ބީއެމްއެލް ރުފިޔާ ކާޑުތައް ބޭނުންކޮށްގެން ބޭރު ގައުމުތަކުގެ އޭޓީއެމްތަކުން ނެގޭ ޑޮލަރުގެ ލިމިޓު ކުޑަކޮށްފި ބީއެމްއެލް ރުފިޔާ ކާޑުތައް ބޭނުންކޮށްގެން ބޭރު ގައުމުތަކުގެ އޭޓީއެމްތަކުން ނެގޭ ޑޮލަރުގެ ލިމިޓު ކުޑަކޮށްފި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ރުފިޔާ ޑެބިޓު ކާޑުތައް ބޭނުންކޮށްގެން ރާއްޖެއިން ބޭރުގެ އޭޓީއެމްތަކުން ނެގޭ ޑޮލަރުގެ ލިމިޓު ކުޑަކޮށްފި އެވެ.
ބީއެމްއެލް އިން މި ނިންމުން އާންމުކުރީ ރުފިޔާ ޑެބިޓު ކާޑުތަކުން ކުރާ ބޭރު މުއާމަލާތްތަކުގެ ލިމިޓު އަންނަ މަހުން ފެށިގެން 500 ޑޮލަރަށް ބޮޑުކުރަން ނިންމާ، ކުރި އިއުލާނުގަ އެވެ. މީގެ ކުރިން ބޭރުގެ އޭޓީއެމްތަކުން އޭރު އޮތް ޑޮލަރު ލިމިޓު ކަމަށްވާ 250 ޑޮލަރާއި ހަމައަށް ބޭރުގެ އޭޓީއެމްތައް މެދުވެރިކޮށް ނަގުދު ފައިސާ ނެގެ އެވެ.
ނަމަވެސް، އަލަށް ގެނައި ބަދަލާއެކު ބީއެމްއެލް އިން ވަނީ އެ ލިމިޓު 125 ޑޮލަރަށް ކުޑަކޮށްފަ އެވެ. މީގެ އިތުރުން، ނަގުދު ފައިސާ ނަގަން ކުރާ ޓްރާންސެކްޝަންތަކަށް 10 ޑޮލަރުގެ އޭޓީއެމް ޗާޖެއް ނަގަން ވެސް ބީއެމްއެލް އިން ވަނީ ނިންމާފަ އެވެ.
މި ބަދަލު ގެނައި ބޭންކުގެ ބައެއް ކަސްޓަމަރުން ނަހަމަ ގޮތުގައި ކުރާ ބޭނުންތަކާއި ވިޔަފާރީގެ ބޭނުމަށް އަމިއްލަ އެކައުންޓުތަކުން ކުރާ ބޭނުން ކޮންޓްރޯލް ކުރުމަށް ކަމަށް ބީއެމްއެލް އިން ނެރުނު އިއުލާނުގައި ބުނެފައިވެ އެވެ.
ބީއެމްއެލް އިން މިއަދު ގެނައި ބަދަލުތަކުގެ ތެރޭގައި ނަގުދު ފައިސާ ނެގޭ މިންވަރު ދަށް ކުރުމުގެ އިތުރުން، ބައެއް މީހުން ވިޔަފާރިކުރަން މުދާ ގެންނަން ބީއެމްއެލް ޑެބިޓު ކާޑުތަކުން ފައިސާ ދެއްކުން ހުއްޓުވަން ކަމަށް ބުނެ، ދިވެހިންގެ ތެރޭގައި ވިޔަފާރިކުރަން މަގުބޫލު ބައެއް ސައިޓުތަކަށް ފައިސާ ދައްކާ ކޮންމެ ފަހަރަކު 30 ޕަސެންޓުގެ ފީއެއް ނަގަން ވަނީ ނިންމާފަ އެވެ.
ބީއެމްއެލްއިން މި ބަދަލުތައް ގެނައިއިރު، ބޭންކަށް ލިބޭ ގިނަ އަދަދެއްގެ ޑޮލަރުތަކެއް މިހެން ހުންނަ ބޭރުގެ މަދު ސައިޓުތަކަކަށް ދައްކަން ޖެހުމަކީ ޑޮލަރު ތާށިކަމަށް ބާރުދޭ ކަމެއްގެ ގޮތުގައި އެ ބޭންކުން ވަނީ ފާހަގަކޮށްފަ އެވެ.
ބައެއް މަސްދަރުތަކުން ބުނާ ގޮތުގައި ފީ ނަގަން ނިންމާފައިވާ ލިސްޓުގައި ހިމެނޭ ސައިޓުތަކަށް ބޭންކުން މަހެއްގެ މައްޗަށް 20 މިލިއަން ޑޮލަރު ދައްކަން ޖެހެ އެވެ. މި އަދަދުން ހިސާބުކުރާއިރު، މި ސައިޓުތަކަށް އެކަނި އަހަރެއްގެ މައްޗަށް 240 މިލިއަން ހަރަދު ވާނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ