ރިޔާސީ އިންތިހާބު ބާތިލުކުރަން އަމުރުކޮށްދިނުމަށް އެދިވަޑައިގެން ރައީސް އަބްދުﷲ ޔާމީންގެ ފަރާތްޕުޅުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގެ ޝަރީއަތުގެ އަޑުއެހުންތައް ސުޕްރީމް ކޯޓުން ވަނީ ނިންމާފައެވެ.
ރިޔާސީ އިންތިހާބުގެ ނަތީޖާ އިލެކްޝަންސް ކޮމިޝަން (އީސީ) އިން އޮޅުވާލާފައިވާ ކަމަށް ބުނެ ސުޕްރީމް ކޯޓަށް ރައީސް ޔާމީންގެ ފަރާތްޕުޅުން މައްސަލަ ހުށަހެޅީ މިދިޔަ ހަފުތާގެ ބުދަ ދުވަހުއެވެ. އެ މައްސަލަ ސުޕްރީމް ކޯޓުން ބަލައިގަނެ، މިދިޔަ ހޮނިހިރު ދުވަހު އެ މައްސަލައަށް ޖަވާބުދާރީވުމަށް ސުޕްރީމް ކޯޓުން އީސީއަށް އެންގުމުން އެ ކޮމިޝަނުން ވަނީ އެ ދުވަހު އެ މައްސަލައަށް ޖަވާބުދާރީވެފައެވެ.
އެ މައްސަލައިގެ ފުރަތަމަ އަޑުއެހުން މިދިޔަ އާދީއްތަ ދުވަހު ބޭއްވި އިރު، ދެވަނަ އަޑުއެހުމެއް ބޭއްވީ މިދިޔަ ހޯމަ ދުވަހުގައެވެ. އަދި ތިންވަނަ އަޑުއެހުމެއް މިދިޔަ ބުދަ ދުވަހު ބާއްވައި، އެއީ އެ މައްސަލައިގައި ބާއްވާނެ ފަހު އަޑުއެހުން ކަމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ވިދާޅުވިއެވެ. އަދި ދެން އޮންނާނީ އެ މައްސަލައިގައި ހުކުމް ކުރުން ކަމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ވިދާޅުވިއެވެ. އެހެން ނަމަވެސް މިއަދާ ހަމައަށް ވެސް ހުކުމް ކުރާނެ ދުވަހެއް އެ ކޯޓުން ހާމައެއް ނުކުރެއެވެ.
އެހެންވުމާއެކު ގިނަ ބަޔަކު އަންނަނީ ސުޕްރީމް ކޯޓުގެ ހުކުމް އިއްވުން ލަސްވާތީ ސޯޝަލް މީޑިއާގައި ކަންބޮޑުވުން ފާޅުކުރަމުންނެވެ. އަދި ހުކުމް އަންނާނެ ގޮތަކާ މެދު ބައެއް ފަރާތްތަކުން ލަފާ ކުރަމުން ދާއިރު، ހުކުމް އަންނާނެ ވަގުތަކާ މެދު ވެސް ބައެއް މީހުން އަންނަނީ ލަފާކުރަމުންނެވެ. ހުކުމާ މެދު އެ މީހެއްގެ ޝުއޫރު ދަނީ ސޯޝަލް މީޑިއާގައި ފާޅުކުރަމުންނެވެ.
"އިންތިހާބުގެ މައްސަލައިގައި ހުކުމް އިއްވެވުން ލަސްވާތީ ކަންބޮޑުވޭ، ރައްޔިތުން އިންތިހާބެއް ލިބިގަތީ ގިނަގުނަ އަނިޔާތަކާއި ކުރިމަތިލާ، ނުހަނު ވޭނުގައި ދިގު މުއްދަތެއް ފާއިތުކުރުމަށް ފަހު، ލަހެއް ފަހެއް ނެތި ރައްޔިތުންގެ ހައްގު ރައްޔިތުންނަށް ލިބިދިނުން ލާޒިމު،" ކުރީގެ ބަންޑާރަ ނައިބު ދިޔާނާ ސައީދު ކުރެއްވި ޓްވީޓްގައި ވިދާޅުވިއެވެ.
"ހުކުމް އިއްވުން ލަސްވަނީ ކީއްވެތޯ؟ އަހަރެމެން މި ތިބީ އަލުން ވޯޓަކަށް ދާ ގޮތަކަށް ނޫން، އެންމެ ދެރައީ އަދުލުވެރި އިންސާފުވެރި ފަނޑިޔާރު ގެއެއް ނެތުން،" ސުޕްރީމް ކޯޓުގެ ހުކުމް އިއްވުން ލަސްވާތީ ކަންބޮޑުވުން ފާޅުކުރި އާންމުންގެ މީހަކު ޓްވީޓްގައި ބުނެފައި ވެއެވެ.
"ހުވަފެނުގައި ހުކުމް ފެނުނު، އިންތިހާބު ބާތިލެއް ނޫން، ނަމަވެސް ފުލުހުންގެ މައްޗަށް ތަހުގީގު ކުރަން އަންގާފައި، ތަހުގީގު ނިމެންދެން ހުވާކުރުން ފަސްކޮށްފައި، އެހެނަސް އެންމެ ބޮޑަށް ދެނެވޮޑިގެންވަނީ ﷲ،" ހުކުމް ލަފާކޮށްފައި މުއިއްޒުގެ ނަމުގައި ހަދާފައިވާ ޓްވީޓާ އެކައުންޓަކުން ކުރި ޓްވީޓެއްގައި ބުނެފައި ވެއެވެ.
ރައީސް ޔާމީންގެ ފަރާތްޕުޅުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގައި ކޯޓުން ދީފައިވާ ބަޔާންތަކުގައި މައްސަލައިގައި ހިމެނޭ ހުރިހާ ފަރާތްތަކުން އިއްޔެ ވަނީ ސޮއިކޮށްފައެވެ. މި މައްސަލައިގައި ހިމެނޭ ތިން ފަރާތަކީ މައްސަލަ ހުށަހެޅުއްވި ރައީސް ޔާމީނާއި، މައްސަލަ ރައްދުވާ އިލެކްޝަންސް ކޮމިޝަންގެ އިތުރުން، މައްސަލައަށް ތަދައްހުލްވި ގުޅިފައިވާ ޕާޓީތަކެވެ.
އެ މައްސަލައިގައި ސުޕްރީމް ކޯޓަށް ރައީސް ޔާމީން ހުށަހަޅުއްވާފައިވާ ހެކިބަސް ބަލައިނުގަންނަން ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ އިއްތިފާގުން ވަނީ ނިންމަވާފައެވެ. އެހެންވުމާއެކު، މައްސަލައިގެ މަންޒަރުތައް ހުރި ގޮތުން، އަދި މައްސަލަ އޮތީ އިލެކްޝަންސް ކޮމިޝަނާއި، އިދިކޮޅު ފަރާތްތަކުން ބޭނުންވާ މިސްރާބަށް ކަމަށް ބައެއް މީހުން ބުނެއެވެ. އެހެން ނަމަވެސް ޕީޕީއެމުން ބުނާ ގޮތުގައި، އެ މައްސަލަ ރައީސް ޔާމީނަށް ކާމިޔާބުވާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތެވެ. ކޮންމެއަކަސް މުޅި ގައުމު އޮތީ އިންތިހާބާ ގުޅޭ ގޮތުން މި ހުށަހެޅި މައްސަލައިގައި ސުޕްރީމް ކޯޓުން އިއްވާނެ ހުކުމުގެ އިންތިޒާރުގައެވެ.
މުޅި ގައުމު ސުޕްރީމް ކޯޓުގެ ހުކުމުގެ އިންތިޒާރުގައި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ