ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ގެއަށް ބަދަލުކުރުމަށް މޯލްޑިވްސް ކަރެލްޝަނަލް ސާވިސް (އެމްސީއެސް) ގެ ދަށުގައިވާ މެޑިކަލް ބޯޑުން ދީފައިވާ ލަފައާ އެއްގޮތަށް އެ އިދާރާގެ ވެރިޔާ އަހުމަދު ޝިހާން އަމަލު ނުކުރައްވައި، އެކަމަށް ހުރަސްއަޅުއްވާ ކަމަށް ބުނެ އޭނާގެ މައްސަލަ ފުލުހުންނަށް ހުށަހަޅައިފި އެވެ.
މައުމޫންގެ ގާނޫނީ ވަކީލުންގެ ޓީމުން ބުނީ، މެޑިކަލް ބޯޑުގެ ލަފާ ތަންފީޒު ކުރުމަށް ހުރަސް އަޅުއްވާތީ ކޮމިޝަނާ އޮފް ޕްރިޒްންސް ޝިހާންގެ މައްސަލަ ތަހުގީގުކޮށް، އެންޓި ޓޯޗާ ގާނޫނުގެ ދަށުން ފިޔަވަޅު އަޅައި ދިނުމަށް ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.
މައުމޫން ގެއަށް ބަދަލުކުރުމަށް މެޑިކަލް ބޯޑުން ދިން ލަފައަށް ކަރެކްޝަނަލް ސާވިސް އިން މިހާތަނަށް އަމަލު ނުކުރާތީ، އެމަނިކުފާނުގެ އަނބިކަނބަލުން ނަސްރީނާ އިބްރާހީމާއި އާއިލާގެ ބައެއް ބޭފުޅުން މިއަދު ވަނީ ޝިހާންއާ ބައްދަލުކުރެއްވުމަށް އެ އިދާރާއަށް ވެސް ވަޑައިގެންފަ އެވެ. އެކަމަކު، ކުރިން އެޕޮއިންޓްމަންޓް ހައްދާފައިވާ ނުވާ ކަމަށް ބުނެ އެ ފުރުސަތެއް މައުމޫންގެ އާއިލާގެ ބޭފުޅުންނަށް ލިބިވަޑައެއް ނުގަތެވެ.
ކަރެކްޝަނަލް ސާވިސް އަށް ވަޑައިގަތުމަށް ފަހު، ނަސްރީނާ އާއި ދަރިކަނބަލުން ޔުމްނާ އާއި ގާނޫނީ ވަކީލް ފައިސަލް ވަޑައިގަންނަވަނީ.---ފޮޓޯ: ހުސައިން ވަހީދު/މިހާރު
ކަރެކްޝަނަލް ސާވިސްއަށް ވަޑައިގަތުމަށް ފަހު، މީޑިއާއަށް މައުމޫންގެ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ މުހައްމަދު ފައިސަލް ވިދާޅުވީ، މެޑިކަލް ބޯޑުގެ ލަފައަށް އަމަލުނުކުރާ ކޮންމެ ދުވަހަކު، އެކަމުގެ ޒިންމާ ކަރެކްޝަނަލް ސާވިސްއިން ނަގަން ޖެހޭނެ ކަމަށެވެ.
ފައިސަލް ވިދާޅުވިގޮތުގައި، ޑޮކްޓަރުންގެ ލިޔެކިޔުންތަކަށް ރިއާޔަތް ކުރުމަށް ފަހު، މައުމޫން ގެއަށް ބަދަލުކުރަން މެޑިކަލް ބޯޑުން ލަފާދީފައިވާ ކަން ގާނޫނީ ވަކީލުންގެ ޓީމަށް ވަނީ ކަށަވަރު ކުރެވިފަ އެވެ. އެހެންވެ، އެ ލަފައާ އެއްގޮތަށް ވީީހާ ވެސް އަވަހަކަށް މައުމޫން ގޭބަންދަށް ބަދަލު ކޮށްދިނުމަށް ފައިސަލް ވަނީ އެދިވަޑައިގެންފަ އެވެ.
"މެޑިކަލް ބޯޑުން ނިންމާފައިވާ ނިންމުމުގެ މައްޗަށް ތިޔަ ބޭފުޅުން އަމަލު ކޮށްދެއްވާށޭ. ލަސްކުރައްވާ ކޮންމެ ދުވަހަކީ އެކަމުގެ ޒިންމާ ތި ބޭފުޅުން ވެސް ނަންގަވަން ޖެހޭނެ ކަމެކޭ. އެހެންވީމަ މިއަދުން މިއަދަށް ވެސް މެޑިކަލް ބޯޑުގެ ނިންމުމާ އެއްގޮތަށް އަމަލު ކޮށްދެއްވުމަށް އިލްތިމާސް ދަންނަވާފައި މި އައީ،" ފައިސަލް ވިދާޅުވި އެވެ.
ކަރެކްޝަންސްގެ އިސްވެރިންނާ ބައްދަލުކުރެއްވުމަށްފަހު ރައީސް މައުމޫންގެ އަނބިކަނބަލުން ނަސްރީނާއި (ވ) ދަރިކަނބަލުން ޔުމްނާ ނިކުމެވަޑައިގަންނަވަނީ.-- ފޮޓޯ: ހުސެެއިން ވަހީދު/ މިހާރު
އޭނާ ވިދާޅުވީ މައުމޫން ބެއްލެވި ހުރިހާ ޑޮކްޓަރުން ވެސް ވަނީ، ގިނިކަންޏާ އެމަނިކުފާނު ޖަލުގައި ހުންނެވުމަކީ ރައްކާތެރި ކަމެއް ނޫން ކަމަށް ވިދާޅުވެފައި ކަމަށެވެ.
މައުމޫންގެ ދަރިކަނބަލުން ޔުމްނާ މައުމޫން ވިދާޅުވީ، ކަރެކްޝަނަލް ސާވިސްގެ އިސް ދެ ވެރިއަކާ ބައްދަލު ކުރައްވައި، މެޑިކަލް ބޯޑުގެ ލަފައާ އެއްގޮތަށް މައުމޫން ގެއަށް ބަދަލު ނުކޮށް ލަސްކުރަނީ ކީއްވެގެންތޯ ސުވާލު ކުރައްވާފައިވާ ކަމަށެވެ. ނަމަވެސް، އެކަމަށް އެ ފަރާތުން ޖަވާބެއް ނުދެއްވި ކަމަށް ވިދާޅުވި އެވެ.
"ކޮމިޝަނަރުގެ ޒިންމާއެއް އެއީ މެޑިކަލް ބޯޑުގެ ލަފާގެ މަތިން މި ކަންކަން ކުރިއަށް ގެންދިއުން. އުއްމީދަކީ ވީހާ ވެސް އަވަހަކަށް [މައުމޫން] ގެއަށް ބަދަލުކުރުން،" ޔުމްނާ ވިދާޅުވި އެވެ.
ފައިސަލް ފަހުން "މިހާރު" އަށް ވިދާޅުވީ މައުމޫން ގޭބަންދަށް ބަދަލުކުރަން މެޑިކަލް ބޯޑުން ނިންމިކަމަށް މީޑިއާތަކުގައި ފެތުރުމުން އެކަން ސާފުކޮށްދޭން އެދިފައިވާނެ ކަމަށެވެ. އެކަމަކު އެއަށް ޖަވާބެއް ނުދީ އެކަން ކަރެކްޝަނަލް ސާވިސްއިން ދޮގު ވެސް ކޮށްފައި ނުވާ ކަމަށް ވިދާޅުވި އެވެ. އެހެންވެ، މައުމޫން ގޭބަންދަށް ބަދަލުކުރަން މެޑިކަަލް ބޯޑުން ލަފާދީފައިވާ ކަން ކަށަވަރުވެފައިވާ ކަމަށް ވިދާޅުވި އެވެ.
އޭނާ ވިދާޅުވިގޮތުގައި، މެޑިކަލް ބޯޑުގެ ލަފައާ އެއްގޮތަށް ކަރެކްޝަނަލް ސާވިސްއިން އަމަލު ނުރަނީ އެ އިދާރާއަށް ނުފޫޒު ފޯރުވާތީ ކަމަށް ގަބޫލު ކުރެއްވެ އެވެ.
އުމުރުފުޅުން 80 އަހަރަށް ވުރެ މައްޗަށް ގޮސްފައިވާ މައުމޫން ގެންދަވަނީ، ބެނައިން ޕްރޮކްސިސިމަލް ޕޮޒިޝަނަލް ވާޓިގޯގެ ބައްޔަށް ފަރުވާ ހޯއްދަވަމުންނެވެ. އެއީ ކުއްލިއަކަށް ބޯއަނބުރައި ކޮއްޅަށް ހުންނަން ދަތިވެ އަމިއްލަ އަށް އެއްވެސް ކަމެއް ނުކުރެވޭ ހާލަތަށް ދާ ބައްޔެކެވެ.
މައުމޫން ގެއަށް ބަދަލުކުރުމަށް ހުރަސްއަޅާތީ، ކަރެކްޝަނަލް ސާވިސްގެ ވެރިޔާގެ މައްސަލަ ފުލުހަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ