ރައްޔިތުން ވެރިކަން ބަދަލުކުރީ ވައްކަން ހުއްޓުވައި، މަރުތަކަށް ވާގޮތް އެނގެން ބޭނުންވާތީ: ރައީސް ނަޝީދު

ކުރީގެ ރައީސް އަބުދުﷲ ޔާމީންގެ ވެރިކަން ރާއްޖޭގެ ރައްޔިތުން ބަދަލުކުރި އެންމެ މުހިއްމު އެއްސަބަބަކީ، ވައްކަން ހުއްޓުވައި، ގޮތް ނޭނގޭ މަރުތަކަށް ވާގޮތް އެނގެން ބޭނުންވާތީ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ބ. އަތޮޅު ފެހެންދޫގައި މިއަދު ބޭއްވި އެމްޑީޕީގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، ރައްޔިތުން ކުރީގެ ވެރިކަން ބަދަލުކުރީ، ވެރިކަމުގެ ފަރާތުން ރައީސުލް ޖުމްހޫރިއްޔާ ހާއްސަކޮށް ހިމެނި ވަޑައިގަންނަވައިގެން ހިންގަމުން ގެންދެވި ވައްކަން ތަހުގީގުކޮށް އޮޅުން ފިލުވުމަށް ކަމަށެވެ.
"ރާއްޖޭގެ ރައްޔިތުން ވެރިކަން ބަދަލު ކުރި އެންމެ މުހިއްމު އެއްސަބަބަކީ، ވައްކަން ހުއްޓުވަން، ރާއްޖޭގެ ރައްޔިތުން ވެރިކަން ބަދަލުކުރީ ރާއްޖޭގެ ވެރިކަމުގެ ފަރާތުން ރައީސުލް ޖުމްހުރިއްޔާ ހާއްސަކޮށް ހިމެނި ވަޑައިގަންނަވައިގެން ހިންގަމުން އެގެންދެވިހާ ވައްކަން ތަހުގީގު ކުރުމަށް، އޮޅުން ފިލުވުމަށް، ހޯދުމަށް، ރާއްޖޭގެ ރައްޔިތުން ވެރިކަން ބަދަލުކުރީ މީހުން މަރުވަމުންދާއިރުގައި އެ މަރުތަކަށް ވާގޮތް ރައްޔިތުންނަށް އެނގެން ބޭނުންވާތީ، ރާއްޖޭގެ ރައްޔިތުން ވެރިކަން ބަދަލުކުރީ ތަނަވަސް ދިރިއުޅުމެއް ހޯދުމަށް،" ރައީސް ނަޝީދު ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މަސއްކަތްތަކަށް އިޝާރާތް ކުރައްވައި ރައީސް ނަޝީދު ވިދާޅުވީ، ރައްޔިތުންގެ މަޖިލިހުގެ ވާޖިބަކީ، އެ ތަހުގީގުތައް ހިންގުމަށް އެހީތެރިވެދިނުން ކަމަށެވެ. އަދި، އެމްޑީޕީން އެހެން ފަރާތްތަކާ، އިއްތިހާދުވީ ވެސް ރައްޔިތުންގެ ކަންތައްތަކެއް ކޮށްދިނުމަށް ކަމަށާއި ނަމަވެސް ރައްޔިތުން އެދޭ ބިލްތަކަށް މަޖިލީހުގެ ތެރޭގައި އިއްތިހާދުން ވޯޓުދޭތަން ނުފެންނަ ކަމަށްވެސް ރައީސް ނަޝީދު ވިދާޅުވި އެވެ.
"ރައްޔިތުންގެ މަޖިލީހުން ކޮށްދޭން ޖެހޭނެ ކަމަކީ، ވާޖިބު ކަމަކީ މި ތަހުގީގުތައް ހިންގުމަށް އެހީތެރިވެދިނުން، އެމްޑީޕީ އިއްތިހާދުވީ ރައްޔިތުންގެ ކަންތައްތަކެއް ކޮށްދިނުމަށްޓަކައި، ރައްޔިތުން އެދޭކަންކަން ރައްިޔތުންނަށް ފުއްދައިދިނުމަށްޓަކައި، މިއަދު އަޅުގަނޑުމެންނަށް އިއްތިހާދަކުންނެއް ނުފެނޭ ރައްޔިތުން އެދޭ ބިލްތަކަށް ރައްޔިތުންގެ މަޖިލީހުގައި ވޯޓުލަމުން ދާތަނެއް،" ރައީސް ނަޝިދު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ