މުޅި އައްޑޫއަށް އަލުން ކަރަންޓު ދިނީ ދޮޅުގަޑިއިރެއްހާއިރު ފަހުން

ރޭ މުޅި އައްޑޫ ސިޓީން ކަރަންޓު ކެނޑުނުތާ ދޮޅު ގަޑިއިރެއްހާއިރު ފަހުން އެ ސިޓީގެ އަވަށްތަކަށް އަލުން ކަރަންޓު ދީފިއެވެ. އައްޑޫ ފެނަކަ ބްރާންޗްގެ ވައިބާ ޗެނަލްގައި ހިއްސާކޮށްފައިވާ މައުލޫމާތުގައިވާ ގޮތުން، މުޅި އެ ސިޓީން ކަރަންޓު ކެނޑުނީ އިންޖީނަކަށް ދިމާވި މައްސަލައަކާ ގުޅިގެންނެވެ. އެކަމަކު ސީދާ މައްސަލައިގެ ތަފުސީލެއް ހާމަ ނުކުރެއެވެ. އައްޑޫން ކަރަންޓު ކެނޑުނީ ރޭ 11:15 ހާއިރެވެ. https://sun.mv/208801 ރޭ ދަންވަރު 12:48 ހާއިރު އައްޑޫ ފެނަކަ ބްރާންޗުގެ ވައިބާ ޗެނަލްގައި ހިއްސާކޮށްފައިވާ މައުލޫމާތުގައިވާ ގޮތުން، އައްޑޫގެ ހުރިހާ އަވަށްތަކަށް ދޮޅުގަޑިއިރެއްހާއިރު ތެރޭ ވަނީ ކަރަންޓު ދީފައެވެ. އައްޑޫގެ ކަރަންޓުގެ މައްސަލަ ހައްލު ނުވެ މިހާރު ވަނީ ދުވަސްތަކެއް ވެފައެވެ. މިދިޔަ ރޯދަ މަހު ވެސް އައްޑޫގައި މެދުނުކެނޑި ކަރަންޓު ކެނޑުމުގެ ސަބަބުން ރައްޔިތުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އައްޑުއަށް ކުރިމަތިވެފައިވާ ކަރަންޓުގެ މައްސަލަ ހައްލުކުރުމަށް މިދިޔަ މާޗް މަހުގެ 13ވަނަ ދުވަހު އެ ސިޓީއަށް އެއް މެގަވޮޓުގެ ޖެނެރޭޓަރު ސެޓެއް ގެންދިޔައެވެ. އެއަށްފަހު ހަމަ އެ މަހުގެ 25ވަނަ ދުވަހު ވަނީ 1.8 މެގަވޮޓްގެ އިތުރު ޖަނަރޭޓަރެއް އެ ސިޓީއަށް ފޮނުވައިފައެވެ. އެ ޖަނަރޭޓަރު އޮޕަރޭޝަނަށް ގެނައީ މާޗް މަހުގެ 31ވަނަ ދުވަހުގައެވެ. ރާއްޖޭގެ ދެވަނައަށް އެންމެ ބޮޑު އާބާދީ އޮތީ އައްޑޫގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ