ކޯލިޝަންގައި ހިމެނޭ ހުރިހާ ޕާޓީއެއްގެ މެދުގައި ވެސް އޮންނަންވީ ހިތާއި ހިތުގެ ގުޅުން: އަލީ ވަހީދު

ކޯލިޝަންގައި ހިމެނޭ ހުރިހާ ޕާޓީތަކެއްގެ މެދުގައި ވެސް އޮންނަންވީ ހިތާއި ހިތުގެ ގުޅުމެއް ކަމަށް ޖުމްހޫރީ ޕާޓީގެ ރައީސް އަލީ ވަހީދު ވިދާޅުވެއްޖެއެވެ.
ޖުމްހޫރީ ޕާޓީގެ ލީޑަރު ކަމަށް ގާސިމް އިބްރާހިމް އިންތިޚާބު ވުމަށްފަހު، ރޭ ވާހަކަފުޅު ދައްކަވަމުން އަލީ ވަހީދު ވިދާޅުވީ މީހަކަށް އޮތީ ކޮން މަގާމެއްތޯ ނުބަލައި ހިތާއި ހިތުގެ ގުޅުމަކުން ކޯލިޝަންގެ ހުރިހާ ޕާޓީތައް ގުޅެންޖެހޭ ކަމަށެވެ.
ގާސިމް ވިދާޅުވި ފަދައިން ހުރިހާ ޕާޓީތަކާ އެކު ބަދަހި ކޯލިޝަނެއްގައި ފަސް އަހަރު ވާންދެން ޖުމްހޫރީ ޕާޓީ އޮންނަން ޖެހޭ ކަމަށް ވެސް އަލީ ވަހީދު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ހުރިހާ ގޮތަކުން ބެލިޔަސް ރާއްޖޭގެ ދެވަނައަށް އެންމެ ބޮޑު ޕާޓީ އަކީ ޖުމްހޫރީ ޕާޓީ ކަމަށާއި އެ ޕާޓީއަކީ ހުރިހާ ރައްޔިތުންނަށް ހުޅުވާލެވިފައިވާ ޕާޓީއަކަށް ވެގެން ދިޔުމަށް އުންމީދު ކުރައްވާ ކަމަށެވެ.
އެ ޕާޓީގެ ނައިބު ލީޑަރު އަބްދުﷲ އަމީން ވިދާޅުވީ ކޮންގްރެސްއަށް ފަހު އައި ބަދަލުތަކާ އެކު ޕާޓީއަށް ކުރިއެރުން އަންނާނެ ކަމަށެވެ. އަދި ޚާއްސަކޮށް ގާސިމް އަލުން ޕާޓީގެ ހިންގުމާ ހަވާލުވެވަޑައިގަތުމަކީ ބޮޑެތި ކުރިއެރުންތަކެއް އެޕާޓީއަށް ލިބިގެންދާނެ ކަމެއް ކަމަށް އަމީން ވިދާޅުވިއެވެ.
"އަޅުގަނޑުމެން އެންމެންގެ ވެސް އުންމީދަކީ ޕާޓީ ކޯލިޝަން ތެރޭގައި، މުހިންމު ދައުރެއް އަދާކޮށް، ސަރުކާރު ވަރުގަދަކުރުމުގެ މަސައްކަތުގައި ޕާޓީއަކީ މުހިންމު ޕާޓީއަކަށް ވެގެންދިޔުން،" އަމީން ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ