ސިޔާސީ "ބޯވަތައް" ތިލަވާ މޫސުން، ރައީސް އިބޫ ވިސްނަވާތި!

ރައްޔިތުންގެ އެތައް ހައްގުތަކެއް ނިގުޅައިގެންފައިވާ ފަސް އަހަރުގެ ވެރިކަމެއް ނިމިގެންދާ އިރު، އެ ހައްގުތައް ނިގުޅައިގަތުމުގައި އެތައް ބައެއްގެ އިހުމާލު އެބަ އޮތެވެ. އެކަމުގެ އެންމެ ފުރިހަމަ ޒިންމާ ރައީސް އަބްދުﷲ ޔާމީން ނަންގަވަން ޖެހިވަޑައިގަންނަވާ އިރު، އެކަމުގައި އެމަނިކުފާނަށް އަތްބާރު އަޅައިދިން މީހުން މަދެއް ނޫނެވެ.
ރައްޔިތުންގެ މަޖިލީހުގަޔާއި ޝަރުއީ ދާއިރާގައި އަދި މިނިވަން މުއައްސަސާތަކުގައި ވެސް އެ މީހުން އެބަ ތިއްބެވެ. ސިފައިންނާއި ފުލުހުންގެ އިތުރުން ރާއްޖޭގެ އެކި ގިންތީގެ ވިޔަފާރިވެރިންގެ ތެރޭގައި ވެސް އެމީހުން މަދެއް ނޫނެވެ.
ވެއަތުވެ ދިޔަ ފަސް އަހަރުގެ ތެރޭގައި، ގާނޫނުއަސާސީ އާއި ގާނޫނުތަކާ ޚިލާފަށް އެތައް ހައްގުތަކެއް ހިފަހައްޓައި އަދި ބައެއް ހައްގުތައް ނިގުޅައިގަތުމުގެ އިތުރުން ދައުލަތުގެ ފައިސާ އާއި މުދާ ނަހަމަ ގޮތުގައި ބޭނުންކުރި މީހުން ހަމަ ގައިމު ވެސް އެނގޭނެ އެވެ.
މިނިސްޓަރުންގެ ލިސްޓަށް ފްލެޓްތައް ބެހުމާއި، ސަދަގާތު ފައުންޑޭޝަންގެ ނަމުގައި ހިންގި ހަރަކާތްތަކަކީ ހަމަޔާއި އިންސާފުން އެއްކިބާވެ އަދުލުވެރިކަމެއް ނެތި، މި ސަރުކާރުން ހިންގި ކަންތަކުގެ ގޮތުގައި ގިނަ ބަޔަކު ލިސްޓުކުރާ އިރު އެންމެ ކުރީގައި ހިމެނޭ ކަންކަމެވެ. ބޮޑެތި މަޝްރޫއުތަކަށް ދައުލަތުގެ މާލިއްޔަތުން ޚަރަދު ކުރި އިރު، އެކި އޮފީސްތަކުން ހިންގާފައިވާ ޚިޔާނާތާއި ކޮރަޕްޝަންގެ އަމަލުތަކަކީ ވެސް، ހަމައެކަނި ރައީސް ޔާމީން ޒިންމާވާން ޖެހޭ ކަންކަމެއް ނޫނެވެ.
ހުޅުމާލޭގައި އަޅާފައިވާ ފްލެޓްތަކެއް: ހައްގުވެރިން ތިއްބައި ބައެއް ފްލެޓްތައް ބަހައިލީ މިނިސްޓަރުންގެ ލިސްޓަށް.
"އަޅުގަނޑުމެން ކޮރަޕްޝަންގެ ވާހަކަ ދައްކާއިރު، އަބަދުވެސް މި ދައްކަނީ ރައީސް ޔާމީނާއި އަދީބުގެ ވާހަކަ. ކޮބައިތޯ އެ ބޭފުޅުންނަށް އެކަންކަން ކޮށްދިން މީހުން. މިނިސްޓަރުންގެ ލިސްޓަށް ފްލެޓްތައް ބަހައިލީ ރައީސް ޔާމީން އެ ގޮތަށް އަންގަވައިގެން ކަމަށް ވާ ނަމަ، ރައީސްގެ އެ އެންގުމާ އެއްގޮތަށް އެކަންތައް ކޮށްދިން ބަޔަކު ވެސް ތިބޭނެތާ،" ރައީސް ޔާމީންގެ ސަރުކާރުގައި ޑެޕިއުޓީ މިނިސްޓަރުކަން ކުރެއްވި ބޭފުޅަކު، ނަން ނުޖަހާ ގޮތަށް، ވިދާޅުވި އެވެ.
"މިއަދު އެމީހުން ނުކުމެފައި، ތިމަންނާ އެކަން ކުރީ މިނިސްޓަރު ވިދާޅުވެގެންނޭ، މެޑަމް ވިދާޅުވެގެންނޭ ބުނީމާ، އެހިސާބުން ޒިންމާއިން ބަރީއަވީތޯ؟ ނޫން ނުވާނެ. މިނިސްޓަރު އަންގަވައިގެން ގާނޫނުތަކާއި ގަވާއިދުތަކާ ޚިލާފަށް އެކަންކަން ކުރަން އެ ވަޒީގައި ހުންނަން މަޖުބޫރުކުރީ ކާކުތޯ؟"
އޭނާ ވިދާޅުވި ގޮތުގައި ސެޕްޓެމްބަރު 23ގެ އިންތިޚާބުގެ ނަތީޖާއާ އެކު، ރާއްޖޭގެ ސިޔާސީ އޮއިވަރު ވަނީ ވަރަށް ބޮޑަށް ބަދަލުވެފަ އެވެ. ރައީސް ޔާމީންގެ ބާރު އެންމެ ގަދަ ދުވަސްވަރު މިނިވަން މުއައްސަސާތަކުން އަޅާނުލައި ދޫކޮށްލި ކިތަންމެ ކަމެއް މިހާރު ރަނގަޅު ކުރެވޭތޯ މަސައްކަތް ކުރާތަން ފެނެ އެވެ. ހަމަ އެ ގޮތަށް، ރައީސް ޔާމީނަށްޓަކައި ނާޖާއިޒު ގޮތުގައި ކަންތައް ކޮށްދީ އުޅުނު ސިޔާސީ މީހުން ވެސް، އެހެން ފޭރާމެއްގައި، އިންތިޚާބީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހް (އިބޫ)އާ ގާތް ވެވޭތޯ އަންނަނީ މަސައްކަތް ކުރަމުންނެވެ.
ރައީސް ޔާމީންގެ ފަރާތްޕުޅުން އެންމެ ބޮޑު ލޮޓިއެއް ލިބުނު މީހުންގެ ތެރޭގައި ހިމެނޭ، ރައްޔިތުންގެ މަޖިލީހުގެ ދިއްދޫ ދާއިރާގެ މެންބަރު އަބްދުއްލަތީފް މުހައްމަދު ވިދާޅުވި ގޮތުގައި މި ދުވަސްވަރަށް އެފަދަ މީހުންތައް ތިލަވާނެ ކަން އިންތިޚާބީ ރައީސް އިބޫ އަށް ވެސް އެނގިވަޑައިގަންނަވާނެ އެވެ.
(ވާތުން ކަނާތަށް) އިންތިހާބީ ރައީސް އިބޫ، އިންތިހާބީ ނައިބު ރައީސް ފައިސަލް، ކުރީގެ ރައީސް މުހައްމަދު ނަޝީދު އަދި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ
"ސިޔާސީ ހަނދު އެހެރީ ނުލާހިކު ރީތިކޮށް އަރާ މެދު އުޑުގައި. މުޅި ފަރުމަތި އެއޮތީ އެކީއެކަށް އަލިވެ އުޖާލާވެފައި. މޫސުން ލައިގަތް ކަން އެނގުމާ އެކު ހަރުގައި ތިބި ބޯވަތައް އެހެރަ އަންނަނީ ނުކުންނަމުން،" އެފަދަ މީހުން ސިޔާސީ "ބޯވަތަކެއް"ގެ ގޮތުގައި ސިފަކުރައްވަމުން ލަތީފް ވިދާޅުވި އެވެ.
"އެ ކާނާކޮޅު ކާލަން އެންމެ ފަސޭހަވާނެ ކުލަތަކަށް ބޯވަތައް އެ އަންނަނީ ބަދަލުވަމުން ތިލަވަމުން. ބައެއް ބޯވަތަކަށް ރީނދޫ ކުލަ، ބައެއް ބޯވަތަކަށް ރަތް ކުލަ ވެސް އަދި ފެހި ކުލަ ވެސް އަރަމުން އެދަނީ."
އޭނާ ވިދާޅުވި ގޮތުގައި ވެރިކަން ބަދަލުވާ ދަނޑިވަޅުގައި ސިޔާސީ ފޭރާން ބަދަލުކޮށްލާ މީހުންނަކީ ވަރަށް ނުރައްކާތެރި ބައެކެވެ. ވެރިކަމަށް އަންނަ ކޮންމެ މީހަކު ވެސް ސަރުކާރު ރަނގަޅަށް ދެމެހެއްޓޭނެ ގޮތްގޮތަށް ވިސްނާ އިރު، އިބޫ ވެސް އެ ވިސްނަވަނީ ހުރިހާ އެންމެން ގާތްކޮށްގެން ރަނގަޅަށް ވެރިކަން ކުރެވޭތޯ ކަމަށް ލަތީފް ވިދާޅުވި އެވެ.
"އެކަމަކު ސިޔާސީ ބޯވަތަކާ މެދު ސަމާލު ނުވެއްޖެއްޔާ އާޚިރުގައި ލަނޑު ލިބޭނީ އިބޫ އަށް. ހަގީގަތުގައި ރައީސް ޔާމީނަށް ވެސް ހަމަ އެ ދަންތުރަ ޖެހުނީ. ހަގީގީ އެކުވެރިންނާއި ހެޔޮ އެދޭ މީހުން ދުރަށް ލާފައި، ދުލި ބަދަލުކޮށްލައިގެން، މާ ހެޔޮއެދޭ ބައެއް ކަމަށް ދައްކައިގެން އައި ބަޔަކު ކައިރި ކޮށް، އެމީހުން ބުނިހާ ގޮތަކަށް ކަންތައް ކުރަން ހަދައިގެން ހުރިހާ ގެއްލުމެއް ލިބުނީ. މި ދަނޑިވަޅުގައި އިބޫ ވެސް އެކަންކަމަށް ނުވިސްނައިފިއްޔާ ހަމަ އެ ދަންތުރައިގައި ޖެހިދާނެ."
ކުރީގެ ރައީސް މުހައްމަދު ނަޝީދު ތިން އަހަރެއްހާ ދުވަހު ބޭރުގައި އުޅުއްވުމަށް ފަހު ރާއްޖެ ވަޑައިގެން ހުޅުލެ އިން މާލެ އަށް ވަޑައިގަންނަވަނީ. --. ފޮޓޯ: ނިޝާން އަލީ
ސިޔާސީ މަސްރަހުގައި ކަން ހިނގާ މަގަށް ބަލާއިރު، އެފަދަ މީހުން ސިޔާސީ ގޮތުން ކޮޅު ބަދަލުކޮށްލަނީ މައިގަނޑު ދެ މަގްސަދެއްގަ އެވެ. އެއް ގޮތަކީ އެމީހުންގެ ސިޔާސީ ހަޔާތުގައި އިތުރު އުސްމިނަކަށް ދިއުމަށެވެ. އަނެއް ގޮތަކީ ސިޔާސީ ދުއްޔެއްގެ ތެރޭގައި ހުރެގެން ސަރުކާރުގެ ތެރެއިން ނާޖާއިޒު ފައިދާތަކެއް ހޯދުމެވެ.
ރައީސް ޔާމީންގެ ސަރުކާރުގައި މި ބާވަތުގެ ގިނަ ބަޔަކު ތިބިކަމީ އެންމެން ދަންނަ ހަގީގަތެކެވެ. ސޯޝަލް މީޑިއާގައި މިހާރު ދައުރުވަމުންދާ ވާހަކަތަކަށް ބަލާއިރު، ސަރުކާރުގެ ތެރެއިން ނާޖާއިޒު ފައިދާތަކެއް ހޯދުމުގެ ބޭނުމުގައި ބައެއް މީހުން އަންނަނީ އިބޫގެ ސަރުކާރާ ގާތް ވަމުންނެވެ.
އަދާލަތު ޕާޓީގެ ނައިބު ރައީސް އައްޝައިޚް އަލީ ޒާހިރު ވެސް ވަނީ މި ކަން އާންމުންގެ ސަމާލުކަމަށް ގެންނަވައިފަ އެވެ. ވަރަށް ސީދާ ބަހުން އޭނާ އެފަދަ މީހުންނަށް އިންޒާރު ދެއްވަމުން ކުރެއްވި ޓުވީޓެއްގައި ލިޔުއްވި އެވެ؛ "ކޮރަޕްޝަނާއި ނާޖާއިޒު ފައިދާގެ އުންމީދުގައި އެއްވެސް ބޭފުޅަކު އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރުގެ އެއްވެސް މަގާމަކަށް އުއްމީދު ނުކުރެއްވުމަށް ދަންނަވަން. ކޮރަޕްޝަނަށް އާ ސަރުކާރުން އޮންނާނީ ޒީރޯ ޓޮލަރެންސް. އެކަން އެ ގޮތަށް ގެންދިއުމަށް އެންމެން އެކުގައި ތެދުވެ އަތުކުރި އޮޅާލުމަށް ގޮވައިލަން."
Corruptiona naajaaiz fadihaage umeedhugai eyves beyfulhaku @ibusolih ge sarukaaruge eyves maqamakah umeedhunukurevvumah dhannavan. Corruption ah aa sarukaarun onnaani zero tolerance. Ekan egothah gendhiumah enmen ekuga thedhuve athukuri olhaalumah govalan.— Ali Zahir (alipi) (@alixahir) November 12, 2018
އަދާލަތު ޕާޓީގެ ނައިބު ރައީސް އައްޝައިޚް އަލީ ޒާހިރުގެ ޓުވީޓްސިޔާސީ ދުލި ބަދަލުކޮށްލައިގެން ހިހޫ ތަނުން ކާން ތައްޔާރުވާ މީހުންގެ ސަބަބުން ކުރިމަތިވާ އެހެން ނުރައްކަލެއް ވެސް އެބަ އޮތެވެ. އެ ފަދަ މީހުންނަށް އިބޫގެ ސަރުކާރުގެ ތެރެއިން ނުފޫޒު ގަދަ މަގާމުތައް ދީފި ނަމަ، ރައީސް ޔާމީންގެ ވެރިކަމުގައި އެފަދަ މީހުން ވެސް ބައިވެރިވެގެން ހިންގާފައި ހުރި ކޮރަޕްޝަނާއި ޚިޔާނާތުގެ އަމަލުތައް ތަހުގީގުކޮށް ބެލުމަށް ހުރަސް އެޅޭނެ ކަން ކަށަވަރެވެ.
ސޯޝަލް މީޑިއާގެ އެމްޑީޕީ އެކްޓިވިސްޓު ތައްޔިބު ޝަހީމް ކޮށްފައިވާ ޓުވީޓެއްގައި ބުނެފައިވާ ގޮތުގައި ރައީސް ޔާމީންގެ ވެރިކަމުގައި ނުކިއްސަރު ގޮތުގައި ބައެއް މީހުން ހޯދާފައިވާ ތަނަވަސްކަން ނުބެލޭނެ މިންވަރަށް، އެފަދަ މީހުން މިހާރު އަންނަނީ އިބޫގެ ސަރުކާރާ ގުޅި ލާމެހެމުންނެވެ. އެހެންކަމުން، އެކިއެކި ޕްރޮޖެކްޓްތަކަށް ހަރަދު ކުރުމުގެ ނަމުގައި ދައުލަތުގެ މިލްކިއްޔާތުން ގެއްލިފައި ހުރި ފައިސާގެ 10 ޕަސެންޓް ވެސް ނުހޯދޭނެ އެވެ.
eki eki project ge namugai eki goi gothah gellifai huri faisaa ge 10% ves nuhoadheyne, ekamugai ulhun meehun noonee emeehunge baiverin miyadhu aa sarukaaruge bodethi maqaamu thakah, adhi nukisaru gothah hoadhaafaivaa mussandhi kanves nubeleyne. hurihaa ehcheh gulhilaa mehijje.— Thayyib #Maldives (@thayyib) November 14, 2018
އެމްޑީޕީގެ ސޯޝަލް މީޑިއާ އެކްޓިވިސްޓް ތައްޔިބު ޝަހީމްގެ ޓުވީޓެއްބައެއް މީހުން ސޯޝަލް މީޑިއާގައި ބުނެފައިވާ ގޮތުގައި ކުރީގެ ރައީސް ނަޝީދު އަރުވާލެވިގެން އިނގިރޭސި ވިލާތުގައި އުޅުއްވުމަށް ފަހު އެނބުރި ވަޑައިގަތް ދުވަހު، އެމަނިކުފާނަށް މަރުހަބާ ދެންނެވުމުގެ ކަންތަކަށް ހަރަދު ކުރުމުގައި ވެސް، ރައީސް ޔާމީންގެ ވެރިކަމުގައި ކޮރަޕްޝަނާއި ފަސާދައިގެ އަމަލުތަކުގައި ބައިވެރިވި މީހުން އިސް ސަފުގައި ހަރަކާތްތެރިވި މަންޒަރު ފެނުނެވެ.
އެހެންކަމުން ކޮންމެ ސަރުކާރަކާ ވެސް އެންމެ ގާތް ބަޔަކަށް ވަނީ، ކޮރަޕްޓްވެފައި ތިބޭ ވިޔަފާރިވެރިން ކަމަށް ބައެއް މީހުން ދެކެ އެވެ. އެހެން ނަމަވެސް އިންތިޚާބީ ރައީސް އިބޫ އަބަދުމެ ވިސްނުންފުޅުގައި ބަހައްޓަވަން ޖެހޭ ކަމަކީ، އެމަނިކުފާނަށް ގިނަ އަދަދެއްގެ ރައްޔިތުން ވޯޓު ދެއްވީ ހަމައެކަނި އިބޫއަށް ވީތީ، ނުވަތަ އެމްޑީޕީގެ ކެންޑިޑޭޓަކަށް ވީތީ ނޫން ކަމެވެ.
އެތައް ރަށެއްގެ ބަނދަރު ހަދައިދީ، އެތައް ރަށެއްގެ ބިން ހިއްކައިދީ، އެއާޕޯޓްތައް އަޅަމުން ދިޔައިރު ވެސް، ބޮޑު ތަނުން ރައީސް ޔާމީނަށް ނޫނެކޭ ބުނެ، އިބޫ އަށް ރައްޔިތުން ވޯޓު ދިނީ ކޮރަޕްޝަން ނައްތާލައި، ރައްޔިތުންނަށް ހައްގު މިންވަރު އަނބުރައި ހޯއްދަވައިދެއްވާނެ ކަމަށް ވެވަޑައިގެންނެވި ވައުދަށެވެ. މިނިސްޓަރުންނާއި އަނބިކަނބަލުން ފޮނުއްވާ ލިސްޓުގެ ބަދަލުގައި ހައްގުވެރިންނަށް ފްލެޓް ދެއްވާނެ ކަމުގެ އުންމީދުގަ އެވެ. ދައުލަތުގެ ލޯ ލާރިއެއްގައި ވެސް ޖެހިވަޑައިނުގެން އަދި އެހެން މީހަކަށް ވެސް އެ ފުރުސަތު ނުދެއްވާނެ ކަމުގެ އުންމީދުގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ