މާލޭގައި އުޅޭ ރައްޔިތުން ތިބީ ހާސްކަމުގެ ތެރޭގައި ތާށިވެފައި: ރައީސް

މާލޭގައި ދިރިއުޅޭ ރައްޔިތުން މިއަދު ތިބީ ހާސްކަމާއި ހާސްކަމުގެ ތެރޭގައި ތާށިވެފައި ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ރައީސް ސޯލިހު މިހެން ވިދާޅުވީ މާލޭ ސަރަޙައްދަށް ޚާއްޞަކުރި، ދަތުރުދާ ރަށް އިޢުލާނު ކުރުމުގެ ރަސްމިއްޔާތުގައި މިއަދު ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ސޯލިހު ވިދާޅުވީ އަމިއްލަ ރަށް ދޫކޮށް، ދިރިއުޅުމަށްޓަކައި މާލެއަށް ހިޖްރަކުރާ މީހުންގެ ޢަދަދުވެސް އަންނަނީ، އަހަރުން އަހަރަށް އިތުރުވަމުން ކަމަށާއި އެހެންކަމުން، ދުނިޔޭގެ ނިސްބަތުން ބަލާއިރުވެސް، މާލެއަކީ އެންމެ ބައިބޯ އަދި އެންމެ ބޮޑަށް ތޮއްޖެހިފައިވާ ސިޓީތަކުގެ ތެރޭގައި ގުނާލެވޭ ރަށެއް ކަމަށެވެ. އަދި މިހާރުގެ ޙާލަތު ބަދަލު ނުކުރެވިއްޖެނަމަ، މާލޭގެ ތޮއްޖެހުން ދާނީވެސް އިތުރުވަމުން ކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ.
"ދުނިޔޭގެ އެހެން ބޮޑެތި ސިޓީތަކާ ޚިލާފަށް، މާލޭގެ ތޮއްޖެހުމުގައި، ނޭދެވޭ އެހެން ކަންތައްތަކެއްވެސް އެބައޮތް. އެއްކަމަކީ މާލޭގެ މަގުތަކާއި ގޯޅިތައް އިންތިހާއަށް ހަނިވުން. އަނެއް ކަމަކީ، މާލޭގައި ހުސް ބިންތަކާއި ޕާކްތައް މާބޮޑަށްވެސް މަދުވުން. އަދި އަނެއް ކަމަކީ، މާލޭގެ ދޭދޭ ޢިމާރާތްތަކުގެ ދޭތެރޭގައި އެކަށީގެންވާ ވަރަށް ހުސް ޖާގަ ނެތުން" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މިއިން ކޮންމެ ކަމަކީ، މާލޭގައި ދިރިއުޅެމުންދާ މީހުންގެ ހަމަޖެހުމަށް، އެކަމުގެ އަސަރު ފޯރާ ކަންކަން ކަމަށާއި މި ހާސްކަމުގެ ތެރޭގައި މާލޭގައި ދިރިއުޅެމުން އައި މީހުން، ހިތްއުފާކޮށްލައި މުނިފޫހިފިލުވައިލުމަށް، މީގެ ކުރިން ގޮސް އުޅުނީ، މާލެއާ ކައިރީގައި ހުރި ބައެއް ފަޅުރަށްތަކަށާއި، ބައެއް ފިނޮޅުތަކަށް ކަމަށެވެ.
"ނަމަވެސް މާލޭގައި ދިރިއުޅޭ މީހުންގެ އިޙްސާސްތަކަށް ބެލުމެއްނެތި، އަދި އެކަން އެގޮތަށް ނުކުރުމަށް އެދި އަޑު އުފުލަމުން ދަނިކޮށްވެސް، މި ސަރަޙައްދުގެ ހުރިހާ ފަޅުތަކާއި، ފިނޮޅުތަކާއި ފަޅުރަށްތައް، ކުރީ ސަރުކާރުން ވަނީ، ނާޖާއިޒު ގޮތުގައި ވިއްކައި ހުސްކޮށްލާފައި. މާލޭގައި ދިރިއުޅޭ ރައްޔިތުން މިއަދު ތިބީ ރަށު ބަންދުން ވީއްލޭނެ ގޮތެއް ނެތިފައި. ހިތްއުފާކޮށްލަން ދާނެ ތަނެއްނެތި، ހާސްކަމާއި ކަންބޮޑުވުމުގެ ތެރޭގައި ތާށިވެފައި" ރައީސް ސޯލިހު ވިދާޅުވިއެވެ.
ވެރިކަމަށް އައުމަށްޓަކައި ވަޢުދުވީ ފަދައިން، މި ސަރުކާރުގެ ފުރަތަމަ ދުވަހުން ފެށިގެން އަންނަނީ، މާލެ ސަރަޙައްދުގައި ދިރިއުޅޭ މީހުންނަށް ހިތްފަސޭހަ ދިރިއުޅުމެއް ހޯދައިދޭން މަސައްކަތް ކުރަމުން ކަމަށާއި އޭގެތެރެއިން މިހާރު ފުރިހަމަވެފައިވާ އެއްކަމަކީ، މާލޭގެ ވަކި މަގުތަކެއް، ހުކުރު ދުވަހުގެ ހެނދުނު ބަންދުކޮށް، ޢާއިލާއާއި ކުޑަކުދީންނަށް ޖަޒީރާ ދިރިއުޅުމެއް ހޯދައިދިނުންކަން ރައީސް ފާހަގަކުރެއްވިއެވެ.
އަދި މާލޭގައި ހުސް ޖާގަ އިތުރުކޮށް، ޢާންމުންގެ ބޭނުމަށް ކިރިޔާވެސް ތަންކޮޅެއް ހަމަޖެއްސެން އޮތްތޯ ބަލައި، އެތަންތަން ޕާކްތަކަށް ބަދަލުކުރަމުން އަންނަ ކަމަށާއި ދެކެން ބޭނުންވަނީ، ވީހާވެސް ގިނަ މީހުން މި ތަންތަން ބޭނުންކޮށް، ޢާއިލާއާއެކު ވަގުތު ހޭދަކުރާތަން ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
މީގެއިތުރުން ރައީސް ވިދާޅުވީ ސަރުކާރުން ގަސްދުކޮށްފައިވަނީ އަންނަ އަހަރުގެ ކުރީކޮޅު މާލޭގައި އުޅޭ ރައްޔިތުންނަށް ދަތުރުދާން ހަމަޖެއްސި ރަށަށް ދަތުރުދެވޭނެ އިންތިޒާމު ހަމަޖެއްސުން ކަމަށެވެ. އަދި އެރަށް ހުޅުވުމުން، މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް މިހާރު ކުރިމަތިވެފައިވާ އެތައް މައްސަލަތަކަކަށް ވަރަށް ބޮޑު ޙައްލެއް ލިބިގެންދާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ