ކަރަންޓު މައްސަލައިގަ ދާންދޫ ރައްޔިތުންގެ ޕެޓިޝަނެއް ރައީސަށް!

ކަރަންޓުގެ އަގާމެދު ކަންބޮޑުވުން ފާޅުކޮށް ކަރަންޓުގެ އަގު ތިރިކޮށްދިނުމަށް އެދި ގއ. ދާންދޫ ރައްޔިތުން ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އަށް ޕެޓިޝަނެއް ހުށަހަޅުއްވައިފި އެވެ.
178 މީހުންގެ ސޮޔާއެކު ރައީސް ޔާމީނަށް ހުށަހެޅުއްވި ޕެޓިޝަނުގައި ބުނެފައިވަނީ ސަރުކާރުން އެއް ދުވަހުން އަނެއް ދުވަހަށް ޖަނަރޭޓަރު ތަކަށް އަޅާ ތެޔޮ (ޑީސަލް) އަގުހެޔޮކޮށް ދެއްވަމުން ގެންދަވާއިރު ކަރަންޓް ފީ އަގު ހެޔޮ ނުވެ ރައްޔިތުން އަތް ނުފޯރާ ހިސާބަކަށް ކަރަންޓް ބިލް ބޮޑުވަމުން ދާތީ ރައްޔިތުންނަށް އިގްތިސޯދީ ގޮތުން ދަތިތަކާ ކުރިމަތިވެފައިވާ ކަމަށެވެ.
"ކަރަންޓް ފީ މިއަށް ވުރެ ކުޑަކޮށްދެއްވާ އަޅުގަނޑުމެން ރައްޔިތުންނަށް ލުއިފަސޭހަ ގޮތެއް ހައްދަވައި ދެއްވާތޯ ދަންނަވަމެވެ،" ޕެޓިޝަނުގައި ބުނެފައި ވެއެވެ.
މި ޕެޓިޝަނުގެ ކޮޕީ ވަނީ ފެނަކަ ކޯޕަރޭޝަނަށްވެސް ފޮނުވާފަ އެވެ.
ދާންދޫ ރައްޔިތުން ރައީސް ޔާމީނަށް ހުށަހެޅުއްވި ޕެޓިޝަނުގައި ސޮއިކުރި އެންމެންވެސް ސޮއިކުރީ އެރަށު އައްސޭރި، ނަސީމް އިބްރާހީމް އާއި ކާމިނީގެ، އަބްދުﷲ އަލީ އާ ދެމީހުންގެ ހާޒިރުގައި ކަމަށްވެސް އެ ޕެޓިޝަނުގައި ބުނެފައި ވެއެވެ.
ދުނިޔޭގައި ތެލުގެ އަގު ހެޔޮވުމާއި ގުޅިގެން އެސްޓީއޯއިން ވަނީ ޕެޓްރޯލާއި ޑިސަލްގެ އަގު ހެޔޮކޮށްފަ އެވެ. އެގޮތުން ޕެޓްރޯލް އަދި ޑީސަލް ލީޓަރެއް މިހާރު ވިއްކަމުން ދަނީ 10ރ. އަށެވެ.
ތެލުގެ އަގު ހެޔޮވީ ނަމަވެސް ކަރަންޓުގެ އަގަށް ބަދަލު ނާންނާތީ އެކަމުގެ ޝަކުވަ ގިނަ ބަޔަކު އަންނަނީ ކުރަމުންނެވެ. ކަރަންޓުގެ ހިދުމަތް ދެމުންދާ ކުންފުނި ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން ބުނެފައި ވަނީ ތެލުގެ އަގަށް ހެޔޮ ބަދަކުތަކެއް އައިސްފައިވާތީ ކަރަންޓްުގެ އަގުވެސް ހެޔޮކޮށްފައިވާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ