ކާޑުތަކުން ކުރާ ބޭރު ވިޔަފާރިތަކަށް މަހަކު 45 މިލިއަން ޑޮލަރު ހޭދަކުރަން: ބީއެމްލް
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ކާޑު ބޭނުންކޮށްގެން ކުރާ ބޭރު ވިޔަފާރިތަކަށް މަހަކު 45 މިލިއަން ޑޮލަރު ހަމަޖައްސައިދޭ ކަމަށް އެ ބޭންކުން މިއަދު ބުނެފިއެވެ. ބީއެމްއެލްއިން ޑެބިޓް ކާޑުތަކަށް ދެމުން އައި 250 ޑޮލަރުގެ ލިމިޓް މާދަމާއިން ފެށިގެން 500 ޑޮލަރަށް ބޮޑުކުރާއިރު, އެ ކާޑުތަކުގެ ނާޖާއިޒު ފައިދާ ނެގުން ހުއްޓުވުމަށް ފިޔަވަޅުތަކެއް އަޅަން ބޭންކުން މިއަދު ވަނީ ނިންމައިފިއެވެ. ޑެބިޓް ކާޑުތަކުން ރާއްޖޭން ޑޮލަރު އެންމެ ގިނައިން ބޭރުކުރެވޭ އެއްކަމަކީ އިންޓަނެޓް މެދުވެރިކޮށް އެކިއެކި ސައިޓްތަކުން ވިޔަފާރީގެ ބޭނުމަށް މުދާ ގެނައުމަށް ފައިސާ ދެއްކުން ކަމަށް ބީއެމްއެލްއިން ބުނެއެވެ. https://sun.mv/207977 އެެހެންވެ ބީއެމްއެލުން ނިންމީ، އެއް ކަމަކަށް، އޮންލައިން ބައެެއް ސައިޓްތައް ކަމަށްވާ, ޓީމޫ، ޝެއިން، އަލިބާބާ، އަލި އެކްސްޕްރެސް، ލަޒާޑާ އަދި އީބޭއަށް ފައިސާ ދައްކާއިރު 30 ޕަސެންޓާ ހަމައަށް ފީއެއް ނެގުމެވެ. މި ނިންމުމާ ގުޅިގެން އާންމު ރައްޔިތުންގެ ގިނަ ބަޔަކު ނުރުހުން ފާޅުކުރަމުން ދަނިކޮށް ބީއެމްއެލުން ބުނީ ބީއެެމްއެލްގެ ކާޑުތަކުން ކުރާ ބޭރު ވިޔަފާރިތަކަށް މަހަކު 45 މިލިއަން ޑޮލަރު އެ ބޭންކުން ޚަރަދުކުރާ ކަމަށެވެ. އޭގެ ތެރެއިން 75 ޕަސެންޓަކީ އޮންލައިން ޕްލެޓްފޯމްތަކަށް ކުރާ ޚަރަދުކަމަށް ބީއެމްއެލުން ބުންޏެވެ. އެގޮތުން ފީ ނަގާނެކަމަށް މިއަދު އިއުލާނުކުރި ހަ ޕްލެޓްފޯމަށް، 75 ޕަސެންޓުގެ ތިންބައިކުޅަ އެއްބައި ޚަރަދުކުރާ ކަމަށް ބީއެމްއެލުން ބުންޏެވެ. އޭގެ ތެރެއިން ވެސް ޓީމޫއަށް އެކަނި ހަތް މިލިއަން ޑޮލަރު މަހަކު ހޭދަކުރާއިރު، އާންމުކޮށް އެ ކަން ކުރަނީ ވިޔަފާރި ބޭނުންތަކަށް ކަމަށް ބީއެމްއެލުން ބުންޏެވެ. އެހެންވެ މި ބަދަލު ގެނައީ މުޅި މުޖުތަމައުގެ ބޭނުންތަކަށް ހަމަހަމަ އުސޫލަކުން އަމަލުކުރުމަށް ކަމަށް އެ ބޭންކުން ބުންޏެވެ. މީގެ ކުރިން މިފަދަ ސައިޓްތަކުން ކުރާ ވިޔަފާރީތަކަށް ބޭންކުން ފީއެއް ނުނަގައެވެ. ނަމަވެސް ފީ ނަގާ ވެބްސައިޓްތަކުގެ ތެރޭގައި ޓިކެޓް ނެގުމަށާއި ހޮޓާ ބުކް ކުރުމާއި ސަބްސްކްރިޕްޝަން ފަދަ އާންމު ބޭނުންތަކަށް ފައިސާގެ މުއާމަލާތްކުރާ ސައިޓްތައް ނުހިމެނޭނެ ކަމަށް އެ ބޭންކުން ބުނެއެވެ. އަދި ޑޮލަރު އެކައުންޓްތަކަށް ދޫކުރެވިފައިވާ ޑެބިޓް ކާޑުތަކާއި ކްރެޑިޓް ކާޑުތައް ނުހިމެނެއެވެ. ހަމައެހެންމެ ރާއްޖޭން ބޭރުން މުދަލާއި ޚިދުމަތަށް ފައިސާ ދެއްކޭ އަދަދު 500 ޑޮލަރަށް ބޮޑުކޮށްފައިވަނީ މިހާރު ނަގާ ފީ އިތުރުކުރުމަކާ ނުލައި ކަމަށް ބޭންކުން ބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ