މައުމޫން އާއި ނަދީމު އަދި ފާރިސަށް ކުރި ޓެރަރިޒަމްގެ ދައުވާ ގެންގޮސްފި

ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމާއި އެމަނިކުފާނުގެ ދަރިކަލުން އަހުމަދު ފާރިސް މައުމޫނާއި އަދި ދަނބިދަރިކަލުން މުހައްމަދު ނަދީމްގެ މައްޗަށް ކުރި ޓެރަރިޒަމްގެ ދައުވާ އަނބުރާ ގެންދަން ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ނިންމައިފިއެވެ.
މި ތިން ބޭފުޅުންގެ މައްޗަށް އުފުލާފައިވާ ޓެރަރިޒަމްގެ ދައުވާ ޕީޖީ އޮފީހުން އަނބުރާ ގެންގޮސްފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ.
ޕީޖީ އޮފީހުން އެ ތިން ބޭފުޅުންނަށް ފޮނުވާފައިވާ ސިޓީގައި ބުނެފައިވަނީ ސަރުކާރު ގާނޫނާ ހިލާފަށް ވައްޓާލުމަށް މަޖިލިސް މެންބަރުންނާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ރިޝްވަތު ދިން ކަމަށް ތުހުމަތުވާ މައްސަލާގައި ކޮށްފައިވާ ޓެރަރިޒަމްގެ އަމަލެއް ކުރަން އުޅުމުގެ ދައުވާ އިތުރަށް ކުރިއަށް ނުގެންދަން ނިންމައި، އެ މައްސަލަ ފުލުހަށް އަނބުރާ ފޮނުވާލާފައިވާ ކަމަށެވެ.
ނަމަވެސް ދައުވާ އަނބުރާ ނެގި ސަބަބެއް ޕީޖީ އޮފީހުން ތިން ބޭފުޅުންނަށް ފޮނުއްވި ސިޓީގައި ބުނެފައެއް ނުވެއެވެ.
މި ތިން ބޭފުޅުންގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ ޖުމްހޫރީ ޕާޓީގެ މެމްބަރު އަބްދުﷲ ރިޔާޒުގެ މައްޗަށް އުފުލާފައިވާ ޓެރަރިޒަމްގެ ދައުވާ ވެސް ޕީޖީ އޮފީހުން ވަނީ އަނބުރާ ގެންގޮސްފައެވެ. މީގެއިތުރުން ފާރިސްގެ މައްޗަށް އުފުލި ރިޝްވަތުގެ ދައުވާ ވެސް މިދިޔަ ހަފްތާގެ ތެރޭގައި ޕީޖީ އޮފީހުން ވަނީ އަނބުރާ ގެންގޮސްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ