ސުޕްރީމް ކޯޓުގެ ބައެއް ބާރުތައް ހިފަހައްޓަން ބަންޑާރަނައިބު ގޮވާލައްވައިފި

ސުޕްރީމް ކޯޓުގެ ބައެއް ބާރުތައް ހިފަހައްޓަން ބަންޑާރަނައިބު އިބްރާހިމް ރިއްފަތު މިރޭ ގޮވާލައްވައިފިއެވެ.
ބަންޑާރަނައިބު ރިއްފަތު މިކަމަށް ގޮވާލެއްވީ މިރޭ ރައްޔިތުން މަޖިލީހުގެ ޖުޑީޝަލް ކޮމެޓީގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މިނިސްޓަރ ރިއްފަތު ވިދާޅުވީ ސުޕްރީމް ކޯޓުގެ ބާރުތައް ހިފަހައްޓަން ޖެހެނީ ޖޭއެސްސީގެ ނިންމުންތައް މިހިނދުން މިހިނދަށް ތަންފީޒު ކުރުމަށްޓަކައި ކަމަށެވެ.
ސްމާޓޯ މައްސަލަ ސުޕްރީމް ކޯޓަށް ނުބެލޭ ގޮތް ހަދައި ދިނުމަށް ވެސް ރިއްފަތު މަޖިލީހުގެ ކޮމެޓީގައި އެދިވަޑައިގެންނެވިއެވެ.
"ސުޕްރީމް ކޯޓަށް ޖުޑީޝަލް ސާވިސް ކޮމިޝަންގެ ޤާނޫނީ އަދި ދުސްތޫރީ އަދި ޤާނޫނީ ވާޖިބަށް ހުރަސް އެޅުން ހުއްޓުވުމަށްޓަކައި މިހިނދުން މިހިނގަށް އަޅުއްވަން ޖެހޭ ހުރިހާ ފިޔަވަޅެއް އަޅުއްވައި ދެއްވުން އެދެން. އަދި ސުޕްރީމް ކޯޓުން އަމިއްލަ އަށް އިސްނަގައިގެން ބައްލަވާ މައްސަލަތައް ނުވަތަ ސްމާޓޯ މައްސަލަތައް ބެލުން ހުއްޓުވުމަށްޓަކައި ރައްޔިތުންގެ މަޖިލީހުން ނުވަތަ ކޮމެޓީތަކުން ކުރައްވަން ޖެހޭ މަސައްކަތްތައް ކޮށްދެއްވުން ވެސް އެދެން." ރިއްފަތު ވިދާޅުވިއެވެ.
މީގެ އިތުރުން ރައްޔިތުން މަޖިލީހުން ފާސްކުރާ ޤާނޫނުތަކުގެ ބައިތައް "ސުޕްރީމް ކޯޓުން ހިތުހުރި ގޮތަކަށް ބާތިލް ކުރުމުގެ ސަގާފަތް ނިމުމަކަށް ގެނެސްދިނުމަށް ވެސް" ރިއްފަތު އެދިވަޑައިގެންނެވިއެވެ.
ރިއްފަތު ވިދާޅުވީ ފަނޑިޔާރުންނާއި ބެހޭ ގޮތުން ހުށަހެޅޭ ޝަކުވާތައް އަވަހަށް ބަލައި ނިންމޭނެ ގޮތައް ޤާނޫނުތައް އިސްލާހު ކުރަން ޖެހިފައިވާ ކަމަށާއި އެކަން ކޮށްދިނުމަށް ވެސް އެދިވަޑައިގަންނަވާ ކަމަށެވެ.
ޖުޑީޝަލް ސާވިސް ކޮމިޝަންގެ މެންބަރުން މިރޭ ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަލް ކޮމެޓީއަށް ހާޒިރުކޮށް ގިނަ ސުވާލުތަކެއް ވަނީ މެންބަރުންގެ ފަރާތުން ކުރިމަތިކޮށްފައެވެ. ނަމަވެސް ކުރިން ލަފާ ކުރެވުނު ގޮތާއި ހިލާފަށް ބައްދަލުވުން ކުރިއަށް ދިޔައީ ވަރަށް ހަމަހިމޭންކޮށް، ބަހުގެ ހަމަލާތަކެއް ބަދަލު ނުކުރެވި އެވެ.
ޖުޑީޝަލް ސާވިސް ކޮމިޝަންގެ ގިނަ މެންބަރުން މިރޭ ވިދާޅުވީ ކޮމިޝަންގެ ބައެއް ނިންމުންތައް ތަންފީޒު ކުރަން ސުޕްރީމް ކޯޓުގެ ނިންމުންތަކުގެ ސަބަބުން ހުރަސް އެޅިފައިވާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ