ފިރިމީހާ ކައިވެނި ރުޖޫޢަކޮށްފިނަމަ އޮތީ ރުޖޫޢަކުރި ގޮތަށް ފާޑުކިޔުމެއް ނޫން! އަވަހަށް ރަޖިސްޓްރީކުރަން ހިތްވަރުދިނުން!

ފިރިމީހާއަށް ދިނުގައި ލިބިދޭ އިޚްތިޔާރުގެދަށުން ކައިވެނި ރުޖޫޢަކުރުމުން ރުޖޫޢަކުރި ގޮތާއިމެދު ފާޑުކިޔައި އެކަމަށް ހުރަސް އަޅަން މަސައްކަތްކުރާ ކަމުގެ ޝަކުވާތައް ލިބެއެވެ. އެހެންވެ ބުނެލަން ބޭނުންވަނީ ފިރިމީހާއަށް ލިބިދޭ ޙައްޤާއި އިޚްތިޔާރުގެ ދަށުން ރުޖޫޢަކޮށްފިނަމަ އެކަމަށް ހުރަސް އަޅަން މަސައްކަތްނުކުރާށެވެ! އެއިގެ ބަދަލުގައި ކައިވެނި އަވަހަށް ރަޖިސްޓްރީކުރަން ހިތްވަރުދޭށެވެ.  
ފިރިއަކު ކައިވެނި ރުޖޫޢަކުރާނީ ދެމަފިރިން ވަކިވާން ބޭނުން ނުވާތީއެވެ. އެކުގައި ދިރިއުޅެން ބޭނުންވާތީއެވެ. ވީމާ ހެޔޮއެދޭނަމަ އޮތީ އެދެމަފިރިން ގުޅި އެކުގައި އުޅުމަށް ހިތްވަރުދިނުމެވެ. ދެމަފިރިން ވަކިކޮށް ދުރުކުރުވަން މަސައްކަތްކުރުމެއް ނޫނެވެ.  
އެކަން ހުއްދަވާ ޝަރުޢީ ސަބަބެއް ނެތި ދެމަފިރިން ދުރުކުރުވަން މަސައްކަތްކުރުމަކީ ޝައިޠޯނުންގެ ކަމެކެވެ. ދެމަފިރިއަކު ޞުލްޙަކުރުވައި އެކުގައި އުޅެން ހިތްވަރުދިނުމަކީ ނުހަނު ގިނަގުނަ ޘަވާބު ދެއްވަވާ ކަމެކެވެ. އިން ޝާ ﷲ  
ތިރީގައިވާ ލިޔުންވެސް ވިދާޅުވެލައްވާށެވެ!  
"ދެމަފިރިއަކު ތިބީ ވަރިވެގެން. އަނބިމީހާ ކޯޓަށް ގޮސްގެން ވަރިވީ. އެހެންވެ ފިރިމީހާއަކާ ވާހަކައެއް ނުދައްކާ.
ޢިއްދައިގަ ދެމީހުން ކުރަނީ މެސެޖް. ދެން ފިރިމީހާ ރުޖޫޢަ ކޮށްފިން ކަމަށް ބުނެފަ މެސެޖްކުރީ. މެސެޖްކުރިކަން އަނބިމީހާ ޤަބޫލުކުރޭ،
މިޙާލަތުގަ މެސެޖަކުން ވީމާ އަނބިމީހާ ކަންފަތަށް އަޑު އިވޭ ގޮތަށް ނުބުނެވި މެސެޖްކުރެވުމަކީ ރުޖޫޢަ ނުވާނެ ސަބަބެއްތޯ؟" 
މި ސުވާލަށް ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް ދެއްވި ޖަވާބު:   
މެސެޖަކުންވެސް، ސިޓީއަކުންވެސް އަނގަބަހުންވެސް، އަދި މީހަކު މެދުވެރިކޮށްވެސް ފުރަތަމަ 2 ވަރީގެ ޢިއްދައިގައި ފިރިމީހާ "ކައިވެނި ރުޖޫޢަކޮށްފީމޭ" ބުނެފިނަމަ ކައިވެނި ރުޖޫޢަވާނެއެވެ. އިސްތިސްނާވާނީ ހަމައެކަނި ޚުލްޢު ވަރި އެވެ. 
ޚުލްޢުވަރިއަކީ އަނބިމީހާ ވަރިވާން ބޭނުންވެގެން، ފިރިމީހާ އޭނާއަށް ހަދިޔާ އަނބުރާ ދީފައި ވާވަރިއެވެ. އެފަދަ ވަރިއެއްގައި ރުޖޫޢަކުރުމުގެ ޙައްޤު ފިރިމީހާއަކަށް ނުވެއެވެ.  
އޯޑިއޯ:
 
 
 
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ