ޞިއްޙީ ދާއިރާގެ ތަރައްޤީއަށް 47 މިލިއަނަށްވުރެ ގިނަ ރުފިޔާގެ މަޝްރޫއު ހަވާލުކޮށްފި

ރާއްޖޭގެ ޞިއްޙީ ދާއިރާގެ ތަރައްޤީއަށް ސަރުކާރުން ކުރަމުން ގެންދާ މަސައްކަތްތަކުގެ ތެރޭގައި ހިމަނައިގެން 47 މިލިއަނަށްވުރެ ގިނަ ރުފިޔާގެ މަޝްރޫއު ބުރާސްފަތި ދުވަހު ހަވާލުކޮށްފިއެވެ.
ހެލްތް މިނިސްޓރީގައި ބޭއްވި ރަސްމިއްޔާތެއްގައި މަޝްރޫއުތަކުގެ އެއްބަސްވުންތަކުގައި ސޮއިކުރައްވައި މަޝްރޫއުތައް ކޮންޓްރެކްޓަރުންނާއި ހަވާލުކުރެއްވެވުމަށްފަހު ހެލްތް މިނިސްޓަރ އިރުތިޝާމް އާދަމް ވިދާޅުވީ މި މަޝްރޫއުތަކަކީވެސް ރާއްޖެތެރޭގައި ހޮސްޕިޓަލުތަކާއި ޞިއްޙީ ޚިދުމަތް ފޯރުކޮށްދޭ ތަންތަނުގެ ފެންވަރުމަތިކޮށް ވީހައި ފުރިހަމަ ޚިދުމަތެއް ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ރައީސް ޔާމީނުގެ ސަރުކާރުން ކުރިއަށް ގެންދާ މަޝްރޫއުތަކުގެތެރޭގައި ހިމެނޭ މަޝްރޫއުތަކެއް ކަމަށެވެ.
މިގޮތުން ހަވާލުކުރެވުނު މަޝްރޫއުތަކަކީ އއ ބޮޑުފޮޅުދޫ ޞިއްޙީ މަރުކަޒު މަރާމާތުގެ މަސައްކަތާއި ށ. ފުނަދޫ ހޮސްޕިޓަލަށް އިތުރުކުރާ ބައި ޑިޒައިން ކުރުމުގެ މަސައްކަތާއި ފުވައްމުލަކު އަތޮޅު ހޮސްިޕީޓަލަށް ބޮޑުކުރާބައި ޑިޒައިން ކުރުމުގެ މަސައްކަތާއި ޅ. ނައިފަރު ހޮސްޕިޓަލް ބޮޑުކުރުމަށް 5 ބުރި އިމާރާތެއް އެޅުމުގެ މަސައްކަތާއި ހދ ކުޅުދުއްފުށީ ހޮސްޕިޓަލަށް ބޮޑުކުރާބައި ޑިޒައިން ކުރުމުގެ މަސައްކަތާއި ހެލްތް މިނިސްޓްރީ ހިންގާ ރޯޝަނީ ބިލްޑިންގގެ 2 ބުރީގައި ހުރި ކުރީގެ އެއަރކޮންޑިޝަންތައް ނައްޓައި ވީއާރުވީ އެއަރކޮންޑިޝަން ހަރުކުމުގެ މަސައްކަތެވެ.
އއ ބޮޑުފޮޅުދޫ ޞިއްޙީ މަރުކަޒު މަރާމާތުގެ މަސައްކަތް ހަވާލުކޮށްފައިވަނީ 76 ދުވަސް ތެރޭގައި މަސައްކަތް ނިންމާ ގޮތަށް 681،057.40 ރުފިޔާ އަށެވެ.
ށ. ފުނަދޫ ހޮސްޕިޓަލަށް އިތުރުކުރާ ބައި ޑިޒައިން ކުރުމުގެ މަސައްކތް ހަވާލުކޮށްފައިވަނީ 27 ދުވަސް ތެރޭގައި ނިންމާ ގޮތަށް 63،706.00 ރުފިޔާ އަށެވެ.
ފުވައްމުލަކު އަތޮޅު ހޮސްިޕިޓަލަށް ބޮޑުކުރާބައި ޑިޒައިން ކުރުމުގެ މަސައްކަތާއި 42 ދުވަސް ތެރޭގައި ނިންމާ ގޮތަށް 114،480.00 ރުފިޔާއަށެވެ.
ޅ. ނައިފަރު ހޮސްޕިޓަލް ބޮޑުކުރުމަށް 5 ބުރި އިމާރާތެއް އެޅުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ 365 ދުވަސް ތެރޭގައި ނިންމާ ގޮތަށް 44،705،401.21 ރުފިޔާއަށެވެ.
ހދ ކުޅުދުއްފުށީ ހޮސްޕިޓަލަށް ބޮޑުކުރާބައި ޑިޒައިން ކުރުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ 37 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާ ގޮތަށް 157،410.00 ރުފިޔާއަށެވެ.
ހެލްތް މިނިސްޓްރީ ހިންގާ ރޯޝަނީ ބިލްޑިންގގެ 2 ބުރީގައި ހުރި ކުރީގެ އެއަރކޮންޑިޝަންތައް ނައްޓައި ވީއާރުވީ އެއަރކޮންޑިޝަން ހަރުކުމުގެ މަސައްކތް ހަވާލުކޮށްފައިވަނީ 108 ދުވަސް ތެރޭގައި ނިންމާ ގޮތަށެވެ.
މީގެތެރޭގައި ހިމެނޭ އެންމެ ބޮޑު މަޝްރޫއުކަމަށްވާ ޅ. ނައިފަރު ހޮސްޕިޓަލުގެ މަސައްކަތް ނިންމާއިރު އެތަނުގައި އޯޕީޑީ އޭރިއާ އަކާއި ޑޮކްޓަރުން ބަލާ 8 ކޮޓަރިއާއި ލެބޯޓްރީއަކާއި ބަލިމީހުން ބައިތިއްބާ 6 ވޯޑާއި، ފާމަސީއަކާއި 8 ޕްރައިވެޓް ރޫމް އާއި، އޮޕަރޭޝަން ތިއޭޓަރަކާއި ބެޑް ލިފްޓެއްގެ ޚިދުމަތް ލިބޭނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ