މަޢުލޫމާތު ހޯދާ ލިބިގަތުމުގެ ޙައްޤުގެ ބޭނުން ޒިންމާދާރުކަމާއެކު ހިފަންޖެހޭ- އިންފޮމޭޝަން ކޮމިޝަނަރ

ރައްޔިތުންނަށް ލިބިފައިވާ މަޢުލޫމާތު ހޯދާ ލިބިގަތުމުގެ ޙައްޤުޤެ ބޭނުން ޒިންމާދާރުކަމާއެކު ހެޔޮ ނިޔަތުގައި ބޭނުންކުރުމަށް އިންފޮމޭޝަން ކޮމިޝަނަރ އަލްއުސްތާޛް އަބްދުއްޢަޒީޒް ޖަމާލު އަބޫބަކުރު ގޮވާލައްވައިފިއެވެ.
މިއަދު ފާޙަގަކުރަމުންދާ ބައިނަލްއަޤްވާމީ މަޢުލޫމާތު ހޯދާ ލިބިގަތުމުގެ ޙައްޤުޤެ ދުވަހުގެ މުނާސަބަތުގައި ދެއްވި ޚިޠާބްގައި އަބްދުއްޢަޒީޒް ޖަމާލު ވިދާޅުވީ ރާއްޖޭގެ ދައުލަތުގެ އިދާރާތަކުން މިހާރު މަޢުލޫމާތު ހާމަކުރުމުގެ ޘަޤާފަތެއް އުފެދެމުން އަންނަކަމަށާއި އެކަމަށް ރައްޔިތުންގެ ފަރާތުން އެއްބާރުލުން ލިބެމުންއަންނަކަމަށެވެ.
ދައުލަތުގެ އިދާރާތަކުން ވެސް އެ އިދާރާތަކުގެ އަމިއްލަ އިސްނެގުމުގެ މަތިން މަޢުލޫމާތު ހާމަކުރުމަކީ އެ އިދާރާއެއްގެ ޒިންމާއެއް ކަން ފާހަގަކުރައްވާ އަބްދުއްޢަޒީޒް ވިދާޅުވީ އެ އިދާރާއަކުން އުފައްދައި ގެންގުޅެ ބަލަހައްޓާ މަޢުލޫމާތު ހާމަކުރުމަކީ އެ އިދާރާއަކަށް ލިބޭނެ ކުރިއެރުމެއް ކަމަށެވެ.
"މަޢުލޫމާތު ހިފެހެއްޓުމަކީ އެކަމުގައި އެއްވެސް ފައިދާއެއް އޮތް ކަމެއް ނޫން. އަދި މަޢުލޫމާތު ހާމަކުރުމުން މުޅި ޤައުމަށް ލިބޭނެ ފައިދާ ވަރަށް ގިނަ. މަޢުލޫމާތު ހާމަކުރުމުން ލިބޭނެ އެންމެ ބޮޑު ފައިދާއަކީ ހާމަކަން ބޮޑު ގޮތެއްގައި ކަންކަން ހިންގުމަށް މަގު ފަހިވުން. ކޮރަޕްޝަނަށް ހުންނަ މަގުތައް ބަންދުވުން. ނަޒާހަތްތެރިކަން އިތުރުވުން. އެ އިދާރާއަކަށް ރައްޔިތުންގެ އިތުބާރު ލިބުން. ނާޖާއިޒު ކަންކަމަށް ހުންނަ ފުރުޞަތު ބަންދުވުން." އަބްދުއްޢަޒީޒް ޖަމާލު އަބޫބަކުރު ވިދާޅުވިއެވެ.
އިންފޮރމޭޝަން ކޮމިޝަނަރ އަލްއުސްތާޛް އަބްދުއްޢަޒީޒް ޖަމާލު އަބޫބަކުރު ވިދާޅުވީ ސަރުކާރުގެ އިދާރާތަކާއި ރައްޔިތުންނާއި ޚަބަރު ފަތުރާ ވަޞީލަތްތަކުން ސައްޙަ މަޢުލޫމާތު ފޯރުކޮށްދެމުންދާނަމަ ޤައުމީ ތަރައްޤީގެ ދުވެލި ހަލުވިވެގެންދާނެކަމަށެވެ. އަދި އިޤްތިޞާދީ ދުޅަހެޔޮކަން އިތުރުވެ ރައްޔިތުންނަށް އުފާ ފާގަތިކަން ލިބި މުޖުތަމަޢަށް އަމާންކަމާއި ހަމަޖެހުން ލިބިގެންދާނެކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ޢަބްދުއްޢަޒީޒް ޖަމާލު އަބޫބަކުރު ވަނީ މަޢުލޫމާތު ހޯދުމުގެ ޙައްޤު އޮންނަ ފަދައިން އެ މަޢުލޫމާތު ފެތުރުމުގައި ފަރުދުންގެ މައްޗަށް އޮންނަ ޒިންމާއާއި މަސްއޫލިއްޔަތު ރަނގަޅަށް އަދާކުރުމަށްވެސް ގޮވާލާފައެވެ.
"ތިމާ ފަތުރާ މަޢުލޫމާތަކީ އިތުބާރު ހުރި މަޞްދަރަކުން ލިބުނު ތެދު މަޢުލޫމާތެއްތޯ، އެ މަޢުލޫމާތަކީ ފިތުނަ އުފަންދާން "ހަދައިފައިވާ" ދޮގެއްތޯ، އަދި އެއީ އެ މަޢުލޫމާތެއް ފަތުރައިގެން މުޖުތަމަޢަށް ފައިދާއެއްލިބޭނޭ ނުވަތަ، ގެއްލުމެއް ލިބޭނޭ މަޢުލޫމާތެއްތޯ، ބަލާން އެބަޖެހޭ." އަބްދުއްޢަޒީޒް ޖަމާލު އަބޫބަކުރު ވިދާޅުވިއެވެ.
މަޢުލޫމާތު ފެތުރުމަކީ ބޮޑު ޒިންމާއެއްކަމަށާއި ބުނާ ބުނުމަކުން ނުވަތަ ލިޔާ އެއްޗެއް ދޫކޮށްލުމަށް ފަހު އޭގެ ކޮންޓްރޯލް ތިމާގެ އަތުން ވީއްލިގެންދާއިރު ތިމާ ފަތުރާ ޚަބަރަކީ ތެދު ޚަބަރެއްކަން، ޞައްޙަ މަޢުލޫމާތެއްކަން ކަށަވަރުކުރުމަކީ ދީނީގޮތުންވެސް އަދި ދުނިޔަވީގޮތުންވެސް ލާޒިމުކޮށްފައިވާ ކަމެއްކަން އިންފޮރމޭޝަން ކޮމިޝަނަރ ވަނީ ފާހަގަކުރައްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ