ޔާމީން ފުލުސް އޮފީހުގައި ހަ ގަޑިއިރު ހޭދަކުރެއްވުމަށްފަހު ނުކުމެވަޑައިގެންފި

ކުރީގެ ރައީސް އަބްދުﷲ ޔާމީން މިއަދު މެންދުރުފަހު ފުލުސް އޮފީހަށް ހާޒިރުކޮށް، ހަ ގަޑިއިރު އެ ތަނުގައި ހޭދަކުރެއްވުމަށްފަހު ދެންމެއަކު ނުކުމެވަޑައިގެންފިއެވެ.
ފުލުސް އޮފީހުން ނުކުމެވަޑައިގެން ނޫސްވެރިންނާ ބައްދަލު ކުރައްވައި މައުލޫމާތު ދެއްވަމުން ޔާމީން ވިދާޅުވީ، އެމަނިކުފާނު މިއަދު ފުލުސް އޮފީހަށް ހާޒިރު ކުރެއްވީ ބައެއް ބަޔާންތަކުގައި ސޮއިކުރެއްވުމަށް ކަމަށެވެ. އަދި ބަޔާންތައް ދިގުކަން ވަގުތު ދިގުދެމިގެން ދިޔައީ ކަމަށް ޔާމީން ވިދާޅުވިއެވެ.
ފުލުހުން އެމަނިކުފާނުގެ މައްޗަށް އުފުލާފައިވަނީ މަނީލޯންޑްރިން އާއި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ކުރިއަށް ގެންދާ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ތަހުގީގަށް ދޮގު މައުލޫމާތު ދިނުމުގެ ތުހުމަތުގައެވެ.
ޔާމީންގެ މައްޗަށް މަނީ ލޯންޑްރީގެ ތުހުމަތު ކުރަނީ އެމްއެމްޕީއާރުސީ މެދުވެރިކޮށް ދޫކުރި ފަޅުރަށްތަކަށް ދަައުލަތަން ލިބެންޖެހޭ ފައިސާގެތެރެއިން އެމަނިކުފާނުގެ އިސްލާމިކް ބޭންކް އެކައުންޓަށް މަނީ ލޯންޑަކުރި މައްސަލައެވެ.
ޔާމީންގެ މައްޗަށް ދެން ތުހުމަތު ކުރަނީ އެމަނިކުފާނުގެ އެކައުންޓުގައި ހުރި އެއް މިލިއަން ޑޮލަރު، އޭސީސީއަށް ހަވާލުކުރިކަމަށް ބުނި ނަމަވެސް، އެ ފައިސާ ޖަމާކޮށްފައި ހުރީ އޭސީސީން ބުނި ގޮތަކަށް ނޫންކަމަށް ބުނެ ހުށަހަޅާފައިވާ އިޖްރާއީ މައްސަލައަކާއި ގުޅިގެންނެވެ.
މި މައްސަލައިގައި މިދިޔަ އާދީއްތަ ދުވަހު ވެސް އެ މަނިކުފާނު ވަނީ ފުލުހަށް ހާޒިރުކޮށް ހަތަރު ގަޑައިރު ވަންދެން މި މައްސަލައިގައި ވަނީ ސުވާލުކޮށްފައެވެ.
މީގެ ކުރިން ދެ ފަހަރެއްގެ މަތިން ޔާމީން ފުލުސް އޮފީހަށް ހާޒިރުކޮށްފައިވާއިރު، މަނީ ލޯންޑާކުރި މައްސަލައިގައި އެމަނިކުފާނުގެ ގާނޫނީ ވަކީލާ އާޒިމާ ޝަކޫރާ ވެސް މި މައްސަލައިގައި ސުވާލުކޮށްފައިވެއެވެ. މީގެ އިތުރުން އެމަނިކުފާނުގެ ސަރުކާރުގެ ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރާ ވެސް ވަނީ މި މައްސަލައިގައި ސުވާލުކޮށްފައެވެ.
ޔާމީންގެ މައްޗަށް ތުހުމަތު ކުރެވޭ މައްސަލަތަކާއި އަދި ފުލުހުން ބަލަމުންދާ މައްސަލައާއި ގުޅިގެން އެމަނިކުފާނުގެ އެކައުންޓުގައި ހުރި 100 މިލިއަން ރުފިޔާ ވަނީ ފްރީޒް ކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ