ޖޭއެސްސީގެ ބާރުތަކުގެ ތެރެއަށް ސުޕްރީމް ކޯޓުން ވަދެފައިވޭތޯ ބެލުމަށް ބޭރުގެ ފަންނީ މާހިރުންގެ ހޯދަނީ

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އާއި ދައުލަތުގެ އެހެން މުއައްސަސާތަކުގެ ބާރުތަކުގެ ތެރެއަށް ސުޕްރީމް ކޯޓުން ވަދެފައިވޭތޯ ބެލުމަށް ބޭރުގެ ފަންނީ މާހިރުންގެ ލަފާ ހޯދުމަށް ޖޭއެސްސީން ނިންމައިފިއެވެ.
ޖޭއެސްސީން އެގޮތަށް ނިންމާފައިވަނީ މިއަދު ބޭއްވި އެ ކޮމިޝަނުގެ ބައްދަލުވުމުގައެވެ.
ޖޭއެސްސީން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކޮމިޝަންގެ އިންފޮމޭޝަން އޮފިސަރ ހަސަން ޒަހީނު ވިދާޅުވީ، ސުޕްރީމް ކޯޓުން ދާދި ފަހުން ނެރުނު ދެ ކޯޓް އަމުރާއި ގުޅިގެން، ރައްޔިތުންގެ މަޖިލީހުގެ ބާރު ކަނޑުވާލާފައިވާ ކަމަށް އެ ބޭފުޅުންނަށް ފެންނާތީ އެ މައްސަލަ ބަލައި ދިނުމަށް އެދި ސިޓީ އަކުން ޖޭއެސްސީގައި އެދިފައިވާ ކަމަށެވެ.
"މި މައްސަލާގައި ކޮމިޝަނުން މިއަދު ނިންމާފައިވަނީ ބޭރުގެ މާހިރުންގެ ލަފާ ހޯއްދަވައިގެން ޖުޑީޝަލް ސާވިސް ކޮމިޝަނުގެ ބާރުތަކުގެ ތެރެއަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން މިހާތަނަށް އައި އިރު ވަދެފައިވޭތޯ ނުވަތަ ނޫންތޯ. އަދި ދައުލަތުގެ އެނޫން މުއައްސަސާތަކުގެ އިހުތިސޯސްގެ ތެރެއަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ވަދެފައިވޭތޯ ނުވަތަ ނޫންތޯ، އެކަން ދިރާސާއެއް ކުރުމަށް". ޒަހީން ވިދާޅުވިއެވެ.
ޒަހީން ވިދާޅުވީ، އެ ދިރާސާއަށްފަހު އޭގެ ނަތީއްޖާއެއް ރައްޔިތުންގެ މަޖިލީހާއި ހިއްސާ ކުރާނެ ކަމަށެވެ. އަދި މިކަމަކީވެސް ވަރަށް އަވަހަށް ކުރަން ނިންމާފައިވާކަމެއް ކަމަށް ޒަހީން ފާހަގަކުރެއްވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ