ހަންކެޑެ މަޝްރޫއުގެ ކޮންސެޕްޓް ބަދަލުކުރަން އަޒާން ދެކޮޅު

އައްޑޫ ސިޓީގައި އިންޓަގްރޭޓޭޑް ޓޫރިޒަމް ކޮންސެޕްޓަށް ކުރިއަށްގެންދިޔަ ހަންކެޑެ މަޝްރޫއަށް ކުއްލި ބަދަލުތައް ގެނައުމުން އިންވެސްޓަރުންނާއި ބޭންކުތަކުގެ އިތުބާރު ގެއްލޭނެކަމަށް އައްޑޫ ސިޓީ ހިތަދޫ މެދު ދާއިރާގެ ސަރުކާރު ތަމްސީލުކުރައްވާ މެންބަރު އަހުމަދު އަޒާން މިއަދު ވިދާޅުވެއްޖެއެވެ.ކުރީ ސަރުކާރުން ފެށި ހަންކެޑެ އިންޓަގްރޭޓަޑް ޓޫރިޒަމް ޕްރޮޖެކްޓު ކުރިއަށް ނުގެންގޮސް، ހަންކެޑެ އަކީ ހަލާލް ޓޫރިޒަމް ތަރައްގީ ކުރާ ރަށެއްގެ ގޮތުގައި ކަނޑައެޅުމަށް ސަރުކާރުން މިހާރު ވަނީ ނިންމާފަ އެވެ.އެކަމާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އަޒާން ވިދާޅުވީ ހަންކެޑެ މަޝްރޫއު ހުއްޓާލާ, އެ ސަރަހައްދު އެހެން ކޮންސެޕްޓަކަށް ތަރައްޤީކުރަން ނިންމި ނިންމުމާއި، އައްޑޫގެ ގިނަ ރައްޔިތުންނެކޭ އެއްގޮތަށް އޭނާވެސް ދެކޮޅު ކަމަށެވެ.ހަންކެޑެ މަޝްރޫއު އަކީ ބޭންކް އޮފް ޗައިނާއިން 120 މިލިއަން ޑޮލަރުގެ ލޯނެއް ނަގައިގެން ތަރައްޤީކުރަން ނިންމާފަވާ މަޝްރޫއެއް ކަމަށާއި މި ސަރުކާރު ވެރިކަމަށް އައިއިރު ލޯނު އެއްބަސްވުމުގަ ސޮއިކޮށްފައި ނުވިނަމަވެސް، ލޯނުގެ ކަންކަން އޮތީ ވަރަށް އެޑްވާންސްޑް ސްޓޭޖެއްގައި ކަމަށާއި އަދި ކޮންޓްރެކްޓަރަށް ދައްކަންޖެހޭ އެޑްވާންސް ފައިސާއިން ބައެއް ވެސް އޭރު ދައްކާފައިވާ ކަމަށެވެ."މި ސަރުކާރުން ނިންމީ ކުރީ ސަރުކާރުން ފަށާފައި އޮތް ހަންކެޑެ މަޝްރޫއު ކުރިއަށް ގެންދަން. 2024 ވަނަ އަހަރު އޭޕްރީލް މަހުގެ ތެރޭގައި ހަންކެޑެ ސަރަހައްދުގައި ހަވާ އެރުވުމާއެކު 'މަޝްރޫޢު އިފްތިތާޙުކުރުމަށް' ބޮޑު ރަސްމިއްޔާތެއް ބޭއްވި. އޭގެ ފަހުން ކުއްލިއަކަށް މިހާރު އެ މަޝްރޫއު ކެންސަލްކޮށް އެ ސަރަހައްދު އެހެން ކޮންސެޕްޓަކަށް ތަރައްޤީކުރަން ސަރުކާރުން މިވަނީ އިއުލާންކޮށްފަ. މިއީ ކަންބޮޑުވާ ކަމެއް،" އަޒާން ވިދާޅުވި އެވެ.ސަރުކާރުން މި މަޝްރޫއުގެ ކޮންސެޕްޓް ބަދަލުކުރީ ސަރުކާރާއި، އައްޑޫގެ ވިޔަފާރިވެރިންނާއި ކައުންސިލް ހިމެނޭ ގޮތަށް ހަންކެނޑެ މަޝްރޫއު ހިމަނައިގެން އައްޑޫ މާކެޓް ކުރުމަށް އެތައް މަސައްކަތެއް ކުރަމުންދާ ދަނޑިވަޅެއްގައި ކަމަށް އަޒާންގެ ޕޯސްޓުގައި ވެއެވެ."އަދި ކޮންޓްރެކްޓަރަކާ ހަވާލުކުރެވި, ރާއްޖޭގެ ތަރައްޤީގެ ބޮޑު ބައިވެރިއެއް ކަމަށްވާ ޗައިނާގެ ބޭންކަކުން ލޯނެއް ނަގަން ތައްޔާރުވެފައި އޮތް މަޝްރޫއެއް، ކަމާ ގުޅޭ އެއްވެސް ބަޔަކާ މަޝްވަރާ ނުކޮށް، ކުއްލިއަކަށް ހުއްޓާލުމަށް ނިންމުމަކީ ބޭންކުތަކާއި އިންވެސްޓަރުންގެ އިތުބާރު ވެސް ގެއްލޭނެ ކަމެއް. ސަރުކާރުގެ މި ނިންމުން ބަދަލުކުރުމަށް ގޮވައިލަން،" އަޒާން ލިޔުއްވާފައި ވެއެވެ.ސަރުކާރުގެ މި ނިންމުމާ ގުޅިގެން ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް ވެސް ވަނީ ނުރުހުން ފާޅުކުރައްވާފަ އެވެ. އެގޮތުން މިއީ، އައްޑޫގެ ތަރައްގީއަށް ސަރުކާރުން އަޅާ ބޮޑު ހުރަހެއް ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ