ޓޫ އޮފް އަސްގެ ހުނަރު ދެން ދައްކާލާނީ 'ބްރިޓަންސް ގޮޓް ޓެލެންޓް'ގައި
މި ސަރަހައްދުގެ އެންމެ ބޮޑު އަދި އެންމެ ޝަރަފުވެރި އެއް މިއުޒިކް މުބާރާތް ކަމަށްވާ އިންޑިއާގެ "ބެޓްލް އޮފް ދަ ބޭންޑްސް އިންޓަނޭޝަނަލް"ގެ ދެވަނަ ރަނަރަޕްކަން ހޯދި ދިވެހި ބޭންޑް ޓޫ އޮފް އަސްއިން، ބްރިޓަންސް ގޮޓް ޓެލެންޓް ޝޯގައި ހުނަރު ދައްކާލުމަށް ފުރުސަތު ހޯދައިފިއެވެ. ބްރިޓަންސް ގޮޓް ޓެލެންޓް ޝޯއަކީ، ދުނިޔޭގެ އެކި ކަންކޮޅުތަކުން ބައިވެރިވާ މީހުންނަށް ތަފާތު ހުނަރުތައް ދައްކާލުމަށް ފުރުސަތުދޭ އެންމެ މަގުބޫލު އެއް ޝޯއެވެ. ޓޫ އޮފް އަސް ބޭންޑުގައި ހިމެނެނީ އަޙްމަދު އަދުހަމާއި، ޢަބްދުالله ޝަމްރޫޚާއި މުޙައްމަދު ނަސޫހު ބިން ނަސްރުއްދީނާއި އަޙްމަދު ޝަހީދު (ޝަހީދު ލެގަސީ)އާއި އަޙްމަދު ޖަޝީމެވެ. އެ ބޭންޑުން މިއަދު ވަނީ، އެ ބޭންޑުން ބްރިޓަންސް ގޮޓް ޓެލެންޓްގެ އޮންލައިން އޮޑިޝަން ކާމިޔާބުކަމާއެކު ނިންމައިލައިފައިވާކަން އިއުލާންކޮށްފައެވެ. އަދި އެ ޝޯގެ 19 ސީޒަންގެ އިތުރު ރައުންޑެއްގައި ބައިވެރިވުމަށް މިހާރު ރަސްމީކޮށް ދައުވަތު ދީފައިވާ ކަމަށް ޓޫ އޮފް އަސްއިން ވަނީ ބުނެފައެވެ. ބެޓްލް އޮފް ދަ ބޭންޑްސް އިންޓަނޭޝަނަލްއިން ހޯދި ތާރީޚީ ކާމިޔާބީއާއެކު، ޓޫ އޮފް އަސްއިން އަންނަނީ ރާއްޖޭގެ އިތުރުން ބައިނަލްއަގުވާމީ ގޮތުން ވެސް މަޝްހޫރުކަން ހޯދައި، ރާއްޖޭގައި ވެސް ބޭރުގެ ބޭންޑުތަކަށް ދޫނުކުރާނެ ފަދަ ހުނަރުވެރިން ތިބިކަން ދައްކަމުންނެވެ. އެ ފުރުސަތު ލިބުމުން އުފާފާޅުކޮށް، ބޭންޑްގެ ލީޑް ލަވަކިޔުންތެރިޔާ އަހުމަދު އަދުހަމް ބުނީ އެއީ އެ ބޭންޑަށް ލިބުނު ކާމިޔާބީއެއްގެ އިތުރުން ކޮންމެ ދިވެއްސަކަށް ވެސް ލިބުނު ފަޚުރެއް ކަމަށެވެ. "މިއީ ވަރަށް ގިނަ އަހަރުގެ ގުރުބާނީއާއި، ގޮންޖެހުމާއި، ހުއްޓުމެއްނެތި ކުރި ބުރަ މަސައްކަތުގެ ނަތީޖާ،" އޭނާ ބުންޏެވެ. ރާއްޖޭގެ ސްޓޭޖުތަކުން ފަށައިގެން ބެޓްލް އޮފް ދަ ބޭންޑް އިންޓަނޭޝަނަލްއަށް ގޮސް، މިހާރު ބްރިޓަންސް ގޯޓް ޓެލެންޓްއިން ފުރުސަތު ހޯދީ ވަރަށް ގިނަ ގޮންޖެހުންތަކުން އަރައިގަތުމަށްފަހުގައިކަން ފާހަގަކޮށް، އަދުހަމް ވަނީ އެ ބޭންޑަށް ހިތްވަރުދިން އެންމެންނަށް ޝުކުރު އަދާކޮށްފައެވެ. ޚާއްސަކޮށް، އާއިލާއާއި އެކުވެރިންނާއި ބޭންޑަށް ތާއިދުކުރާ މީހުން އޭނާ ފާހަގަކުރިއެވެ. https://sun.mv/205637 ޓޫ އޮފް އަސްއަކީ ރާއްޖެއާއި ބޭރުގެ މިއުޒިކާއެކު ލަވަތައް ހުށަހަޅައިދޭ ފިއުޝަން ބޭންޑެއް ކަމަށްވާއިރު، އެ ބޭންޑުން ތައްޔާރުވަމުން އަންނަނީ ރާއްޖޭގެ މިއުޒިކްގެ މުއްސަނދިކަން ދުނިޔެއަށް ދައްކާލުމަށެވެ. އެ ބޭންޑުގެ އުއްމީދަކީ ބައިނަލްއަގުވާމީ ސްޓޭޖެއްގައި ވާދަކުރުމުގެ އިތުރުން، ދިވެހި އެހެން ޒުވާނުންނަށް ވެސް އެފަދަ ފުރުސަތުތައް ހޯދަން ހިތްވަރުދިނުމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ