ކޯސްޓްގާޑުގެ އިމާރާތުގެ ތެރޭގައި ކުރީގެ ޗީފް އޮފް ޑިފެންސްފޯސް މޭޖަރ ޖެނެރަލް (ރިޓަޔާޑް) އަޙްމަދު ޝިޔާމްގެ ބައްފަ ދިރިއުޅެމުންދިޔަކަމަށް ބުނާ މައްސަލަ 7 އަހަރަށްފަހު ދައުލަތުން އެ މައްސަލަ އަނބުރާ ނަގައިފިއެވެ.
މި މައްސަލާގައި ޝިޔާމްގެ މައްޗަށް ދައުލަތުން ދައުވާކޮށްފައިވަނީ ރަސްމީ ހައިސިއްޔަތު ނަހަމަގޮތުގައި ބޭނުންކުރުމުގެ ދައުވާއެވެ. މި މައްސަލާގައި މިދިޔަ އަހަރުގެ އޮކްޓޯބަރުމަހު ކްރިމިނަލް ކޯޓުން ވަނީ ދައުލަތުން ކުރި ދައުވާ ސާބިތު ނުވާކަމަށް ނިންމާފައެވެ. އެއީ އެކަށީގެންވާ ވާވަރަށް ހެކި ލިބިފައި ނުވާތީއެވެ. ދައުލަތުން އެންމެފަހުން ޝިޔާމްގެ މި މައްސަލަ އަނބުރާ ގެންގޮސްފައިމިވަނީ، ކްރިމިނަލް ކޯޓުން ކުރި އެ ހުކުމް އިސްތިއުނާފްވެސް ކޮށްފައިވަނިކޮށެވެ.
އެންމެ ފުރަތަމަ މި މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަނުން ބެލުމަށްފަހު ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވަނީ 2020 ވަނަ އަހަރެވެ. މައްސަލާގައި އޭސީސީން ދަޢުވާކުރުމަށް ފޮނުވާފައިވަނީ ޤާނޫނު ނަންބަރު 2/2000 (ކޮރަޕްޝަން ހުއްޓުވުމާ މަނާކުރުމުގެ ޤާނޫނު) ގެ 12 ވަނަ މާއްދާގެ (ހ) ގެ ދަށުން، މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާއެއް ހޯދައިދިނުމުގެ ކުށުގެ ދަޢުވާއާއި، ޤާނޫނު ނަންބަރު 9/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު)ގެ 513ވަނަ މާއްދާގެ (ށ)ގެ ދަށުން، ރަސްމީ ހައިސިއްޔަތު ނަހަމަގޮތުގައި ބޭނުންކޮށްގެން، އޭގެ ފައިދާ ލިބެން ނުޖެހޭ މީހަކަށް މަންފާއެއް ހޯދައިދިނުމުގެ ކުށުގެ ދަޢުވާއެވެ.
އެމް.އާރު.ސީ.ސީގެ ވީ.އައި.ޕީ ގޭގައި 18 ޖުލައި 2017 އިން 11 ޑިސެންބަރު 2018 ގެ ނިޔަލަށް، އެމް.އެން.ޑީ.އެފްގެ ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް (ރޓޑ) އަޙްމަދު ޝިޔާމުގެ ބައްޕަ ދިރިއުޅެފައިވެއެވެ. އެގޮތުން، އެމް.އެން.ޑީ.އެފްގެ މަރުކަޒެއްކަމަށްވާ އެމް.އާރު.ސީ.ސީގެ ވީ.އައި.ޕީ ގޭގައި މީހުން ބޭތިއްބުމުގައި ޢަމަލުކުރާނެ ވަކި ޚާއްސަ އުޞޫލެއް ނެތްނަމަވެސް، އެމް.އާރު.ސީ.ސީގެ ޢިމާރާތުގައި ހުރި ތަންތަނަކީ ސިފައިންގެ ޤާނޫނާއި ގަވާއިދުގައިވާ ގޮތުގެ މަތިން ޢަމަލުކުރެވޭ ތަންތަން ކަމަށްވާތީ، އެމް.އާރު.ސީ.ސީއަށް ހިނގާ އުޞޫލު އެތަނުގެ ވީ.އައި.ޕީ ގެއަށްވެސް ހިނގާނެކަން ފާހަގަވެފައިވެއެވެ.އެހެންކަމުން، އެމް.އާރު.ސީ.ސީގައި އާންމުންނަށް ދިރިނޫޅެވޭ އުޞޫލުން ވީ.އައި.ޕީ ގޭގައި އާންމުންނަށް ދިރިނޫޅެވޭނެކަން އެނގޭކަމަށް ވަނީ ބުނެފައެވެ.
އޭސީސީން މައްސަލަ ބެލުމަށްފަހު ވަނީ ވީ.އައި.ޕީ ގެއަކީ ސިފައިންގެ އެކިއެކި ބޭނުންތަކަށާއި، ސިފައިންގެ ޚިދުމަތްތަކަށް އަންނަ ޚާއްސަ ފަރާތްތައް ވަގުތީ ގޮތުން މަޑުކޮށްގެން ތިބުމަށް ބޭނުންކުރާ ތަނަކަށްވާއިރު، ދަޢުލަތުގެ މާލިއްޔާއިން ޚަރަދުކުރާ ތަނެއްގެ އިސް މަޤާމުތަކުގައި ތިބޭ ފަރާތްތަކުން، މަޤާމުގެ ނުފޫޒު ބޭނުންކޮށް އެތަނެއްގެ ވަޞީލަތްތައް އެ ފަރާތެއްގެ އަމިއްލަ ބޭނުންތަކަށް ބޭނުންކުރެވޭނެ ކަމަށް ދެކޭ ދުވަސްވީ ސަގާފަތެއް ދަޢުލަތުގެ މުއައްސަސާއެއްގެ ތެރޭގައި އޮތުމަކީ އެ ޢަމަލު ހުއްދަކުރާނެ ނުވަތަ ކޮރަޕްޝަން ހުއްދަވާނެ ކަމެއް ނޫންކަމަށް ފާހަގަކޮށްފައެވެ.
ކުރީގެ ޗީފް އޮފް ޑިފެންސްފޯސް ޝިޔާމަށް ކުރި ދައުވާ އަނބުރާ ގެންގޮސްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ