އިލްހާމަކީ ދަނގެތި ދާއިރާއަށް ލިބިފައި ހުރި ރަންގަޑެއް – ގާސިމް

ސަރުކާރު ކޯލިޝަންގެ ރަސްމީ ޓިކެޓްގައި ދަނގެތީ ދާއިރާއަށް ކުރިމަތިލައްވާފައިވާ ޖުމުހޫރީ ޕާޓީގެ ނައިބް ލީޑަރު އިލްހާމް އަހުމަދަކީ ދާއިރާއަށް ލިބިފައި ހުރި ރަންގަނޑެއް ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.
ގާސިމް އިބްރާހިމް މިހެން ވިދާޅުވީ އިލްހާމް އަހުމަދުގެ ކެމްޕޭން ރަސްމީކޮށް ފެށުމުގެ ގޮތުން ދަގެތީގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.
ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވި މި ޖަލްސާގައި ގާސިމް އިބްރާހިމް ވިދާޅުވީ އިލްހާމް އަހުމަދަކީ ދާއިރާގެ ރައްޔިތުން ފަޚުރުވެރިވާނެ މެމްބަރެއް ކަމަށެވެ. ގާސިމް އިބްރާހިމް އިތުރަށް ވިދާޅުވީ އިލްހާމް ދަނގެތި ދާއިރާއަށް ކުރިމަތިލެއްވީ ސީދާ ގާސިމް އިބްރާހިމްގެ އެދިވަޑައިގަތުމަކަށް ކަމަށެވެ. އަދި އިލްހާމް އަހުމަދަކީ އިތުބާރުކުރެވޭ ގާބިލް މީހެއް ކަމަށް ގާސިމް ވިދާޅުވިއެވެ.
" އިލްހާމް އަހުމަދަކީ ތެދުވެރިކަމާއި އަމާނާތްތެރިކަމުގެ ލާމަސީލު މިސާލެއް" ޖަލްސާގައި އިލްހާމަށް ތައުރީފްކުރައްވާ ގާސިމް ވިދާޅުވިއެވެ.
މި ޖަލްސާގައި ވާހަކަދައްކަވަމުން ހޯމްމިނިސްޓަރ އުމަރު ނަސީރު ވިދާޅުވީ އިލްހާމް އަހުމަދަކީ ދުވަހަކުވެސް އިސްލާމްދީނާއި، ދިވެހި ގައުމަށް ޚިޔާނަތްތެރިވާނެ މީހެއް ނޫންކަމަށެވެ.
މިހާރު ހިނގަމުންމިދާ މަޖިލީހުގައި އެއްވެސް ވޯޓެއްގައި އިލްހާމަށް އޮޅިވަޑައިގެން ގޯސް ބަޓަނަކަށް ފިއްތާނުލެވޭ ކަމަށެވެ. އިލްހާމް އަހުމަދަކީ ކެރޭ ޖެހިލުންކުޑަ ރައްޔިތުންގެ ހައްގުގައި ވާންޖެހުނު ކޮންމެ ގުރުބާނީއެއްވާނެ މީހެއް ކަމަށް އުމަރު ވިދާޅުވިއެވެ.
ރާއްޖެއަށް އައި ސިޔާސީ ބަދަލުތަކުގައި އިލްހާމްގެ ހިއްސާ ވަރަށް ބޮޑުކަމަށް އުމަރު ވިދާޅުވިއެވެ. މިޖަލްސާގައި ސަރުކާރުގެ ވަޒީރުންނާއި މަޖިލީހުގެ ބައެއް މެމްބަރުންނާއި ދަނގެތި ދާއިރާގެ ގިނަ އަދަދެއްގެ ރައްޔިތުން ބައިވެރިވިއެވެ.
އިލްހާމް އަހުމަދުގެ ކެމްޕޭން ހަރަކާތްތައް މާލެ އާއި ދާއިރާގެ ރަށްތަކުގައި ވަރަށް ފޯރިއާއެކު ކުރިޔަށްދާކަމަށް ކެމްޕޭން ޓީމުން މައުލޫމާތުދެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ