މުޅި މާލެ ސަރަހައްދުން ކަރަންޓު ދިޔުން ހުއްޓުވަން އަދިވެސް ފިޔަވަޅު އަޅަނީ
މުޅި މާލެއާއި ހުޅުމާލެއިން އެއް ފަހަރާ ކަރަންޓު ކެނޑުމުގެ ދެ މައްސަލައެއް ފާއިތުވި ތިން މަސް ތެރޭގައި ހިނގައިފައިވާއިރު، އެފަދަ މައްސަލަތައް ތަކުރާރުނުވާނެކަން ކަށަވަރުކުރަން މިހާރު ވެސް ފިޔަވަޅު އަޅަމުން އަންނަ ކަމަށް ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ މިއަދު ވިދާޅުވެއްޖެއެވެ. މިދިޔަ ޖޫން މަހުގެ އެއްވަނަ ދުވަހުގެ މެންދުރު މުޅި މާލެއާއި ހުޅުމާލެއިން ކުއްލިއަކަށް ކަރަންޓު ކެނޑި، ޚިދުމަތް ނުލިބި ހަ ގަޑިއެއްހާއިރު އޮތެވެ. އެއަށް ފަހު، މި މަހުގެ ނުވަވަނަ ދުވަހުގެ ހެނދުނު ވެސް މުޅި މާލެއާއި ހުޅުމާލެއިން ކަރަންޓު ކެނޑި، ޚިދުމަތް ލިބުނީ ދެ ގަޑިއިރާއި 30 މިނެޓްހާއިރު ފަހުންނެވެ. https://sun.mv/209689 އެ ދުވަހު ފަހުމީ ވަނީ ކަރަންޓު ކެނޑެން ދިމާވި މައްސަލަ ސްޓެލްކޯއަށް އެނގޭ ކަމަށާއި މައްސަލަ ހައްލުކުރާނެ ކަމަށް ވިދާޅުވެފައެވެ. ނަމަވެސް، މައްސަލައިގެ ތަފުސީލެއް ނުދެއްވައެވެ. އެ މައްސަލައާ ގުޅޭ ގޮތުން މިއަދު "ސަން"އިން ސުވާލުކުރުމުން ވެސް ކަރަންޓު ކެނޑޭ ސީދާ ސަބަބެއް ވިދާޅުނުވެ، ފަހުމީ ވިދާޅުވީ ސްޓެލްކޯގެ އެއްވެސް އިކުއިޕްމެންޓެއް ހަލާކުވުން ފަދަ ކަމެއް ދިމާނުވާ ކަމަށެވެ. ނަމަވެސް، އެ ދިމާވި މައްސަލަ ހައްލުކުރުމުގެ ގާބިލުކަން ސްޓެލްކޯގައި ހުރި ކަމަށް އޭނާ ވިދާޅުވިއެވެ. މި މަހު ޓޯޓަލް ބްލެކްއައުޓަކަށް ދިޔަ މައްސަލަ ހައްލުކޮށްފައިވީ ނަމަވެސް، އެ މައްސަލަ ތަކުރާރު ނުވާނެކަން ކަށަވަރުކުރުމަށް އަދިވެސް ފިޔަވަޅުތައް އަޅަމުން އަންނަކަން އޭނާ ފާހަގަކުރެއްވިއެވެ. "[މައްސަލަ ހައްލުކުރެވިފައިވީ ނަމަވެސް] އިތުރު މަސައްކަތްތައް ވެސް އެބަކުރަން މި ވީކެންޑުގައި ވެސް އަޅުގަނޑުމެން މަސައްކަތްތަކެއް އެބަކުރަން އިތުރަށް ރިޕީޓް ނުވާނެ ގޮތަށް، ހުރިހާ ކަމެއް ކުރަމުން މިދަނީ،" ފަހުމީ ވިދާޅުވިއެވެ. މިދިޔަ ޖޫން މަހު ކަރަންޓު ކެނޑުނު މައްސަލައިގެ ތަހުގީގެއް ކުރިއަށްގެންދަން ރައީސް ޑރ. މުހައްމަދު މުއިއްޒު އެންގެވުމާ ގުޅިގެން ފުލުހުން އަންނަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ. https://sun.mv/209703 އެ ތަހުގީގުގެ ނަތީޖާއާ ގުޅޭ މައުލޫމާތެއް ސްޓެލްކޯއަށް މިހާތަނަށް ލިބިފައިނުވާ ކަމަށް ފަހުމީ ވިދާޅުވިއިރު، މި މަހުގެ ނުވައެއްގައި ފުލުހުން ބުނެފައިވަނީ ތަހުގީގަށް އިބުތިދާއީ ހޯދުންތަކާއި މައުލޫމާތު އެއްކޮށްފައިވާ ކަމަށެވެ. އެ މައުލޫމާތަށް ބަލައި މައްސަލަ އިތުރަށް ތަހުގީގުކުރާ ކަމަށާއި، އެ މަސައްކަތްތައް ނިމުމުން ފާހަގަކުރެވުނު ކަންކަން ހިއްސާކުރާނެ ކަމަށް އެ މުއައްސަސާއިން ބުންޏެވެ. ރާއްޖޭގެ އާބާދީގެ ބޮޑު ބައެއް ދިރިއުޅެނީ މާލޭގައި ކަމަށްވާއިރު، ކުއްލިކުއްލިއަށް ކަރަންޓު ކެނޑުމުން އިލެކްޓްރިކް ސާމާނަށް ގެއްލުންވުން ފަދަ މައްސަލަތައް ދިމާވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ