ޗައިނާއާ ގުޅުންހުރި ހެކަރުންގެ އަމާޒަކަށް ޓައިވާނުގެ ޗިޕް އިންޑަސްޓްރީ
ޗައިނާއާ ގުޅުންހުރި ހެކަރުންގެ ޓީމުތަކުން، ދުނިޔޭގެ ޗިޕް ސަޕްލައި ޗެއިނަށް ނުހަނު މުހިންމު ޓައިވާނުގެ ސެމީކޮންޑަކްޓާ އިންޑަސްޓްރީއަށާއި، އެ ދާއިރާގެ މާލީ ހިސާބުތައް ދިރާސާކުރާ އެނަލިސްޓުންނަށް އަމާޒުކޮށް ސައިބާ ހަމަލާތައް ވަރަށް ބޮޑަށް އިތުރުކޮށްފައިވާ ކަމަށް، ސައިބާ ސެކިއުރިޓީ ކުންފުނި ޕްރޫފްޕޮއިންޓްގެ އާ ރިޕޯޓަކުން ހާމަކޮށްފިއެވެ. މި ހަމަލާތައް މި އަހަރުގެ މާޗް މަހުން ފެށިގެން ޖޫން މަހުގެ ނިޔަލަށް ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. ޕްރޫފްޕޮއިންޓް އިން ފާހަގަކޮށްފައިވާ ގޮތުގައި، މި މުއްދަތުގެ ތެރޭގައި ޗައިނާއާ ގުޅުންހުރި ތިން ހެކިން ގްރޫޕަކުން ވަނީ ހަރަކާތްތެރިވެފައެވެ. މި ހަމަލާތައް އައިސްފައި މިވަނީ އެމެރިކާއިން ޗައިނާއަށް އެޑްވާންސްޑް ޗިޕް ވިއްކުން ހުއްޓުވުމަށް ހަރުކަށި ފިޔަވަޅުތަކެއް އަޅާފައިވާ ދަނޑިވަޅެއްގައެވެ. ޕްރޫފްޕޮއިންޓް އިން ވަކި ކުންފުނިތަކެއްގެ ނަން ހާމަނުކުރި ނަމަވެސް، ރޮއިޓާސް އިން ރިޕޯޓުކޮށްފައިވާ ގޮތުގައި މި ހަމަލާތައް ގާތްގަނޑަކަށް 15 އާއި 20 އާ ދެމެދުގެ އަދަދެއްގެ ކުންފުނިތަކާއި ޖަމާއަތްތަކަށް އަމާޒުވެފައިވެއެވެ. އޭގެ ތެރޭގައި ޓައިވާނުގެ ކުދިކުދި ޓެކްނޮލޮޖީ ކުންފުނިތަކުގެ އިތުރުން، އެމެރިކާގެ ބޮޑު ބޭންކެއްގައި މަސައްކަތްކުރާ އެނަލިސްޓުންނާއި، ދުނިޔޭގެ އެންމެ ބޮޑެތި ޓެކް ކުންފުނިތައް ވެސް ހިމެނެއެވެ. ހަމަލާ ދިނުމުގައި ބޭނުންކުރި އެއް އުކުޅަކީ، ޓައިވާނުގެ ޔުނިވާސިޓީތަކުގެ އީމެއިލް އެކައުންޓްތައް ވަގަށް ނަގައި، ވަޒީފާ ހޯދާ މީހުންގެ ގޮތުގައި ހެދިގެން ޗިޕް އިންޑަސްޓްރީގެ ކުންފުނިތަކަށް އީމެއިލް ކުރުމެވެ. މި އީމެއިލްތަކާއެކު، މެލްވެއާ (ވައިރަސް) ހިމެނޭ އެންކްރިޕްޓް ކުރެވިފައިވާ ފައިލްތައް ފޮނުވައިގެން އެ ކުންފުނިތަކުގެ ނެޓްވޯކަށް ވަނުމަށް މަސައްކަތް ކޮށްފައިވެއެވެ. އަނެއް ހެކިން ގްރޫޕަކުން ވަނީ އޮޅުވާލައިގެން "ބޮގަސް"ގެ ނަމުގައި އިންވެސްޓްމަންޓް އެޑްވައިޒަރީ ކުންފުންޏެއް އުފައްދައި، ޕާޓްނާޝިޕް ހެދުމުގެ ނަމުގައި ޓައިވާނުގެ ޗިޕް ސެކްޓާ ދިރާސާކުރާ އެނަލިސްޓުންނާ ގުޅައި، މައުލޫމާތު ހޯދުމަށް މަސައްކަތްކޮށްފައެވެ. ޓައިވާނުގެ އަމިއްލަ ސައިބާ ސެކިއުރިޓީ ކުންފުނި ޓީމްޓީ5 އިން ވެސް ވަނީ ޗިޕް އިންޑަސްޓްރީއަށް އަމާޒުކޮށް ފޮނުވާ ފިޝިން އީމެއިލްތައް އިތުރުވެފައިވާކަން ފާހަގަކޮށް، މިއީ ދިގު މުއްދަތެއްގައި ހުރި ނުރައްކަލެއް ކަމަށް ބުނެފައެވެ. އެ ކުންފުނިން ބުނާ ގޮތުގައި ޗައިނާއާ ގުޅުންހުރި ހެކަރުން އަބަދުވެސް ޓައިވާނުގެ ސެމީކޮންޑަކްޓަރު ސަޕްލައި ޗެއިންއަށް ޝައުގުވެރިކަން ދެއެވެ. ޖޫން މަހު ޓީމްޓީ5 އިން ވަނީ "އަމީބާ" ނަމަކަށް ކިޔާ ޗައިނާގެ ހެކިން ގްރޫޕަކުން، ޗިޕް އުފެއްދުމަށް ބޭނުންވާ މުހިންމު ކެމިކަލްތައް އުފައްދާ ކުންފުންޏަކަށް އަމާޒުކުރި ހަމަލާއެއް ޓްރެކްކޮށްފައެވެ. މިއިން ދޭހަވަނީ ހަމައެކަނި ޗިޕް އުފައްދާ ކުންފުނިތަކަށް ނޫން ކަމާއި، އެ އިންޑަސްޓްރީއާ ގުޅުންހުރި ހުރިހާ ފަރާތްތަކަކީ ވެސް ހަމަލާގެ އަމާޒެއް ކަމެވެ. މިކަމާ ގުޅިގެން ޗައިނާގެ އެމްބަސީގެ ތަރުޖަމާނަކު ވިދާޅުވީ، ސައިބާ ހަމަލާތަކަކީ ހުރިހާ ގައުމަކަށް ވެސް ކުރިމަތިވާ ނުރައްކަލެއް ކަމަށާއި، ޗައިނާއިން ހުރިހާ ބާވަތެއްގެ ސައިބާ ކްރައިމްއާ ދެކޮޅު ހަދާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ