަޝްރޫއުތަކުގެ އަމަލީ މަސައްކަތް ފަށާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"މިއީ މީގެ ކުރިން ވޭތުވެދިޔަ އެއްވެސް ސަރުކާރެއްގައި މި މަސައްކަތް ކުރެވުނު އަދަދަށް ވުރެ ފާސްޓު އަދަދެއް،" ހޫދު ވިދާޅުވި އެވެ.
ހޫދު އިތުރަށް ވިދާޅުވީ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ވައުދުތަކުގެ ތެރެއިން 82 ޕަސަންޓް މަސައްކަތް އެ މުއްދަތުގެ ތެރޭގައި ކޮށް ނިންމާފައިވާ ކަމަށެވެ. އޭގެ އިތުރުން ކުރިޔަށް އޮތް ފަސް އަހަރުގެ ތެރޭގައއި މަސައްކަތް ކުރާނެ ގޮތުގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭނެއް އެކުލަވާލާފައިވާ ކަމަށާއި އެ ޕްލޭން ކުރިޔަށް އޮތްތަނުގައި ހާމަ ކުރާނެ ކަމަށް ވެސް ހޫދު މިއަދު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ