ދިރިހުރިނަމަ ގާސިމް ވާދަނުކުރައްވާނެ ގޮތެއް ނޯންނާނެ: ޖުމްހޫރީ ޕާޓީ

"އޮނަރަބަލް ގާސިމް އިބްރާހިމް ވާދަނުކުރައްވާނެ އެއްވެސް ހާލެއް ނާންނާނެ. ނޯޓްކޮށްލައްވާ! އޮނަރަބަލް ގާސިމް އިބްރާހިމް ވާދަކުރައްވާނެ 2023 ގައި ﷲގެ ވާގިފުޅާއެކު،
ސެޕްޓެންބަރު ނުވަވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބުގައި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވާދަނުކުރައްވާނެ ހަމައެކަނި ހާލަތަކީ އެމަނިކުފާނު ދުނިޔޭގައި ނެތުން ކަމަށާ އެ ނޫން ކޮންމެ ހާލަތެއްގައި އެމަނިކުފާނު ވާދަކުރައްވާނެ ކަމަށް އެ ޕާޓީން ބުނެފި އެވެ.
ރިޔާސީ އިންތިހާބުގައި ގާސިމް ވާދަކުރައްވާނެ ކަމާމެދު އަދިވެސް ބައެއް ފަރާތްތަކުން ސުވާލު އުފައްދައެވެ. އެންމެ ފަހު ވަގުތު ގާސިމްގެ ނަން ނަންގަވާ އެހެން ކެންޑިޑޭޓަކަށް ތާއީދު ކުރައްވާނެ ކަމަށް ދެކޭ މީހުންވެސް އެބަ ތިއްބެވެ. ބައެއް މީހުން އެގޮތަށް ދެކެނީ ގާސިމް މީގެ ކުރީން ވާދަކުރެއްވި ދެ އިންތިހާބު -- 2008 ވަނަ އަހަރުގެ ރިޔާސީ އިންތިހާބާއި 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ކެމްޕެއިން ތައްޔާރުވި މިންވަރަށް ގާސިމް ތައްޔާރުވެވަޑައިގަންނަވާ މަންޒަރު މި ފަހަރު ފެނިގެން ނުދިއުމެވެ.އެކަމާއި ގުޅޭގޮތުން ސުވާލުކުރުމުން، ޖުމްހޫރީ ޕާޓީން މިއަދު ބޭއްވި ނޫސްވެެރީންގެ ބައްދަލްވުމެއްގައި ގާސިމްގެ ސްޕެޝަލް އެންވޯއީ އިލްހާމް އަހްމަދު ވަނީ އެ ސުވާލު އުފައްދާ މީހުންނަށް ވަރުގަދަ ޖަވާބެއް ދެއްވާފައެވެ. ވިދާޅުވީ ޖޭޕީގެ ރިޔާސީ ޓިކެޓް މާދަމާ ރޭ ގާސިމް އިބްރާހިމާއި ރަސްމީކޮށް ހަވާލު ކުރައްވާނެ ކަމަށެވެ. އަދި ރިޔާސީ އިންތިހާބުގެ ކެންޑިޑޭޓުންނަށް ފޯމް ހުށައެޅުމަށް ހުޅުވާލުމުން ފޯމް ވެސް ހުށައަޅުއްވާނެ ކަމަށެވެ. އެ ހާލަތުގައި ވެސް ސުވާލު އުފައްދާ މީހުން ސުވާލު އުފައްދާނެ ކަމަށެވެ.އިލްހާމް ވަނީ ރިޔާސީ އިންތިހާބުގައި، ގާސިމް އިބްރާހިމް ވާދަނުކުރައްވާނެ އޮތީ އެންމެ ހާލަތެއް ކަމަށް ވިދާޅުވެ ތަފްސީލު ކޮށް ދެއްވާފައެވެ."އޮނަރަބަލް ގާސިމް އިބްރާހިމް ވާދަނުކުރައްވާނެ އެއްވެސް ހާލެއް ނާންނާނެ. ނޯޓްކޮށްލައްވާ! އޮނަރަބަލް ގާސިމް އިބްރާހިމް ވާދަކުރައްވާނެ 2023 ގައި ﷲގެ ވާގިފުޅާއެކު. އިތުރު އެއްވެސް ހާލަތެއް ނާންނާނެ އޮނަރަބަލް ގާސިމް އިބްރާހިމް، ވާދަނުކުރެވޭ ހާލަތަކީ އެއީ އިންސާނަކަށް ވާދަނުކުރެވޭނެ ހާލަތެއްގައި މެނުއީ ވާދަނުކުރާނެ ހާލަތެއް ނާންނާނެ. ދިރިހުރިކަން ކަށަވަރުވާ ހިނދަކު އޮނަރަބަލް ގާސިމް އިބްރާހިމް 2023 ގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެ،" އިލްހާމް ވިދާޅުވި އެވެ.
އިލްހާމް ވިދާޅުވީ ސިޔާސީ ބައެއް ބޭފުޅުން ގާސިމް އިބްރާހިމް ވާދަކުރައްވާތީ ޖެހިލުންވެވަޑައިގަންނަވާ ކަމަށެވެ. އަދި ކުރީން އެމަނިކުފާނު ވާދަކުރެއްވި ކޮންމެ އިންތިހާބެއްގައި ވެސް އެމަނިކުފާނާއި ދެކޮޅަށް ތަފާތު ކަންކަން ކުރައްވާފައިވާ ކަމަށެވެ. އެ ގޮތުން ސަރުކާރުގެ ތެރެއިން ގާސިމްގެ ވިޔަފާރިތަކަށް ދަތި ކުރި ކުރުން ފާހަގަ ކުރެއްވި އެވެ.ވިދާޅުވީ ގާސިމް ހުންނެވީ އެކަންކަން ކުރިމަތިކުރެއްވިޔަސް ރިޔާސީ ރޭހުން ފެއަށް ޖެހިވަޑައިގަންނަވާ ގޮތަށް ނޫން ކަމަށެވެ. އަދި ތަކުރާރުކޮށް ވިދާޅުވީ ގާސިމް ވާދަނުކުރައްވާނެ ކަަމަށް ވާހަކަ ދައްކާ ހުއްޓަވާލައްވަން ޖެހިވަޑައިގަންނަވާ ކަމަށެވެ."ދަތިކުރިޔަސް، އުނދަގޫ ކުރިޔަސް، ޖެއްސުން ކުރިޔަސް، ހިތަށް ދަތިކުރާ ކިތަންމެ ކަމެއް ކުރި ނަމަވެސް އޮނަރަބަލް ގާސިމް އިބްރާހިމް، 2023 ގައި ވާދަކުރައްވާނެ،" އިލްހާމް ވިދާޅުވި އެވެ.ގާސިމް އިބްރާހިމަށް ރިޔާސީ ޓިކެޓް އެރުވުމަށް މާދަމާ ރޭ ކުލަގަދަ ޖަލްސާއެއް ބާއްވާނެ ކަަމަށް އެ ޕާޓީން މިއަދު ބުންޏެވެ. މާދަމާ ރޭގެ ޖަލްސާގައި ހަތަރުހާހެއްހާ މީހުން ބައިވެރިވާނެ ކަމަށާ ނަމަވެސް ޖަލްސާއަށް ހާއްސަކޮށް އަތޮޅުތަކުން މީހުން ނުގެންނާނެ ކަމަށެވެ.މާދަމާ ރޭގެ ޖަލްސާއަކީ މިހާތަނަށް ކެންޑިޑޭޓަކަށް ރިޔާސީ ޓިކެޓް ހަވާލު ކުރުމަށް ބޭއްވޭ އެންމެ ކުލަގަދަ ޖަލްސާއަސް ވެގެން ދާނެ ކަމަށްވެސް އެ ޕާޓީން ބުންޏެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ