ގޮތް ނިންމާނީ މަޖިލީހުން، ކަންކުރާނީ ސަރުކާރުން: ނަޝީދު

ރިޔާސީ ނިޒާމުގައި ގޮތް ނިންމާނީ ރައްޔިތުންގެ މަޖިލީހުން ކަމަށާއި ކަންކަން ކުރާނީ ސަރުކާރުން ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރ. މާކުރަތުގައި މިއަދު ބޭއްވި އުނގޫފާރު ދާއިރާގެ ކެންޑިޑޭޓް މުހައްމަދު ވަހީދުގެ ކެމްޕެއިން ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ކުރީގެ ރައީސް ނަޝީދު ވިދާޅުވީ ރާއްޖެ ހިންގުމުގެ އެންމެ ބޮޑު ބާރަކީ ރައްޔިތުންގެ މަޖިލިސް ކަމަށާއި ސަރުކާރު ހިންގަން ޖެހެނީ މަޖިލީހުން ކަނޑައަޅާ ގޮތެއްގެ މަތީން ކަމަށެވެ.
ނަޝީދު ވިދާޅުވީ ސަރުކާރުން ބޭނުންވާ ކަންކަން ކުރުމަށް މަޖިލީހުން ގޮތް ނިންމައި ދޭންޖެހޭނެ ކަމަށެވެ.
ރައީސް ސޯލިހުގެ ރިޔާސީ ވައުދުތައް ފުއްދެން އަންނަނީ ގާނޫނީ ބާރުވެރިކަމެއް ރައީސަށް ލިބިވަޑައިގަތުމުން ކަމަށާއި ގާނޫނީ ބާރުވެރިކަން ނުލިބި ވައުދުތަކެއް ނުފުއްދޭނެ ކަމަށް ނަޝީދު ވިދާޅުވިއެވެ.
''ރައީސް އެބަ ވައުދުވެވަޑައިގަންނަވާ ބޯހިޔާވަހިކަން އަދި އިސްތިސްނާއެއްނެތި ހުރިހާ ރަށެއްގެ ފެނާއި ނަރުދަމާ ނިޒާމު. ބަނދަރެއް ހަދަން އޮތިއްޔާ އެކަމެއް ކުރުން. އަދި މިރަށްރަށުގެ މަގުހެދުން އަދި ރަށްރަށުގެ މުނިފޫހި ފިލުވުމުގެ ކަންތައްތަކާއި މަދަރުސާއާއި ހޮސްޕިޓަލާއި ގެދޮރު އެޅުމާއި އެންމެހާ ކަންކަމަށް. އަދި އަޅުގަނޑުމެން އެބަ އެދެން ރަނުން ރަނަށް އަކުރުން އަކުރަށް މިވައުދުތައް ފުއްދިދާނެކަން.'' ރައީސް ނަޝީދު ވިދާޅުވިއެވެ.
ނަޝީދު ވިދާޅުވީ އެޖެންޑާ 19ގެ ވައުދުތައް ފުއްދެން އޮތީ ރައްޔިތުންގެ މަޖިލީހުގެ ބާރުވެރިކަން ސަރުކާރަށް ދީގެން ކަމަށެވެ.
ނަޝީދު ވިދާޅުވީ ސަރުކާރަކީ އެމްޑީޕީގެ ސަރުކާރެއް ކަމަށާއި ރައީސުލްޖުމްހޫރިއްޔާ އަކީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު ކަމަށެވެ. އަދި މަޖިލީހަށް ވެސް ނަގަން ބޭނުންވަނީ އެމްޑީޕީ މެންބަރުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ