ﷲގެ ރަހްމަތްފުޅާއެކު ޖުމްހޫރީ ޕާޓީ މަޖިލީހުގައި ކުލަގަދަކޮށް އޮންނާނެ: އަބްދުﷲ ރިޔާޟް

މިފެށުނު 2019 ވަނަ އަހަރު އިންތިޚާބު ކުރެވޭ ރައްޔިތުންގެ މަޖިލީހުގައި، މިސަރުކާރު ދިފާއުކުރުމުގައި ﷲގެ ރަހްމަތްފުޅާއެކު ޖުމްހޫރީ ޕާޓީ ކުލަގަދަކޮށް އޮންނާނެ ކަމަށް ޖުމްހޫރީ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރ އަދި ޖޮއިންޓް ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރ އަބްދުﷲ ރިޔާޟް ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ދަނގެތީ ދާއިރާއަށް ޖުމްހޫރީ ޕާޓީގެ ފަރާތުން ވާދަކުރެއްވުމަށް ނިންމަވާފައިވާ ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމްގެ ކެމްޕޭން ފެށުމަށް މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އަބްދުﷲ ރިޔާޟް ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް ޖުމްހޫރީ ޕާޓީގެ ކެމްޕެއިން މިފެށުނީ ކަމަށާއި، މާތްﷲ ގެ ރަހްމަތްފުޅާއެކު އެކުގައި މަޖިލީހަށް ވެދެވަޑައިގަންނަވާނެ ކަމަށެވެ.
ޖުމްހޫރީ ޕާޓީ އޮންނާނެ ކަމަށާއި، ﷲގެ ރަހްމަތްފުޅާއެކު މިސަރުކާރުގެ ހިމާޔަތުގަ ކުލަގަދަކޮށް އޮންނާނެ ކަމަށާއި، ރައީސް އިބްރާހިމް މުހަންމަދު ސޯލިހްގެ ވެރިކަން ހިމާޔަތްކުރާނެ ބަޔަކަށް ވާނީ ޖުމްހޫރީ ޕާޓީ ކަމަށްވެސް އަބްދުﷲ ރިޔާޟް ވިދާޅުވިއެވެ.
ރާއްޖޭގެ ސިޔާސީ މަސްރަހްގައި މިހާރުވެސް ހިނގަމުންދާ ކަންތައްތަކަށް ފާރަވެރިވާންޖެހޭކަން ފާހަގަކުރައްވައި އަބްދުﷲ ރިޔާޟް ވިދާޅުވީ، ޖުމްހޫރީ ޕާޓީން އަބަދުވެސް ތާއީދުކުރާނީ ޖުމްހޫރީ ވެރިކަމަކަށް ކަމަށެވެ.
ދިވެހިރާއްޖޭގެ ރައްޔިތުން ނިންމުމެއް ނިންމާފައި އެބައޮތް ކަމަށާއި، ދިވެހި ރައްޔިތުން ބޭނުންވަނީ އެމީހުންގެ ބަސްއޮންނަ މީހަކު ގައުމުގެ ވެރިކަމުގަ ހުންނަން ކަމަށާއި، އެހެންކަމުން، ރައްޔިތުންގެ އެ ނިންމުން ދިފާއުކުރުމަށް މަޖިލީހުގެ މަސައްކަތް ކުރާ ބަޔަކަށް ޖުމްހޫރީ ޕާޓީ އިސްސަފުގަ ވާނެ ކަމަށްވެސް އަބްދުﷲ ރިޔާޟް ވިދާޅުވިއެވެ.
"އެނިންމުން ހިމާޔަތް ކުރުމުގަ މަޖިލީހުގެ މަސައްކަތްކުރާ ބަޔަކަށް ޖުމްހޫރީ ޕާޓީ ވެގެންދާނެ. އެކަން ކުރުމަށްޓަކައި އަޅުގަނޑު ދިވެހިރާއްޖޭގެ ލޮބުވެތި އެންމެހާ ރައްޔިތުންނަށް އާދޭހާއެކު އިލްތިމާސްކުރަން. ޖުމްހޫރީ ޕާޓީން ﷲގެ ރަހްމަތްފުޅުން އަޅުގަނޑުމެން ނެރޭނީ ކަމަށް ގާބިލް، ތަޖުރިބާހުރި، އެކަން ކުރެވޭނެ މީހުން. އެބޭފުޅުންނަށް ތިޔަ ހުރިހާ ބޭފުޅުން ތާއީދުކޮށްދެއްވާ. ޖުމްހޫރީ ޕާޓީގެ ކުލަ މަޖިލީހުގެ ތެރެއިން ފެންނާގޮތް ހައްދަވައި ދެއްވާ. އެއީ ދިވެހިރާއްޖޭގެ އެންމެހާ ލޮބުވެތި ރައްޔިތުންނަށް އަޅުގަނޑު ކުރާ އިލްތިމާސްއެއް" ރޭގެ ހަފްލާގައި ރިޔާޟް ވިދާޅުވިއެވެ.
ރިޔާޟް ވިދާޅުވީ، ޖުމްހޫރީ ޕާޓީއަކީ އަބަދުވެސް ޖުމްހޫރީ ވެރިކަން ދިފާއު ކުރުމުގަ، އޭގެ ވިސްނުމުގަ އެ ނަންދީގެން އުފައްދާފައޮތް ޕާޓިއެއް ކަމަށާއި، ޖުމްހޫރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހިމްގެ އަބަދުވެސް ވިސްނުންފުޅު ހުރީ، ހުންނަނީ އަދި މިއަދުވެސް ހުރީ ގައުމު އިސްކޮށްގެން މަސައްކަތް ކުރެއްވުމަށް ކަމަށްވެސް ވިދާޅުވިއެވެ.
ސިޔާސީ މައިދާނަށް ވަންނަން ފުރުސަތު ލިބުނީމާ ޖުމްހޫރީ ޕާޓީ އިޚްތިޔާރު ކުރެއްވި ސަބަބާ ބެހޭގޮތުން ވާހަކަފުޅު ދައްކަވަމުން ރިޔާޟް ވިދާޅުވީ، ވެރިޔަކާ ދޭތެރޭގަ ދެބަސްވެގެންވެސް އެންމެ ޔަގީންކަމާއެކު އުޅެވޭނެ، ސިޔާސީގޮތުން ކާމިޔާބު ހާސިލްކުރެވޭނެ ހަމައެކަނި ޕާޓީއަކީ ދިވެހިރާއްޖޭގަ ހަމައެކަނި ޖުމްހޫރީ ޕާޓީކަން ވޭތުވެދިޔަ ފަސްއަހަރުގެ ތެރޭގައި ހާމަވެގެން ގޮސްފައިވާ ކަމަށެވެ.
ތައުލީމު ހޯދައިގެން ގައުމަށް ޚިދުމަތްކުރަން ބޭނުންވާ ހުރިހާ އެންމެނަށް ހަމަހަމަ ފުރުސަތެއްއޮތް ޕްލެޓްފޯމަކީ ޖުމްހޫރީ ޕާޓީ ކަމަށްވެސް ރިޔާޟް ވިދާޅުވިއެވެ.
ޖުމްހޫރީ ޕާޓީއާމެދު ރާއްޖޭގެ ލޮބުވެތި ރައްޔިތުން ވިސްނަންވީ މިފަދަ ސަބަބުތަކާ ހެދި ކަމަށް އަބްދުﷲ ރިޔާޟް ވިދާޅުވިއެވެ.
އަބްދުﷲ ރިޔާޟްގެ ވާހަކަފުޅުގައި، މި ގައުމާއި، ގައުމުގެ ތަރައްގީއާއި، މިގައުމުގެ ރައްޔިތުންނަށްޓަކައި ޖުމްހޫރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހިމް ނަންގަވާ ރިސްކާއި، ދެއްވާ ވަގުތާއި، ކުރައްވާ ހޭދައާއި، ކުރައްވާ ސިޔާސީ މަސައްކަތްޕުޅުތަކަށްޓަކައި އެމަނިކުފާނަށް ޝުކުރު އަދާކުރެއްވިއެވެ.
ގާސިމް އިބްރާހިމްއަކީ އެހެން އެއްވެސް ލީޑަރަކު މިގައުމަށްޓަކައި ނުނަންގަވާ ރިސްކް ނަންގަވާ ބޭފުޅެއް ކަމަށްވެސް އަބްދުﷲ ރިޔާޟް ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ