ކުރީގެ ކޮމިޝަނާ އޮފް ޕޮލިސް އަހްމަދު އަރީފާއި، ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޯޅި ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ސިނާނުގެ ދަނގެތީ ދާއިރާގެ މެންބަރު އިލްހާމް އަހްމަދް އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ދަނބިދަރިކަލުން މުހައްމަދު ނަދީމު މިނިވަން ކޮށްފިއެވެ.
ހޯމަ ދުވަހުގެ ރޭ ކްރިމިނަލް ކޯޓުން މި ހަތަރު ބޭފުޅުން މިނިވަން ކޮށްފައި ވަނީ މި ބޭފުޅުންގެ މައްޗަށް ކުރެވުނު ތުހުމަތުތަކާ ގުޅިގެން ޝަރީއަތް ނިމެންދެން ބަންދުގައި ބޭތިއްބުމަށް މީގެ ކުރިން ކްރިމިނަލް ކޯޓުން ކޮށްފައިވާ އަމުރުތައް އަލުން ދިރާސާކޮށްދިނުމަށް ގާނޫނީ ޓީމުތަކުން ހުށަހެޅި މައްސަލައަކާ ގުޅިގެން ކްރިމިނަލް ކޯޓުގައި ބޭއްވި އަޑުއެހުމަކަށް ފަހުއެވެ.
ކްރިމިނަލް ކޯޓުން ނިންމާފައި ވަނީ މި ބޭފުޅުންގެ މައްޗަށް ކުރެވިފައިވާ ތުހުމަތުތަކާއި ދައުލަތުން އުފުލާފައިވާ ދައުވާއާ ގުޅިގެން މި ހަތަރު ބޭފުޅުން އިތުރަށް ބަންދުގައި ބޭތިއްބުމަށް ކޯޓަށް ނުފެންނާތީ މިނިވަންކުރުމަށެވެ. ތުހުމަތުތަކެއް ކޮށްފައި ހުރި ނަމަވެސް މިއިން އެއްވެސް ބޭފުޅަކީ މި ވަގުތު ހުކުމެއްގައި ތިއްބެވި ބޭފުޅުންނެއް ނޫނެވެ.
މި ހަތަރު ބޭފުޅުން ހައްޔަރު ކޮށްފައިވަނީ މިއަހަރުގެ ފެބްރުއަރީ މަހުގެ 1 ވަނަ ދުވަހުގެ ރޭ ސުޕްރީމް ކޯޓުން ނެރުނު އަމުރާ ގުޅިގެންނެވެ. އަދި މި ބޭފުޅުންގެ މައްޗަށް ވަނީ ގާނޫނީ ސަރުކާރު ގާނޫނާ ހިލާފަށް ވައްޓާލަން މަސައްކަތް ކުރި ކަމުގެ ތުހުމަތުކޮށް ޓެރަރިޒަމުގެ ދައުވާ އުފުލާފައެވެ.
މި ހަތަރު ބޭފުޅުންގެ ކުރިން ޖަލު ބަންދުގައި ހުންނެވި ކިނބިދޫ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒް ވެސް ވަނީ އިއްޔެގެ ވަގުތެއްގައި މިނިވަންކޮށްފައެވެ. ރިޔާޒުގެ މައްޗަށް ދިވެހިރާއްޖޭގެ ހައިކޯޓުން ކޮށްފައިވާ 4 މަހާއި 24 ދުވަހުގެ ޖަލު ޙުކުމްގެ މުއްދަތު ހަމަވެފައިވާތީއެވެ.
މި ބޭފުޅުންގެ އިތުރުން ފެބްރުއަރީ 1 ގެ ހުކުމާ ގުޅިގެން ހައްޔަރުކޮށް އަދި ތަފާތު އެކި ހުކުމްތައްކޮށް ޖަލަށް ލާފައިވާ ކުރީގެ ރައީސް މައުމޫނާއި ކުރީގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި އަލީ ހަމީދާއި ދިއްގަރު ދާއިރާގެ މެންބަރު އަހްމަދު ފާރިސް މައުމޫނުގެ ބަންދު ރިވިއު ކުރުމަށް ވެސް ހޯމަ ދުވަހުގެ ރޭ ވަނީ ކޯޓަށް ގެންގޮސްފައެވެ. ނަމަވެސް އެ ބޭފުޅުންގެ މައްސަލަތައް އެހެން ދުވަހަކަށް ފަސްކޮށް އެ ބޭފުޅުން ވަނީ އަނބުރާ ޖަލަށް ގެންގޮސްފައެވެ. އެކި މައްސަލަތަކުގައި އެ ބޭފުޅުންގެ މައްޗަށް ހުކުމްތައް ކޮށްފައިވާއިރު އެ ބޭފުޅުންގެ މައްޗަށް އުފުލާފައިވާ ޓެރަރިޒަމްގެ މައްސަލައާ ގުޅިގެން މައްސަލަ ނިމެންދެން ޖަލުގައި ބަންދުކުރުމަށް ކޯޓުން ކުރިން ވަނީ އަމުރު ނެރެފައެވެ.
އަދުލު އިންސާފު ގާއިމް ކުރަން ހުރަސް އެޅުމުގެ ދައުވާއެއް ސާބިތުވެ، މައުމޫން ގެންދަވަނީ އެއް އަހަރާއި ހަތް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ. އަބްދުﷲ ސައީދާއި އަލީ ހަމީދަށް ވެސް ތަފާތު ދެ މައްސަލައެއްގައި ދެ އަހަރަށް ވުރެ ދިގު ޖަލު ހުކުމެއް އިއްވާފައިވާއިރު، ޝަހްސު އޮޅުވާލުމުގެ ދައުވާއެއް ސާބިތުވެ، ފާރިސް ގެންދަވަނީ ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ.
ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
ދެން އަތްޖަހާ
ސީޕީ އަރީފް، އެމްޕީ ސިނާން، އިލްހާމް އަދި ނަދީމް މިނިވަންކޮށް، ރައީސް މައުމޫން، އަބްދުﷲ ސައީދު އަދި އަލީ ހަމީދު ޖަލަށް!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ