އިސްލާމިކް ލައިބްރަރީތަކަށް 60000 ފޮތް ހަދިޔާކޮށްފި
ރާއްޖޭގެ އެކިކަންކޮޅުތަކުގައި ގާއިމުކޮށްފައިވާ އިސްލާމީ މަރުކަޒުތަކުގައި އިސްލާމީ ލައިބްރަރިތައް ހެދުމަށް ބޭނުންވާ ފޮތްތައް ބޭރު ގައުމެއްގެ ޔުނިވާސިޓީއަކުން ހަދިޔާ ކުރުމަށް ނިންމައިފި ކަމަށް އިސްލާމިކް މިނިސްޓްރީން މިއަދު ބުނެފިއެވެ. އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވީ، ދިއްދޫ އިސްލާމިކް ސެންޓާ ލައިބްރަރީއާއި އުނގޫފާރު އިސްލާމިކް ސެންޓާ ލައިބްރަރީއާއި ތިނަދޫ އިސްލާމިކް ސެންޓާ ލައިބްރަރީއާއި އައްޑޫ އިސްލާމިކް ސެންޓާ ލައިބްރަރީގެ އިތުރުން އަތޮޅުތަކުގައި ގާއިމު ކުރާ އެހެނިހެން އިސްލާމީ ލައިބްރަރީތަކަށް ބޭނުންވާ ފޮތްތައް އެކުވެރި ގައުމެެއްގެ ޔުނިވާސިޓީއަކުން ވަނީ ހަދިޔާ ކޮށްފައި ކަމަށެވެ. އެއީ 60,000 ފޮތް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އެ ފޮތްތަކުގެ ތަފްސީލާއި ހަދިޔާ ކުރި ޔުނިވާސިޓީގެ ތަފްސީލު އަދި އިސްލާމިކް މިނިސްޓްރީން ނުދެއެވެ. ވަޒީރު ވިދާޅުވީ، މީގެ ތެރެއިން މިހާރު ހުޅުވާފައިވާ މަރުކަޒުތަކުގައި ލައިބްރަރީ ގާއިމު ކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ފެށޭނެ ކަމަށެވެ. އަތޮޅުތަކުގެ އިސްލާމީ މަރުކަޒުތަކުގައި ލައިބްރަރީ ގާއިމުކުރުމަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދެކެވެ. މާލޭގައި ގާއިމުކުރާ އިސްލާމީ ލައިބްރަރީ ސަލްމާން މިސްކިތުގައި ހުޅުވުމުގެ މަސައްކަތް ބާރު ދުވެލީގައި ކުރިއަށް ދާކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ